އަޅުގަނޑަކީވެސް އަޅުގަނޑުދެކެ ލޯބިވާ މީހަކު ކަމަށް ބުނި މީހަކާއި ކައިވެނިކޮށް ދިރިއުޅެމުން އައި އަންހެނަކީމެވެ. ކައިވެންޏަށް 2 އަހަރު ފުރުނުއިރު ދަރިފުޅަށް ދެމަހެވެ. ފިރިމީހާގެ ކިބައިން އަބަދުވެސް ޝައްކުކުރެވޭ ފަދަ ކަންކަން ފެނެއެވެ. ނަމަވެސް ޝަކުވާއެއް ނުކުރަމެވެ. އެއީ ކޮންމެ މީހެއްގެ ޙަޔާތުގައިވެސް މައްސަލަތަކެއް ހުންނާނެ ކަމަށް ޤަބޫލުކުރެވޭތީއެވެ.
ދަރިފުޅަށް އަހަރުވީތަނާ ފިރިމީހާ ދުރުހެލިވާން ފެށިއެވެ. ދުރުވަމުންގޮސް 2މަސް 3 މަސްވެގެންދާއިރުވެސް އެއްދާން ނުކޮށްވެސް ހުންނަން ފަށައިފިއެވެ. އެހިސާބުން ވިސްނުން ބަދަލުކުރީމެވެ. ޢުމުރަކީ އަދި 26 އަހަރެވެ. ވީމާ މިގޮތަށް ޢުމުރު ހޭދަކުރުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށް ވިސްނަންފެށުނެވެ. ވީމާ އެހެން ގޮތެއް ހޯދަން އެބަޖެހޭކަންވެސް ވިސްނެން ފެށިއެވެ.
އެކަމަކުވެސް ވަރިއަށް ނުއެދި ހުއްޓައި އެއްރޭ އައިސް ބުނީ މާދަމާރޭ ދެއަންތބަށް ކައިވެނިކުރާ ކަމަށާއި އަނބިމީހާ ގެންނަން ބޭނުންވަނީ މިގެއަށް ކަމަށެވެ. އަޅުގަނޑުބުނީ އެކަން އެގޮތަށް ނުކުރެވޭނެ ކަމަށެވެ. އެޕާޓްމަންޓަކީ އަޅުގަނޑަށް ބައްޕަގެ ގެއިން ލިބިފައި ހުރި އެޕާޓްމަންޓަކަށްވާތީ ތިއަ ކައިވެނިކޮށްގެން އަވަހަށް ގެއިން ނުކުތުމަށެވެ. އެންމެ ރެއަކަށްވެސް ދެވަނަ އަނބިމީހާ ގެއަށް ނުވެއްދޭނެ ކަމަށެވެ. ރަނގަޅީ މިރޭވެސް ވަރިކޮށްދިނުން ކަމަށެވެ.
"އަހުރެންނަކީ ބައިންބަފައިންގެ ބަސް ޤަބޫލުކޮށްގެން އުޅެމުން އައި ދަރިއަކީމެވެ. ޤަބޫލުނުކުރެވި ކުރެވުނު ކަމަކީ އެންމެ ކަމެއްގައެވެ. އެއީ ތިބާދެއްކި ވާހަކަތަކަށް ހެއްލެވި ތިބާއާއި ކައިވެނިކުރެވުނު ކަމެވެ. މިއަދު އިޙްޞާޞްކުރަން މިޖެހެނީ އެކަމުގެ ހިތްދަތިކަމެވެ. ދިރިއުޅުން ބަރުބާދުވީއެވެ. އެކަމަކުވެސް ޝަކުވާއެއް ނުކުރަމެވެ. މިފެނުނީ މައިންބަފައިންގެ ބަސް ޤަބޫލުނުކުރެވުނު ކަމުގެ ހިތިކަމެވެ. އެކަމަށް ކެތްތެރިވާނަމެވެ. ދެންވެސް އަހުރެމެން ދެމައިންނަށް ހެޔޮކަމެއް ކޮށްދޭނެނަމަ އަހުރެމެން ދޫކޮށްލައިދޭށެވެ. އަހުރެންގެ ދުޢާއަކީ ތިބާއަށް އުފާވެރިކަން ލިބުމެވެ."
އޭނާގެ ޖަވާބަކަށްވީ ވަރިކޮށްލާފައި ގެއިން ދިއުމެވެ. ގެއިން ނުކުކުމެގެން ދިއައީ އެންމެ ރުފިޔާއެއްވެސް ނުދީއެވެ. ޚަރަދުގެ ވާހަކަ ނުވެސް ދައްކަމެވެ. ފިރިމީހާއަށް ނުއެނގޭ އެކައުންޓެއްގައި ބައްޕަ ދިން ފައިސާކޮޅެއް ހުންނާނެއެވެ. އެހެންވެ ކަންބޮޑެއް ނުވަމެވެ.
ލޯބިވެރިއަކު ނުވަތަ ދެވަނަ ފިރިއަކު ހޯދަން މަސައްކަތެއްވެސް ނުކުރަމެވެ. ޙަޔާތަށް ރަނގަޅު ގޮތް މިންވަރުކުރެއްވެވުން އެދި ދުޢާކުރުންމަތީގައި އިނީއެވެ. އެކަނިވިކަން އެނގުމުން ޢާއިލާގެ އެހީތެރިކަން ލިބުނެވެ. އެވަރުން ހިތްހަމަޖައްސައިލީއެވެ.
ވަރިކުރިތާ 2 ވަނަ އަހަރު ފެށުނުތަނާހެން އެކުވެރިއަކު ތަޢާރަފްކޮށްދިން މީހަކާ ކައިވެނިކުރީއެވެ. އިސްތިޚާރާ ކުރުމަށްފަހުގައެވެ. އޭނާވީ ވަރަށް ދަރިފުޅަށްވެސް އަޅައިލާ ވަރަށް ރަނގަޅު މީހަކަށެވެ. ކައިވެނިކުރިތަނާހެން ކުއްޖަކުވެސް ލިބުނެވެ. ދަރިފުޅަށް 6 މަހުގައި މީހަކު ބެލްޖެހުމުން ދޮރުހުޅުވިއިރު ކުރީގެ ފިރިމީހާއެވެ. އިނީ ފުރޮޅުލީ ގޮނޑިއެއްގައެވެ. ފްލެޓަށް ވަންނަން ބޭނުންވާ ކަމަށް ބުނުމުން ދެކޮޅުހެދީއެވެ. ގެއަށް ވައްދައިގެން ދައްކާނެ ވާހަކައެއް ނެތްކަމަށް ބުނީމެވެ. މިހުރީ ކައިވެނިކޮށްގެންކަމަށާއި އެހެންވެ އެހީތެރިވެވޭނެ އެއްވެސް ގޮތެއް ނެތްކަމަށް ބުނެފައި ދޮރުލެއްޕީއެވެ. އެހެންކަމާއިއެކުވެސް އޭނާއަށް މާފުކޮށް ހެޔޮދުއާކުރީމެވެ.
އެއިގެ ގަޑިއެއްހާއިރު ފަހުން ފިރިމީހާ އައިސް ބުނީ އަޅުގަނޑާ ބައްދަލުކުރަން އައިސްއިން މީހަކު ބޭރުގައި އެބައިން ކަމަށެވެ. އެހެންބުނުމުން އޭނާއާއި ބައްދަލުކޮށްފިން ކަމަށާއި އިތުރަށް ބައްދަލުކުރަން ބޭނުން ނޫންކަމަށް ބުނެ ދެކެވުނު ވާހަކަތައް ކިޔައިދިނީމެވެ.
މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން ބޭނުންވަނީ ވަފާތެރިވެ ހެޔޮކޮށް ހިތުމުން އެކަން ބަލައިގަންނަން ނުއެނގޭ މީހުންނާއިއެކު ދިރިއުޅެން މަސައްކަތް ނުކުރާށެވެ. އެކަމުން ލިބޭނީ އިތުރު އަނިޔާއެވެ. ގައިގަ ވަރުހުރެ ރަޙުމްނުކޮށް ދޫކޮށްލާފައިދާ ފިރިން ނިކަމެތިވެ ޙާލުގައިޖެހުމުން އައިސް ދައްކާ ވާހަކަތައް އަޑުއެހުމުގެ ބޭނުމެއްވެސް ނެތެވެ. ކެތްތެރިވާންޖެހޭ ޙާލަތުގައި ކެތްތެރިވެލައި ދުޢާކުރުމުން ލައްވަވާ ރަޙްމަތް މާބޮޑުވާނެއެވެ. އިން ޝާ ﷲ
- ޒައިނަބް / މިއަދުނޫހުގެ ކިޔުންތެރިއެއް
ޢިބްރަތްތެރި ވާހަކަ: ގައިގަ ބާރުހުރެ އަނބިން ނިކަމެތިކުރާ މީހުންނަށް ފުރޮޅުލީ ގޮޑިއަށް ތިރިވާންޖެހުނީމަ ލޯބިވެގެން އައިސް ދައްކާ ވާހަކަ އަޑުއެހުމެއްވެސް ނެތް!: ޒައިނަބް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ