އިނގިރޭސިން ޗާގޯސް މޮރިޝަސްއާ ހަވާލުކުރުމަކީ ބޮޑު މޮޔަކަމެއް: ޓްރަމްޕް

ޗާގޯސް އައިލެންޑްސް މޮރިޝަސްއާ ހަވާލުކޮށް، އެ ތަނުގެ މުހިންމު އަސްކަރީ މަރުކަޒު އަނބުރާ ކުއްޔަށް ހިފުމަށް އިނގިރޭސިވިލާތުން ނިންމި ނިންމުމަކީ "ބޮޑު މޮޔަކަމެއް" ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިއަދު ސިފަކުރައްވައިފި އެވެ.
މިދިޔަ މެއި މަހު އިނގިރޭސިވިލާތުން ސޮއިކުރި 3.4 ބިލިއަން ޕައުންޑް (4.6 ބިލިއަން ޑޮލަރު)ގެ މި އެއްބަސްވުމުގެ ދަށުން، ޗާގޯސްގެ އެންމެ ބޮޑު ރަށް ކަމަށްވާ ޑިއޭގޯ ގާސިއާގައި އޮންނަ އިނގިރޭސިވިލާތާއި އެމެރިކާގެ ގުޅިފައިވާ އަސްކަރީ މަރުކަޒުގެ ކޮންޓްރޯލް އިނގިރޭސިވިލާތަށް ލިބޭނެ އެވެ.
މީގެ ކުރިން ޓްރަމްޕް ވަނީ އެ އެއްބަސްވުމަށް ތާއީދުކުރައްވާ ކަމުގެ އިޝާރާތެއް ކުރައްވާފަ އެވެ. އަދި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވެސް ވަނީ މިއީ "ބޮޑު ކާމިޔާބީއެއް" ކަމަށް ވިދާޅުވެ އެކަމަށް ތައުރީފު ކުރައްވާފަ އެވެ.
ނަމަވެސް، ސޯޝަލް މީޑިއާގައި އިއްޔެ ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވަނީ މި މައްސަލަ އާއި ގްރީންލޭންޑް ހޯއްދެވުމަށް އޭނާ ކުރައްވާ މަސައްކަތާ ސީދާ ގޮތެއްގައި ގުޅުވާފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި، މިއީ ގައުމީ ސަލާމަތަށްޓަކައި ގްރީންލޭންޑް ހޯދަންޖެހޭ ސަބަބުތަކުގެ ތެރެއަށް އިތުރުވި ކަމެކެވެ.
"ހައިރާންވާ ފަދަ ގޮތަކަށް، އަޅުގަނޑުމެންގެ 'މޮޅު' ނޭޓޯގެ އެކުވެރިޔާ އިނގިރޭސިވިލާތުން މިހާރު ތައްޔާރުވަނީ އެއްވެސް މަގުބޫލު ސަބަބެއް ނެތި، އެމެރިކާގެ މުހިންމު އަސްކަރީ މަރުކަޒެއް އޮންނަ ޑިއޭގޯ ގާސިއާ މޮރިޝަސްއަށް ދޫކޮށްލަން،" ޓްރަމްޕްގެ 'ޓްރޫތް ސޯޝަލް' ޕްލެޓްފޯމުގައި ކުރެއްވި އެ ޕޯސްޓުގައި ވިދާޅުވި އެވެ.
"މިއީ ފިނޑި އަމަލެއްކަން ޗައިނާ އާއި ރަޝިޔާއަށް ފާހަގަވާނެކަމާ މެދު އެއްވެސް ޝައްކެއް ނެތް."
ޓްރަމްޕް ވިދާޅުވީ އިނގިރޭސިވިލާތުން އެހާ މުހިންމު ތަނެއް ދޫކޮށްލުމަކީ "ބޮޑު މޮޔަކަމެއް" ކަމަށެވެ.
މި އެއްބަސްވުމުގެ ދަށުން، ޗާގޯސް ޖަޒީރާގެ ސިޔާދަތީ ބާރު މޮރިޝަސްއާ ހަވާލުކުރަން އިނގިރޭސިވިލާތުން އެއްބަސްވި ނަމަވެސް، ޑިއޭގޯ ގާސިއާގައި އޮންނަ އަސްކަރީ މަރުކަޒުގެ ބާރު އިނގިރޭސިވިލާތަށް އޮންނާނެ އެވެ. އެގޮތުން، 99 އަހަރުގެ މުއްދަތަކަށް ޑިއޭގޯ ގާސިއާ އަނބުރާ ކުއްޔަށް ހިފުމަށް އަހަރަކު 101 މިލިއަން ޕައުންޑް އިނގިރޭސިވިލާތުން ހޭދަކުރާނެ އެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން، އެމެރިކާގެ ސަލާމަތަށް މީގެ ސަބަބުން ކުރާނެ އަސަރުތަކަށް ބަލައި އިނގިރޭސިވިލާތުން ވަނީ މިކަމުގައި ޓްރަމްޕަށް "ވީޓޯ" ކުރުމުގެ ފުރުސަތު ދީފަ އެވެ.
ޓްރަމްޕްގެ އަރިސް ބައެއް ފަރާތްތަކުން މި ޕްލޭނަށް ފާޑުކިޔާފައިވީ ނަމަވެސް، މިދިޔަ ފެބްރުއަރީ މަހު އޯވަލް އޮފީހުގައި އިނގިރޭސި ބޮޑުވަޒީރު ކިއަރު ސްޓާމާއާ ބައްދަލުކުރެއްވުމަށް ފަހު ޓްރަމްޕް ވަނީ އެ އެއްބަސްވުން ބަލައިގަންނަ މޭރުމަކުން ވާހަކަދައްކަވާފަ އެވެ.
މިދިޔަ މޭ މަހު އެ އެއްބަސްވުމުގައި ސޮއިކުރުމުން، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވީ ވޮޝިންޓަނުން އެ ނިންމުމަށް މަރުހަބާ ކިޔާ ކަމަށެވެ. އޭނާ ވިދާޅުވީ، އެ އެއްބަސްވުމުގެ ސަބަބުން ޑިއޭގޯ ގާސިއާގައި ހުރި އަސްކަރީ މަރުކަޒުގެ މަސައްކަތްތައް ދިގު މުއްދަތަކަށް ކުރިއަށްގެންދެވޭނެ ކަމަށާއި، އެއީ ސަރަހައްދީ އަދި ދުނިޔޭގެ ސަލާމަތަށް މުހިންމު ތަނެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ