ފްލައިޓުތައް ގްރައުންޑުވެ މޯލްޑިވިއަނަށް ގެއްލުންވަމުންދާ މައްސަލަ މާލިއްޔަތު ކޮމިޓީއަށް ފްލައިޓުތައް ގްރައުންޑުވެ މޯލްޑިވިއަނަށް ގެއްލުންވަމުންދާ މައްސަލަ މާލިއްޔަތު ކޮމިޓީއަށް

ގައުމީ އެއާލައިން، މޯލްޑިވިއަން އޮޕަރޭޓުކުރާ އައިލެންޑް އޭވިއޭޝަން ސާވިސަސްއަށް ގެނައި ބައެއް މަތިންދާބޯޓުތައް ގިނަ ދުވަސްތަކެއް ވަންދެން ގްރައުންޑުކޮށްފައި ބޭއްވުމާއި އެ ކުންފުނީގެ މާލީ ހާލަތު ދަށްވަމުންދާ ސަބަބުތް ދެނެގަތުމަށް ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މާވަށު ދާއިރާގެ މެންބަރު އަހުމަދު ޝާކިރު އެދިއްޖެ އެވެ.
ޕްރައިވަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ކުންފުންޏަށް 46 މިލިއަން ރުފިޔާގެ ގެއްލުން ވަނީ ވެފަ އެވެ. މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި 47 މިލިއަނުގެ ފައިދާއެއް ނެރުނު ނަމަވސް 2024 ވެސް މޯލްޑިވިއަން ނިންމާލީ ގެއްލުމުގަ އެވެ.
ޝާކިރު ހުށަހެޅުއްވި މައްސަލާގައި ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު މި އަހަރުގެ ގްރޮސް މާޖިން ދަށްވެފައިވާ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. މިދިޔަ 2024 ގެ ފުރަތަމަ ކުއާޓަރުގައި އެ ކުންފުނީގެ ގްރޮސް މާޖިން ހުރީ 44 ޕަސެންޓުގައި ކަމަށްވާއިރު މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ އަދަދު ހުރީ 32 ޕަސެންޓުގަ އެވެ.
މިދިޔަ 12 މަސް ދުވަހުގެ ތެރޭގައި އާދަޔާ ހިލާފަށް ގިނައިން އެ ކުންފުނީގެ މަތިންދާބޯޓުތައް ގްރައުންޑުކޮށްފައިވާ ކަމަށް ޝާކިރުގެ މައްސަލާގައި ފާހަގަކޮށްފައިވެ އެވެ. ފްލައިޓު ލޮގުތަކަށް ބަލާއިރު މިދިޔަ އަހަރުގެ ސެޕްޓެމްބަރުން ފެށިގެން މި އަހަރުގެ މާޗުގެ ނިޔަލަށް މޯލްޑިވިއަންގެ އެއް A320 ދަތުރެއް ނުކުރެ އެވެ.
"އެއާބަސް A330 މަތިންދާބޯޓެއް އޮޕްޓިމަމްމިންވަރަށް ބޭނުންކުރުމަށްޓަކައި މަހަކު ގާތްގަނޑަކަށް 360 ގަޑިއިރު ދަތުރުކުރަން ޖެހޭ. ނަމަވެސް މޯލްޑިވިއަންގެ އެއާބަސް A330 އިން މަހަކު އެވްރެޖްކޮށް ހާސިލުކޮށްފައިވަނީ 121 ގަޑިއިރު. މިއީ އޮޕްޓިމަމް މިންވަރުގެ އެންމެ 34%. އޮޕްޓިމަމް މިންވަރުގެ 50% ވެސް ހާސިލުކުރެވިފައެއް ނުވެ،" އެ މައްސަލާގައި ބުނެފައިވެ އެވެ.
މިހާތަނަށް ފެންނަން ހުރި ތަފާސްހިސާބުތަކަށް ބަލާއިރު ވައިޑް ބޮޑީ އޮޕަރޭޭޝަންތަކުން ފައިދާ ނުނެރެވޭ ކަމަށާއި އެކަމުގެ ސަބަބުން ބޮޑު ގެއްލުމެއްގައި އަހަރު ނިންމަން ޖެހުމުގެ ބިރު އޮތްކަަމަށް ޝާކިރު ފާހަގަކުރެއްވި އެވެ.
ޝާކިރުގެ މައްސަލާގައި އެދުނީ މާލިއްޔަތު ކޮމިޓީ މެދުވެރިކޮށް މޯލްޑިވިއަން އިން އޭނާ ހުށަހެޅި ސުވާލުތަކުގެ ޖަވާބު ހޯދައިދިނުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ