މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ މަޖުދުއްދީން ދަނާލުގައި ހިނގި ހިތާމަވެރި ހާދިސާއެއްގައި ފުލުހުން އިހުމާލުވި ކަމަށް ކުރެވޭ ތުހުމަތުތައް ތަހުގީގު ކުރަން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން ނިންމައިފިއެވެ.
މި މައްސަލައަކީ ބުދަ ދުވަހުގެ ރޭ މަޖުދުއްދީން ދަނާލުގައި 18 އަހަރުގެ އަންހެން ކުއްޖަކު ނިޔާވި ހާދިސާއާ ގުޅިގެން ފެންމަތިވި މައްސަލައެކެވެ. އެ ހާދިސާ ހިނގި ވަގުތު އެ ކުއްޖާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ދިވެހި ފުލުހުންގެ ހިދުމަތުން އިހުމާލުވެފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ހާދިސާގައި ދިވެހި ފުލުހުންގެ ހިދުމަތުން ނުވަތަ އެ ހިދުމަތުގެ އެއްވެސް މުވައްޒަފަކު، ގާނޫނާއި ގަވާއިދާ ނުވަތަ ކަނޑައެޅިފައިވާ އުސޫލުތަކާ ހިލާފަށް އަމަލުކޮށްފައިވޭތޯ ބެލުމަށް ނިންމާފައިވާ ކަމަށެވެ. މި ތަހުގީގު ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ގާނޫނު ނަންބަރު 27/2015 (ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ ގާނޫނު) ގެ 37 ވަނަ މާއްދާގެ ދަށުން، ކޮމިޝަނުގެ އަމިއްލަ އިސްނެގުމުގެ މަތީންނެވެ.
އެންއައިސީން އިތުރަށް ބުނެފައިވަނީ، މިއީ އާންމު މަސްލަހަތާ ގުޅިފައިވާ މުހިންމު މައްސަލައަކަށް ވާތީ، މިކަމުގައި ފުލުހުންގެ އަމަލުތައް ހުރި ގޮތް ވަރަށް ފުރިހަމައަށް ބަލައި ތަހުގީގު ކުރާނެ ކަމަށެވެ.
މިހާދިސާ އާ ގުޅިގެން ފުލުހުންނަށް ކުރަމުންދާ ތުހުމަތުތަކާއެކު، ފުލުހުންގެ އެއްވެސް އިހުމާލެއް އޮތްތޯ ބެލުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ނިންމާފައިވާއިރު، މިއަދު ހެނދުނު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ ފުލުހުންނަށް ކުރަމުންދާ ތުހުމަތުތައް ދޮގުކުރައްވާފައެވެ. އެގޮތުން މިނިސްޓަރު ވިދާޅުވީ ފުލުހުންނަށް ގުޅަން އެ ޒުވާނާ މަސައްކަތް ކުރި ކަމަށް ސޯޝަލް މިޑިއާގައި ފަތުރަމުންދާ ވާހަކައަކީ ކަނޑައެޅިގެން ދޮގު މައުލޫމާތު ކަމަށެވެ. އަދި މިފަދަ ނަފްސާނީ ކަންކަމުގެ މައްސަލަތަކުގައި ހަގީގަތާ ހިލާފު ވާހަކަތައް ނުފެތުރުމަށް އިހުސާން ވަނީ އެދިވަޑައިގެންފައެވެ.
ދަނާލުގައި ހިނގި ހާދިސާގައި ފުލުހުން އިހުމާލުވި ކަމަށް ބުނާ މައްސަލަ އެންއައިސީން ބަލަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ