ޝަހީދުންގެ ދުވަސް ފާހަގަކުރަން ޚާއްސަ ސިންތާއެއް ބާއްވައިފި
މި އަހަރުގެ ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ޚާއްޞަ ސިންތާއެއް ރޭ ބާއްވައިފިއެވެ. އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި އޮތް މި ހަރަކާތުގައި ދިވެހިރާއްޖޭގެ މިނިވަންކަމުގެ ދިފާޢުގައި ޝަހީދުންވެވަޑައިގެންނެވި ބޭފުޅުންގެ ޤުރުބާނީގެ މައްޗަށް ތިން ދާއިރާއަކުން އަލިއަޅުވާލިއެވެ. އެއީ، ރާއްޖޭގެ މިނިވަންކަމަށް ލޮޅުން އަރަން ދިމާވި މައިގަނޑު ހާދިސާތަކާއި މި ފަދަ ހާދިސާތައް މެދުވެރިވާން ދިމާވި އެކި ސަބަބުތަކާއި އެ ހާލަތްތަކުގައި ދީނާ ޤައުމުގެ ޙައްޤުގައި ޖިހާދުކުރެއްވި އަބުޠާލުންނާއި ޝަހީދުވި ބޭފުޅުންގެ ޤުރުބާނީން ލިބިގަންނަވި އިބްރަތްތައް ކަމަށް ވުޒާރާއިން ވަނީ ބުނެފައެވެ. ރޭ ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ސިންތާގެ ތެރެއިން -- ފޮޓޯ/ މިނިސްޓްރީ މި ސިންތާގައި ދިވެހިބަހުގެ ވުޒާރާގެ ފަރާތުން މައުލޫމާތު ދެއްވީ، ދިވެހި ޤައުމިއްޔަތުގެ ތާރީޚު އިސްވާރު ކަށިމާ އަޙްމަދު ޝާކިރެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން އެ ވުޒާރާގެ ވާޢިޡު އަޙްމަދު ފަހުމީއާއި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ފަރާތުން ކާނަލް ޙުސައިން ޢަލީ ވާހަކަދެއްކެވިއެވެ. ރާއްޖޭގައި ޝަހީދުންގެ ދުވަސް ފާހަގަކުރަނީ 1558ވަނަ އަހަރު ޕޯޗުގީޒުން ރާއްޖެއަށް ދިން ހަމަލާގައި އިސްލާމްދީނާއި ދިވެހި ޤައުމުގެ ދިފާޢުގައި ޝަހީދުވި އަލިރަސްގެފާނަށް ނިސްބަތްކޮށެވެ. ރޭގެ ސިންތާގައި އެ ހާދިސާގެ އިތުރުން ރާއްޖޭގެ ދިފާޢުގައި ޝަހީދުވި އެންމެހައި ޝަހީދުންގެ ޒިކުރާ ވަނީ އާކޮށްފައެވެ. https://sun.mv/216916 އެ ހަފުލާގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު ވިދާޅުވީ، ދިވެހީންގެ ހިތްތަކުގައި ޤައުމީ ވިސްނުން ހަރުދަނާކުރައްވަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޚާއްޞަ އިސްކަމެއް ދެއްވަނީ ދިވެހީންގެ ސަލާމަތް ކަށަވަރު ކުރެއްވުމަށްޓަކައި ކަމަށެވެ. އަދި، ދިވެހީންގެ މާޒީގެ ޙަޤީޤަތްތައް މިއަދުގެ ޖީލުތަކާ ހަމައަށް ގެނެސްދެއްވުމަކީ ރައީސް ވަރަށް ޚާއްޞަ އިސްކަމެއް ދެއްވާ ކަމެއް ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. މި ރަސްމިއްޔާތުގައި ދައުލަތަށް ޚިދުމަތްކުރެއްވި ބައެއް ޢިއްޒަތްތެރީންނާއި ސަރުކާރާއި ކުންފުނިތަކުގެ ބައެއް އިސްވެރީންނާއި ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ