އެމްޑީޕީގެ 4 މޭޔަރުން: މި އަންނަނީ 2028 ކާމިޔާބުކުރަން!
ހޮނިހިރު ދުވަހުގެ އިންތިޚާބުން އިދިކޮޅު އެމްޑީޕީއަށް ލިބުނު ކާމިޔާބީއާއެކު، ދެން މިދަނީ 2028 ކާމިޔާބުކޮށް، މި ސަރުކާރުގެ އަތްދަށުން ދިވެހިރާއްޖެ ސަލާމަތްކުރަން ކަމަށް އެމްޑީޕީގެ މޭޔަރުން މިރޭ ވިދާޅުވެއްޖެއެވެ. މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުތަކުން ވެރިކަން ކުރާ ޕީއެންސީއަށް ވަނީ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާންޖެހިފައެވެ. އެގޮތުން، މި ސަރުކާރުން ވަކާލާތު ކުރި ގޮތާ ޚިލާފަށް، ފެންނަ ނުފެންނަ ވޯޓުގައި ގިނަ ރައްޔިތުން ވޯޓު ދީފައި ވަނީ، އެމްޑީޕީން އެންމެ ބޮޑަށް ވަކާލާތުކުރި ގޮތަށް މައި ދެ އިންތިޚާބު އެއްކޮށްނުލުމަށެވެ. ހަމައެއާއެކު، ކައުންސިލްތަކުން ވެސް ސަރުކާރަށް ވަނީ މުހިންމު ގޮނޑިތައް ގެއްލިފައެވެ. އަދި ކުރި ހޯދައިފައިވަނީ އިދިކޮޅު އެމްޑީޕީންނެވެ. އެގޮތުން ކައުންސިލް އިންތިޚާބުގައި މާލޭ ސިޓީއާއި އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީއާއި ކުޅުދުއްފުށީ ސިޓީއާއި ތިނަދޫ ސިޓީން 14 ކެންޑިޑޭޓުން މޭޔަރު ކަމަށް ވާދަކުރެއްވިއެވެ. ވަގުތީ ނަތީޖާއިން ދައްކާ ގޮތުން މާލެއާއި އައްޑުއާއި ފުވައްމުލަކާއި ކުޅުދުއްފުށްޓާއި ތިނަދޫގެ އިންތިޚާބުން ވެސް ކުރީގައި އުޅުއްވަނީ މިހާރު ވެސް މޭޔަރު ކަމުގައި ތިއްބެވި، އެމްޑީޕީގެ ފަސް މޭޔަރުންނެވެ. އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް މިރޭ ބޭއްވި 'ހޭވައްލާ ތައްޔާރު' ޖަލްސާގައި ވާހަކަދައްކަވަމުން މޭޔަރުން ހަރު އަޑުން ވިދާޅުވީ ހަމަ އެންމެ ޖުމުލައެކެވެ. "މިއަންނަނީ 2028 ކާމިޔާބު ކުރާން" ކަމަށެވެ. 'ހޭވައްލާ ތައްޔާރު' ޖަލްސާގައި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް -- ފޮޓޯ/ އެމްޑީޕީ މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ އެ ސިޓީ ކައުންސިލްގެ 17 މެންބަރުންގެ ތެރެއިން 15 މެންބަރުން ގޮވައިގެން މިއަދު އިތުރު ދައުރަކަށް އެ ކައުންސިލަށް ވަންނަނީ 'ރަން ރީނދޫ ލަޝްކަރު' ގޮވައިގެން ކަމަށެވެ. އަދި އެއީ މާލެ ސިޓީ ކައުންސިލުގެ ލޯބުވެތި މުވައްޒަފުންގެ ބުރަ މަސައްކަތްކަން ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތް 2028ގެ ރިޔާސީ އިންތިޚާބު ވެސް ކާމިޔާބު ކުރާނީހަމަ އެގޮތަށް މަސައްކަތް ކޮށްގެން ކަމަށް އާޒިމް ވިދާޅުވިއެވެ. އެމްޑީޕީއަކީ ބުރަ މަސައްކަތުން ކާމިބު ހޯދާ ބައެއް. ފައިސާއާ ނުފޫޒުން ކަންކުރާ ބައެއް ނޫން އެމްޑީޕީއަކީ. މިއަންނަނީ މުޅި މާލެ ސިޓީ [އަދި] މުޅި ރާއްޖެ ރީނދޫކުރަން. އަޅުގަނޑުމެން ނިންމާލާނީ 2028 ކާމިޔާބުކޮށްގެން! މާލޭގެ މޭޔަރު އާދަމް އާޒިމް އެފަދައިން ވިދާޅުވެ އާޒިމް ވަނީ މާލެއަށް އޭނާ ކަނޑައަޅާފައިވާ މެނިފެސްޓޯ ތަންފީޒުކުރަން ހުރަސް ނާޅަން ސަރުކާރަށް ގޮވާލައިފައެވެ. ހުރަސް އެޅިގެން ވެސް ނުވާނެ ކަމަށާއި، ސަރުކާރުގެ އެއްބާރުލުން ބޭނުން ކަމަށް އާޒިމް ވިދާޅުވިއެވެ. ނޫންނަމަ މުޒާހަރާ ވެސް ކުރާނެ ކަމަށާއި މަގުމައްޗަށް ވެސް ނުކުންނާނެ ކަމަށް އާޒިމް ވިދާޅުވިއެވެ. 'ހޭވައްލާ ތައްޔާރު' ޖަލްސާގައި އައްޑޫގެ މޭޔަރު އަލީ ނިޒާރު ވާހަކަދައްކަވަނީ -- ސަން ފޮޓޯ/ ޝާތިއު އަބްދުﷲ އައްޑޫގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ، ހޮނިހިރު ދުވަހުގެ ނަތީޖާއަކީ ވަރަށް ގިނަ ކަންކަން ގޯސްކޮށް އައި އައުން ހުއްޓުވަން ރައްޔިތުން ދިން މެސެޖެއް ކަމަށެވެ. އެއީ މި ރާއްޖެ ސަލާމަތްކުރުމަށް ރައްޔިތުން ނިންމި ނިންމުމެއްކަން ފާހަގަކުރައްވައި ނިޒާރު ވިދާޅުވީ ރާއްޖޭގައި ރައްޔިތަކަށް ހަމަހަމަކޮށް ކަމެއް ކުރަން މި ސަރުކާރުން އެއްބަހެއް ނުވާނެ ކަމަށެވެ. އެގޮތުން ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީ އައްޑޫގެ ނަތީޖާއިން ވެސް ބޮޑު ތަނުން އެ މެސެޖު ދައްކުވައިދޭ ކަމަށާއި، އެއީ އެތައް ކަމެއްގެ ގޮންޖެހުން ރައްޔިތުން ތަހައްމަލު ކުރުމަށްފަހުކަން ކަމަށް ނިޒާރު ވިދާޅުވިއެވެ. އައްޑޫ ސިޓީއަށް ދެއަހަރާ ބައިވިއިރު، ކަރަންޓުގެ މައްސަލައާއި، އައްޑޫގެ މަގުތައް މަތިން ނަޖިސް އެރުމުގެ މައްސަލަ ވެސް ހައްލުނުވި ކަމަށާއި އެއީ ސީދާ ސަރުކާރުގެ އިހުމާލުކަން އޭނާ ވިދާޅުވިއެވެ. ހަމައެއާއެކު މިދިޔަ ހުކުރު ދުވަހު ކެމްޕެއިންގެ ހަރަކާތްތައް ނިންމަވައިލައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކައުންސިލްތައް އޮންނަންޖެހޭނީ ވެރިކަމުގެ ބާރުގެ ދަށުގައި ކަމަށް ވިދާޅުވި ވިދާޅުވުމަކީ ނުރައްކާތެރި މެސެޖެއް ކަމަށް ނިޒާރު ވިދާޅުވިއެވެ. ރައީސުން ބޭނުންވާ ގޮތަކަށް ނޫން، ރައްޔިތުން ބޭނުންވަނީކީ އަތޮޅުތެރެ ހިންގަން. މި ނުރައްކާތެރި ވިސްނުމާ ދެކޮޅަށް ރައްޔިތުން ދާން އެބަޖެހޭ. ބާކީ އޮތް ދެއަހަރު ތެރޭ ރައްޔިތުންނަށް ވާނެ ހެވެެއް ނޯންނާނެ މި ސަރުކާރަކުން. ރާއްޖޭގެ މުސްތަގުބަލު ހަލާކުވެއްޖެނަމަ ދެން އަތެއް ނުވާނެ. އެކަމުން މި ރާއްޖެ 2028ގައި ސަލާމަތްކުރަން ރައްޔިތުން އެބަޖެހޭ، އައްޑޫގެ މޭޔަރު އަލީ ނިޒާރު ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް އަދި ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ ވެސް ވަނީ 2028ގައި އެމްޑީޕީން މި ސަރުކާރު ބަލިކުރާނެކަން ތަކުރާރުކުރައްވައިފައެވެ. އަދި ހޮނިހިރު ދުވަހު ރައީސް އަމިއްލަފުޅަށް ތިމަންނާ ވެރިކަމުގައި ހުންނަން ފެނޭތޯ ނުފެނޭތޯ އެހީ ދިވެހި ރައްޔިތުން އާނއެކޭ ބުނާނެ ކަމަށް ކަމަށާއި، ނަމަވެސް ކަންކަން ގޯސްނަމަ ރައްޔިތުން މިހާރު މަޑުން ނުތިބޭނެ ކަމަށް މޭޔަރުން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ