މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ތެލުގެ އަގު ބޮޑުވެފައިވާތީ އާއި އިމާރާތްކުރަން ބޭނުންވާ ތަކެތި ލިބުން ދަތިވެފައިވާތީ މި ސަރުކާރުގެ ބުރިޖު މަސައްކަތާއި ބިން ހިއްކުން ހިމެނޭހެން ސަރުކާރުގެ މަޝްރޫއުތައް ނިންމުން ލަސްވާނެ ކަމަށް ކޮންސްޓްެރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - އެ މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއްތަލިބު ވިދާޅުވީ މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން، އިމާރާތްކުރުމުގެ ތަކެތި ލިބުން ދަތިވެފައިވާ ކަމަށެވެ. އަދި ގިނައިން ތެޔޮ ބޭނުންކޮށްގެން ކުރަން ޖެހޭ ބިން ހިއްކުމާއި ބަނދަރުގެ މަސްކަތްތަައް ކުރިއަށް ގެންދަން ވެސް ދަތިވެފައިވާ ކަމަށް ވިދާޅުވި އެވެ.
މުއްތަލިބު ވިދާޅުވީ ސަރުކާރުގެ މިވަގުތު އަމާޒަކީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ދަތިކަމެއް ނެތި ފޯރުކޮށްދިނުން ކަމަށާއި އެއަށް ފަހު މަޝްރޫއުތަކުގެ މަސައްކަތްތައް ކުރިއަށް ގެންދިއުން ކަމަށެވެ.
ބުނީ ކީކޭ؟ - މީގެ ތެރޭގައި މި އަހަރު ނިންމާ ގޮތަށް އޮތް ވިލިމާލެ ބުރިޖުގެ މަސައްކަތުގެ ޓައިމްލައިނަށާއި ބިން ހިއްކުމުގެ މަސައްކަތުގެ ޓައިމްލައިނަށް ވެސް ބަދަލު އަންނާނެ ކަމަށް ވިދާޅުވި އެވެ.
އެގޮތުން ބްރިޖުގެ މަޝްރޫއާ ބެހޭ ގޮތުން ވިދާޅުވީ:
މި މަޝްރޫއު ނިންމަން ކޮންޓްރެކްޓަރަށް އިތުުރު ޖޫރިމަނާއެއް ނާންނަ ގޮތަށް އެއްބަސްވުން ބަދަކުކުރަން މިހާރު ވަނީ ނިންމާފައި
މިހާރުގެ ލަފާކުރެވޭ މުއްދަތަކީ 2027ގެ ފަހުކޮޅު
މިވަގުތު ބްރިޖުގެ މަސައްކަތް ހުއްޓުމަކީ އެއްވެސް ބައެއްގެ މަސްލަހަތެއް ނޫން؛ އެއްބައި ނިމިފައިވާ ބްރިޖަކީ ބްރިޖެއް ނެތް ފަދަ ކަމެއް
އެހެންކަމުން ވީހާވެސް އަވަހަކަށް ބްރޖް ނިންމަން އިންޑިއާގެ ކުންފުންޏަށް އެހީތެރިވެދިނުމަކީ ސަރުކާރުގެ އެންމެ ބޮޑު ވިސްނުން
އެގޮތަށް ނިންމީ، ކޮންޓްރެކްޓަރު ބަދަލުކުރަން ޖެހޭ ހާލަތުގައި ސަރުކާރަށް ވެސް ގެއްލުންވެ، ބްރިޖުގެ މަސައްކަތް ނިންމުން އިތުރަށް ލަސްވާނެތީ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ބިން ހިއްކުމުގެ މަޝްރޫއުތަކާ ގުޅޭ ގޮތުން ވިދާޅުވީ:
ރަސްމާލެ މަޝްރޫއުގެ %50އަށް ވުރެ ބޮޑު ބައެއް މިހާރު ވަނީ ހިއްކިފައި
ބާކީ ބައި ހިއްކާ ނިންމުމުގެ ތާރީހަށް ހަނގުރާމައިގެ ދަތިތަކާ ގުޅިގެން ބަދަލު އައުން އެކަށީގެންވޭ
ނަމަވެސް މިހާރު ހުޅުވާލާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ބިންތައް ހަވާލުކުރަންވާއިރަށް އެތަންތަން ނިމޭނެ ކަމަށް ބެލެވޭ
"އަޅުގަނޑުމެންގެ އަމާޒަކީ މަސައްކަތް ނުހުއްޓި ވީހާވެސް އަވަހަކަށް މަސައްކަތް ނިންމާލުން. ނަމަވެސް ކަނޑައަޅާފައިވާ ތާރީހުތަކުގައި މަޝްރޫއުތައް މިހާރު ނުނިމޭނެ،" މުއްތަލިބު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުން މިވަގުތުގެ އަމާޒަކީ ވީހާވެސް ހަރަދު ކުޑަވާނެ ގޮތަކަށް މަޝްެރޫއުތައް ކުރިއަށް ގެންދިއުމެވެ. އެއްވެސް މަޝްރޫއެއް ހުއްޓާލުމުގެ ބަދަލުގައި މަޝްރޫއުތަކުގެ ޓައިމްލައިނަށް ބަދަލުތަކެއް ގެނެސްގެން ކުރިއަށް ގެންދިއުމުގެ ވިސްނުން ހުރި ކަމަށް ވިދާޅުވި އެވެ.
"އެއްގޮތަކަށް ވެސް މިއީ އަޅުގަނޑުމެންގެ ކޮންޓްރޯލުގައި އޮތް ކަމެއް ނޫން. ސަރުކާރުން އެންމެ އިސްކަންދެނީ ރައްޔިތުންނަށް ދޭން ޖެހޭ އަސާސީ ހިދުމަތްތައް ވީހާވެސް ރަނގަޅަކަށް ކުރިއަށް ގެންދިއުމަށް ފަހު ދެން ހުރި ކަންކަން ކުރިއަށް ގެންދިއުން. މިިގޮތަށް ކަންކަން ކުރާއިރު ސަރުކާރުގެ މަޝްރޫއުތަކުގެ ޓައިމްލައިނަށް ބަދަލު އައުން އެކަށީގެންވޭ،" މުއްތަލިބު ވިދާޅުވި އެވެ.
އެނގުން މުހިންމު - އިންޑިއާގެ ލޯނު އެހީގައި ކުރީގެ ސަރުކާރުން ފެށި ވިލިމާލެ ބްރިޖުގެ މަސައްކަތް ލަސްވާތީ ރައީސް މުހައްމަދު މުއިއްޒު މި ފަހުން ވަނީ ހިތްހަމަނުޖެހުން ފާޅުކުރައްވައިފަ އެވެ.
ހަނގުރާމައިގެ ދަތިތަކާ ހުރެ ބްރިޖާއި ބިން ހިއްކުން ފަދަ މަޝްރޫއުތައް ލަސްވާނެ: މިނިސްޓަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ