'ސެމްސަންގް މެސެޖަސް' އެޕް ހުއްޓާލުމަށް ތާރީޚެއް ކަނޑައަޅައިފި

ސެމްސަންގް ފޯނުތަކުގައި މެސެޖު ކުރުމަށް މިހާތަނަށް ބޭނުންކުރަމުން އައި "ސެމްސަންގް މެސެޖަސް" އެޕްލިކޭޝަން ހުއްޓާލުމަށް އެ ކުންފުނިން ތާރީޚެއް ކަނޑައަޅައިފިއެވެ. "ސެމްސަންގް މެސެޖަސް" އެޕް ބޭނުން ކުރެވޭނީ ޖުލައި 2026 އާ ހަމައަށް ކަމަށް އެ ކުންފުނިން މިހާރު ވަނީ ކަނޑައަޅައިފައެވެ. މި ބަދަލާއެކު ސެމްސަންގުން މިހާރު އިރުޝާދު ދެނީ މެސެޖު ކުރުމަށް "ގޫގުލް މެސެޖަސް" ބޭނުން ކުރުމަށެވެ. އެގޮތުން މިހާރު އަލަށް ނެރެފައިވާ ގެލެކްސީ އެސް26 ސީރީޒްގެ ފޯނުތަކާއި ޒެޑް ފޯލްޑް 8 ފަދަ އާ އުފެއްދުންތަކުގައި ޑިފޯލްޓް އެޕެއްގެ ގޮތުގައި މިހާރުވެސް ހިމަނާފައިވަނީ ގޫގުލް މެސެޖަސްއެވެ. https://sun.mv/219281 މި އާ އެޕަށް ބަދަލުވުމަށްޓަކައި ޕްލޭ ސްޓޯރުން ގޫގުލް މެސެޖަސް ޑައުންލޯޑް ކުރުމަށްފަހު، އެއީ ފޯނުގެ "ޑިފޯލްޓް" އެސް.އެމް.އެސް އެޕްގެ ގޮތުގައި ހަމަޖައްސަން ޖެހޭނެއެވެ. މިގޮތަށް ބަދަލުކުރި ނަމަވެސް ފޯނުގައި ހުރި މެސެޖުތަކާއި ކޮންޓެކްޓްތައް އެއްވެސް އުނިކަމެއް ނެތި ބަދަލުކުރެވޭނެ ކަމުގެ ޔަގީންކަން ސެމްސަންގުން ދެއެވެ. މި ބަދަލުގެ އަސަރު ކުރާނީ އެންޑްރޮއިޑް 11 އަށް ވުރެ އާ ވާޝަންތައް ބޭނުންކުރާ ފޯނުތަކަށެވެ. އެހެންކަމުން އެންޑްރޮއިޑް 11 އާއި އެއަށްވުރެ ދަށް, ވާޝަންތަކުގެ ފޯނުތަކަށް މިކަމުގެ ސަބަބުން އެއްވެސް ބަދަލެއް ނާންނާނެއެވެ. މީގެ އިތުރުން ސެމްސަންގްގެ ކުރީގެ ގަޑިތައް ކަމަށްވާ "ޓައިޒެން އޯއެސް" ބޭނުންކުރާ ގެލެކްސީ ވޮޗް 4 ގެ ކުރީގެ މޮޑެލްތަކުން 2026 ވަނަ އަހަރު (މިއަހަރު)ގެ ފަހުން މެސެޖުތަކުގެ ފުރިހަމަ ތާރީޚެއް ނުވަތަ "ހިސްޓްރީ" އެއް ނުފެންނާނެއެވެ. ނަމަވެސް އެ ގަޑިތަކުން މެސެޖު ކިޔުމާއި ފޮނުވުމުގެ ޚިދުމަތް މެދުކެނޑުމެއް ނެތި ލިބޭނެއެވެ. ޚިދުމަތް އެއްކޮށް ހުއްޓާލުމަށްފަހު، ސެމްސަންގް މެސެޖަސް މެދުވެރިކޮށް މެސެޖު ފޮނުވޭނީ ހަމައެކަނި ކުއްލި ޙާލަތްތަކުގައި ގުޅަންޖެހޭ ނަންބަރުތަކަށް އެކަންޏެވެ. އަދި 2022ގެ ކުރިން ނެރެފައިވާ ބައެއް ފޯނުތަކުގެ އާރް.ސީ.އެސް ޚިދުމަތަށް ބުރޫއެރުން އެކަށީގެންވާ ކަމަށް ވެސް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ. ސެމްސަންގުން މި ބަދަލު ގެންނަން މަސައްކަތް ކުރަމުން އަންނަތާ މިހާރު ދުވަސްތަކެއް ވެއްޖެއެވެ. މީގެ މައިގަނޑު ބޭނުމަކީ ގޫގުލްއާ ގުޅިގެން އެންޑްރޮއިޑް ފޯނުތަކުގެ މެސެޖު ކުރުމުގެ ނިޒާމު "އާރް.ސީ.އެސް" ސްޓޭންޑަޑަށް ފައްކާކޮށް، އެޕަލްގެ އައި-މެސެޖެސް އާ ވާދަކުރެވޭ ފަދަ ފެންވަރަކަށް ޚިދުމަތް ތަރައްޤީ ކުރުމެވެ. މި މަސައްކަތުގެ ދަށުން 2022 ވަނަ އަހަރު ނެރުނު ގެލެކްސީ އެސް22 ސީރީޒްއިން ފެށިގެން ސެމްސަންގުގެ ގިނަ ފޯނުތަކެއްގައި ގޫގުލް މެސެޖަސް ޑިފޯލްޓް އެޕެއްގެ ގޮތުގައި ބޭނުންކުރަން ފަށާފައިވާއިރު، މިއީ އެ ކުންފުނީގެ އަމިއްލަ މެސެޖިން އެޕްލިކޭޝަން މުޅިން އުވާލުމަށް އެޅި އެންމެ ފަހު ފިޔަވަޅެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ