ކޮންމެ ކަމަކަށްވެސް އެންމެ ބޮޑަށް ކުރިއެރުން ލިބޭނީ ތަނަވަސްކަން ބޮޑުވިވަރަކުން ކަމަށް ޤަބޫލުކުރާ މީހުން ވަރަށް ގިނައެވެ. އެހެންވެ ތިމާއަށްވުރެ ތަނަވަސްކަން ކުޑަ މީހަކާއި ކައިވެނިކޮށްފިނަމަ ތިމާގެ ތަނަވަސްކަން ކުޑަވެގެން ހިގައިދާނެ ކަމަށް ދެކޭ މީހުންވެސް ވަރަށް ގިނައެވެ.
އެފަދަ މީހުންނަށް ނުވިސްނޭ ކަމަކީ ތަނަވަސްކަން ދެއްވަވަނީވެސް އިތުރުކުރައްވަވަނީވެސް އަދި ަމދުކުރައްވަވަނީވެސް ﷲ ތަޢާލާ ކަމެވެ. ތަނަވަސްކަން އިތުރުވާނީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގެން ކަމެވެ.
ގިނަ މައިންބަފައިން ބޭނުންވަނީ އެމީހުންގެ ދަރިން ތަނަވަސް މީހުންގެ ދަރިންނާއި ކައިވެނިކުރުވުމަށެވެ. އެމީހުންގެ ވިސްނުމުގައި ހުންނަނީ ފަޤީރަކާއި ކައިވެނިކޮށްފިނަމަ އެއީ ދަށުދަރަޖައިގެ ކަމެއް ކަމަށާއި ފަޤީރަކާއި ކައިވެނިކޮށްފިނަމަ އެމީހަކަށް ބޮޑެތި ޚަރަދުތަކެއް ކުރަންޖެހޭނެ ކަމަށެވެ.
ޒަވާޖީ ހަޔާތެއް ކުރިއަށް ގެންދަން ބަލާއިރު މިއީ އެހައި ރަނގަޅު ވިސްނުމެއް ނޫނެވެ. މިޘާލަކަށް އަނބިމީހާއަކީ ފިރިމީހާ ވަރުގެ ތަނަވސްކަންހުރި އަންހެނަކު ނަމަ އޭނާ ކުރަން އުޅޭ ކަމެއް ހުއްޓުވަން ފިރިމީހާއަށް ފަސޭހައެއް ނުވާނެއެވެ. އެއީ ވަރިކޮށްލިނަމަވެސް ލިބޭނެ މާލީ ގެއްލުމެއް ނެތުމުން ކިޔަމަންތެރިކަން އަދާނުކޮށްގެން ވަރިކުރިނަމަވެސް ލިބޭނެ ގެއްލުމެއް ނޮއޮންނާނެ ކަމަށް ވިސްނޭތީއެވެ.
ހަމައެއާއިއެކު ދިރިއުޅުމުގައި ފިރިމީހާ ބޭނުންވާ ބަދަލުތައް ގެންނަންވެސް ސަމާލުކަމެއް ނުދޭނެއެވެ. އެއީ ހަމަ މިބުނި ސަބަބަށްޓަކައެވެ. އެއިގެ އިތުރުން ކައިވެނި ރޫޅޫނަސް ނުހަނު ފަސޭހައިން ކައިވެނިކުރެވޭނެ ކަމުގެ ޔަޤީންކަން އޮންނާތީއެވެ.
ހަމަ މިގޮތަށް ތަނަވސް ފިރިންވެސް ވިސްނާނެއެވެ. އަނބިމީހާ ވަކިވެގެން ހިނގައިދާނެތީ ކަންބޮޑެއް ނުވާނެއެވެ. މާދަމާވެސް އެހެން އަންހެނަކާއި ކައިވެނިކުރަން އެއްވެސް ހުރަހެއް ނެތިފައި އަބަދުވެސް ގިނަ އަންހެނުންތަކެއް ކައިވެނިކުރަން ކިޔޫގައި ތިބޭތީއެވެ.
ތަނަވަސް ފިރިހެނުން ތަނަވަސްކަން ނެތް އަންހެނުންނާއި އަދި ތަނަވަސްކަން ހުރި އަންހެނުން ތަނަވަސްކަން ނެތް ފިރިހެނުންނާއި ކައިވެނިކުރުމުން އެއީ ބުއްދިވެރިއަކުނަމަ މިބުނި ފަދަ މައްސަލަތައް ޖެހުން ބޮޑުތަނުން މަދުވާނެއެވެ. އެއީ ނިކަމެތި މީހާ ތަނަވސް މީހާ އާއިއެކު ދިރިއުޅުމަށާއި ވަކިނުވުމަށް ބޭނުންވާނެތީއެވެ. އެކަމަށް ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރާނެތީއެވެ.
ދެން އޮތީ ތަނަވަސްކަން ނެތަސް ނުބައި މީހުންގެ މައްސަލައެވެ. ދިރާސާތަކުން ދައްކާގޮތުން އެއީ ވަރަށް މަދުބައެކެވެ. ފަޤީރަސް އަދި ތަނަވަސް ނަމަވެސް ދުނިޔޭގެ އެންމެން އެއގޮތެއް ނުވާނެއެވެ. ނުބައި ބައަކުވެސް އުޅޭނެއެވެ. މިބަޔާންކުރީ ޢާންމުކޮށް ކަންކަން ދިމާވާގޮތުގެ ވާހަކައެވެ. ކުރެވިފައިވާ ދިރާސާތަކުން ފެންނަން ހުރި ކަންތައްތަކުގެ ވާހަކައެވެ.
- އަލަފް / މިއަދުނޫސް
ތަނަވަސްކަން ހުންނަ މީހުން ތަނަވަސްކަން ކުޑަ މީހުންނާ ކައިވެނިކުރުމުން ލިބޭނެ އުފާވެރިކަން މާބޮޑުވާނެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ