'ރައްޔިތުންގެ އިތުބާރު ރައީސް މުއިއްޒަށް ގެއްލިއްޖެ؛ އިސްތިއުފާ ދެއްވާ: ގަފޫރު

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުގައި ސަރުކާރަށް ލިބުނު ބޮޑު ނާކާމިޔާބީއާ އެކު ރައްޔިތުންގެ އިތުބާރު ރައީސް މުހައްމަދު މުއިއްޒަށް ގެއްލިއްޖެ ކަމަށް ވިދާޅުވެ، އެ މަނިކުފާނުގެ އިސްތިއުފާއަށް އެމްޑީޕީގެ ޗެއާޕާސަން އަބްދުލްގަފޫރު މޫސާ މިރޭ ގޮވާލައްވައިފި އެވެ.
ވީ ކިހިނެއް؟ - ގަފޫރު މިގޮތަށް ގޮވާލެއްވީ، އިންތިހާބުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަ ކުރުމަށް މިރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ތަފްސީލު - ޖަލްސާގައި ވާހަކަ ދައްކަވަމުން ގަފޫރު ވިދާޅުވީ، އިންތިހާބުގެ ނަތީޖާއިން ރައްޔިތުން ދިން މެސެޖް ވަރަށް ސާފު ކަމަށެވެ. އަދި ރައްޔިތުން އެ ބުނީ، ސަރުކާރު ފެއިލް ވެއްޖެކަން ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ، މިހާރު ރައީސް މުއިއްޒު އިސްތިއުފާ ދެއްވަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ހުރިހާ ސިޓީއެއްގެ މެޖޯރިޓީ އަޅުގަނޑުމެން ނަގައިފިން ބޮޑުކޮށް. ރާއްޖޭގެ ބޮޑެތި ރަށްތަކުގެ މެޖޯރިޓީ އަޅުގަނޑުމެން ނަގައިފިން، ކުދި ރަށްތަކުގެ ވެސް ގިނަ ރަށްތަކުގެ މެޖޯރިޓީ ނަގައިފިން. ފެންނަ ނުފެންނަ ވޯޓު %70 މަތިން އަޅުގަނޑުމެން ކާމިޔާބުކޮށްފިން،" ހަނިމާދޫ ދާއިރާގެ މަޖިލިސް މެންބަރު ގަފޫރު ވިދާޅުވި އެވެ.
"ރައްޔިތުން ބުނެފި މި ސަރުކާރު ފެއިލް ވެއްޖެއޭ. އިސްތިއުފާ ދޭށޭ! އަޅުގަނޑު މި ގޮވާލަނީ، ރައީސް ޑރ. މުއިއްޒު އިސްތިއުފާ ދިނުމަށް. އަޅުގަނޑު މި ގޮވާލަނީ، ރައްޔިތުންގެ އިތުބާރު މި ސަރުކާރަށް ގެއްލުނީމާ، ދުނިޔޭގެ އެހެން ތަންތަނުގައި ވެސް ކަން ކުރާ އުސޫލުން [ރައީސް] އިސްތިއުފާ ދީފައި ގެއަށް ވަޑައިގަންނަވާށޭ!"
ގަފޫރުގެ ވާހަކައިގައި އޭނާ ވަނީ ސަރުކާރަށް ރައްޔިތުން ނޫނެކޭ ބުނެ، ދިން މެސެޖް ކަމަށް އޭނާ ދެކެވަޑައިގަންނަވާ ކަންކަން ހިމަނުއްވާފަ އެވެ. އެގޮތުން، އޭނާ ވިދާޅުވީ:
"ރައްޔިތުން އެ ބުނީ ރައްޔިތުންގެ ފައިސާއިން ވައްކަން އެބަ ކުރެއޭ"
"ރައްޔިތުންގެ ފައިސާއިން ކޮރަޕްޝަން އެބަ ހިންގައޭ"
"ރާއްޖޭގެ ކޯޓުތަކަށް މި ސަރުކާރުން އަތް ބާނަމުންނޭ ގެންދަނީ"
"ރައްޔިތުންގެ މެދުގައި އިޖުތިމާއީ އަދާލަތެއް ނެތޭ"
"ގާނޫނީ ވެރިކަމެއް މިތަނުގައި ހިނގަމުން ނުދެއޭ"
"ތި މެސެޖް އަޅުގަނޑުމެންނަށް ވަރަށް ސާފު. އިރާދަކުރެއްވިއްޔާ ރައްޔިތުން ތި ދިން މެސެޖާ އެއްގޮތަށް ތި މަސައްކަތުގައި އެމްޑީޕީ ދެމިއޮންނާނަން،" ގަފޫރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ