ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ހަރަދުކުޑަކުރުމަށް ފިޔަވަޅުތަކެއް

މެދުއިރުމަތީގެ މަސްރަހާ ގުޅިގެން ސަރުކާރުން އަލަމުންދާ ފިޔަވަޅުތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ހަރަދުކުޑަކުރުމަށް ފިޔަވަޅުތަކެއް އެޅުމަށް ނިންމައިފިއެވެ.
ޕީޖީ އޮފީހުން ބުނީ، ހަރަދުތައް ކުޑަކުރުމަށް ނިންމައި މާދަމައިން ފެށިގެން ބައެއް ފިޔަވަޅުތައް އެޅުމަށް މިހާރު ނިންމާފައިވާކަމަށެވެ. އެގޮތުން އެންމެ މުހިއްމު އެއް ނިންމުމަކީ، ހަރަދުތައް ކުޑަކުރުމަށް ކޮންމެ އަންގާރަ ދުވަހު މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްކުރާ ދުވަހެއް ގޮތުގައި ހަމަޖެއްސުމެވެ.
މީގެ އިތުރުން ރަސްމީ ބައްދަލުވުންތައް އޮންލައިނުކޮށް ބާއްވަން ނިންމުމާއި، އޮފީސް ހުޅުވާފައި ހުންނަ ވަގުތު މަދުކުރުމާއި، ކަރަންޓު ބޭނުންކުރުން މަދުކުރުމާއި، ކަރުދާސް ބޭނުންކުރުން މަދުކުރުންވެސް ހިމެނެއެވެ. އަދި އޮފީސް ވެހިކަލް ބޭނުންކުރާ މިންވަރު މަދުކުރަންވެސް ވަނީ ނިންމާފައެވެ.
ޕީޖީ އޮފީހުން ބުނީ ކޮންމެ އަންގާރަ ދުވަހަކު ގޭގައި ތިބެގެން މަސައްކަތްކުރި ނަމަވެސް، ކޮންމެހެން އޮފީހަށް ހާޒިރުވެގެން ނޫނީ ނުކުރެވޭނެ މަސައްކަތްތައް އޮފީހަށް ހާޒިރުވެ ކުރަމުން ގެންދާނޭކަމަށެވެ. އަދި ކޯޓު އަޑުއެހުންތަކަށް ގަވާއިދުން ހާޒިވަމުން ގެންދާއިރު،  ރަސްމީ ބައްދަލުވުންތަކުގެ ތެރެއިން އޮންލައިންކޮށް ކުރިއަށް ނުގެންދެވޭ ބައްދަވުންތަކާއި، އޮންލައިންކޮށް ކުރިއަށްގެންދިއުމުގެ ސަބަބުން ބައްދަލުވުމުން ނެރެވިދާނެ ނަތީޖާއަށް އުނިކަމެއް އައިސްދާނެކަމަށް ބެލެވޭ ބައްދަލުވުންތައް ހާޒިރުވެގެން ކުރިއަށް ގެންދާނޭކަމަށެވެ.
ޕީޖީ އޮފީހުން ބުނީ ހަރަދުތައް ކުޑަކުރުމަށް ފިޔަވަޅުތައް އެޅިނަމަވެސް، އެ އޮފީހުން ޢާންމުންނަށް އަދި އިދާރާތަކަށްދޭ ޚިދުމަތްތަކަށް އެއްވެސް އުނިކަމެއް ނުވަތަ ލަސްކަމެއް ނާންނާނޭކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ