އީދަށް ނަލަވެލަން ހީނާފަތް އަޅާނެ ހަ ގޮތެއް

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތަކެއް މިލިއަން މުސްލިމުން ފާހަގަކުރާ ދެ އީދުގެ ހާއްސަ މުނާސަބަތުގައި ހަދިޔާ ބަދަލުކޮށް، ނަލަ ހެދުން ލުމާ އެކު އަތުގައި ހީނާފަތް އެޅުމަކީ ވެސް ޒަމާނުއްސުރެން ގެންގުޅެމުން އަންނަ އާދަކާދައެކެވެ. 
ގިނަ ދިރާސާތަކުން ބުނާ ގޮތުގައި ހީނާފަތް އެޅުމުގެ ސަގާފަތް އުފެދިފައި ވަނީ 2200 ބީސީއީ ނުވަތަ، އެއަށްވުރެން ވެސް ކުރިން، 7000 ބީސީއީގެ ކުރީކޮޅުގައި ކަމަށް ވެސް ބެލެވެ އެވެ.
އީދު ދުވަހު ހީނާފަތް އަޅަނީ އުފާވެރި މުނާސަބަތެއް ފާހަގަކުރުމުގެ ގޮތުންނެވެ. އެކި ސަގާފަތްތަކުގެ ތެރޭގައި ދަރިމައިވުމާއި މުއްސަނދިކަމާއި އާ ފެށުމާއި ބަހާރު މޫސުން ފާހަގަ ކުރުން ފަދަ އެތައް ކަމެއް، އަތުގަ އާއި ފައިގައި އަޅާ ހީނާފަތުން ރަމްޒުކޮށްދެ އެވެ. މިސްރު، ތުރުކީ، މެލޭޝިޔާ، މޮރޮކޯ، ސްޕެއިން، އިންޑިއާ، ޕާކިސްތާން، ބަންގްލަދޭޝް އަދި އެފްރިކާ އާއި މެދު އިރުމަތި އަދި ޔޫރަޕްގެ ގައުމުތަކުގައި ވެސް ހީނާފަތް އަޅަ އެވެ.
ރާއްޖޭގައި ޒަމާނުއްސުރެން އަންހެނުން އިސްތަށިގަނޑާއި އަތްފައިގައިި ހީނާފަތް އަޅާ އުޅެ އެވެ. އަންހެންކުދިންގެ އިތުރުން އިހު ޒަމާނުގައި ފިރިހެންކުދިން ހިތާނު ކުރުމުގެ އުފާ ފާޅު ކުރުމުގެ ގޮތުން އެ ކުދިންގެ އަތްފައިގައި ވެސް ހީނާފަތް އަޅަ އެވެ. މި އާދަކާދަ ރާއްޖެއިން ނެތިގެންދިޔަ ކަމުގައިވިއަސް، އަދިވެސް އަންހެންކުދިންގެ އަތުގައި ހީނާފަތް އެޅުން މަދުން ނަމަވެސް ފެނެ އެވެ.
މިހާރު އާއްމުކޮށް ހީނާފަތް އަޅަނީ އީދު ފާހަގަ ކުރާށެވެ. އަދި މި ޒަމާނުގެ ޑިޒައިންތައް އިހަށް ވުރެން ތަފާތުވެފައި އެކި ކުލައިން އަޅާތަން ވެސް ފެނެ އެވެ.
ރާއްޖޭގައި ހީނާފަތް އެކި ޑިޒައިންތަކަށް އަޅައިދޭ ފަންނުވެރިން މަދެއް ނޫނެވެ. ފަންނުވެރިކަމުގެ ދާއިރާގައި 20 އަހަރަށް ވުރެން ގިނަ ދުވަސް ވަންދަން މަސައްކަތް ކޮށްފައިވާ ވިޝުއަލް އާޓިސްޓެއް އަދި ހެނާ އާޓިސްޓެއް ކަމަށްވާ މަރިޔަމް ނަޒީހާ ފާހަގަކުރިގޮތުގައި ހީނާފަތަކީ:
ލޮސޯނިއާ އިނާމިސްއޭ ކިޔާ ގަހެއްގެ ފަތްތަކުން އުފައްދާ ގުދުރަތީ ކުލައެއް. އެހެންކަމުން މިއީ ޕްލާންޓް ބޭސްޑް، އެއްވެސް ކެމިކަލެއް ނުހުންނަ ކުލައެއް.
އެ ފަތުގެ ކުލަ އޮރެންޖުން ފެށިގެން ރަތްް ކުލައަށް ވެސް ހުރޭ.
ހީނާފަތުގެ ކުލަ ގިނަ ފަހަރަށް ހަމުގައި 1-2 ހަފުތާ ވަންދެން ދެމިހުންނާނެ. 
ނަޒީހާ ބުނިގޮތުގައި ޒަމާނާ އެކު އައި ބަދަލުތަކުގެ ތެރެއިން، ހެނާގެ އެކި ވައްތަރުތައް ބާޒާރުން ލިބެން ހުރެ އެވެ. އަދި އޭގެ ތެރޭގައި ޖެގުއާ ޖެލް އާއި ހެންގުއާ ކިޔާ ވައްތަރުތަކެއް އާއްމެވެ.
ޖަގުއާ ޖެލް އަކީ ޖެނިޕާ އެމެރިކާނާ ނަމަކަށް ކިޔާ ޓްރޮޕިކަލް މޭވާއަކުން އުފައްދާ ގުދުރަތީ ކުލައެއް. އޭގެ ކުލައަކީ ގަދަ ނޫ ކުލައިގެ ކަޅު (ޓެޓޫ ކުލައެއް). 
އޭގެ ކުލަ 24-48 ގަޑިއިރު ތެރޭގައި ގަދަވާނެ. އަދި 1-2 ހަފުތާ ވަންދެން ކުލަ ދެމިހުންނާނެ. 
މިއީ ރައްކާތެރި، ޕްލާންޓް ބޭސްޑް އަދި ޕީޕީޑީ ފްރީ ކުލައެއް. ބޯލްޑް ޓެޓޫ ފަދަ ޑިޒައިންތަކަށް ވަރަށް ފުރިހަމަ ކުލައެއް.
ހެންގުއާ އަކީ ހެނާ އާއި ޖަގުއާ އެކުލަވާލައިގެން ނެރޭ ގުދުރަތީ މިކްސްއެއް. 
އޭގެ ކުލަ ހުންނާނީ ގަދަ މުށި އަދި ކަޅު ކުލައިގައި. 
ކުލަ 1-2 ހަފުތާ ވަންދެން ދެމިހުންނާނެ. 
މިއީ ކެމިކަލް ކަޅު ހެނާއަށް ވުރެން ރައްކާތެރި ޕްލާންޓް ބޭސްޑް ވައްތަރެއް. 
ބޯލްޑް ޑިޒައިންތަކަށް ވަރަށް އެކަށީގެންވާ ކުލައެއް
ހެނާގެ ކުލަ ބައެއް މީހުންގެ އަތުގައި ގަދަޔަށް ހިފާފައި އަނެއްބައި މީހުންގެ ކުލަ އަލިކޮށް ހުރެ އެވެ.
"ހަށިގަނޑުގެ ހޫނުމިނަށް އޭގެ ކުލަ ވެސް ބަދަލުވޭ. އަތްފައި އާއްމުކޮށް ހޫނުވީމަ ކުލަ ހިފާނީ ގަދަކޮށް. އަދި އޮއިލީ މަޑު ހަންގަނޑަކަށްވުރެން ހިކި އަދި ހަރު ހަންގަނޑެއްގައި ކުލަ ގަދަޔަށް ހިފާނެ،" އޭނާ ބުންޏެވެ.
ހީނާފަތް އެޅުމަށް ފަހު ކުރަންޖެހޭ ކަންތައްތަކެއް ވެސް ނަޒީހާ ކިޔާދިނެވެ. އެގޮތުން:
ގިނަ އިރުވަންދެން އަޅާފައި ބެހެއްޓުން މުހިއްމު. ކުލަ ގަދަޔަށް ހިފާނީ ގާތްގަނޑަކަށް 4-8 ގަޑިއިރު ވަންދެން ބަހައްޓައިގެން.
ފެން ޖެހި ނުވަތަ ދާހިއްލީމަ ކުލަ ހިފާލެއް މަޑު ވާނެ
ކޮންމެ މީހެއްގެ ހަންގަނޑު ވެސް ތަފާތުވުމުން ހެނާގެ ކުލަ ތަފާތުވުން އެކަށީގެންވޭ
އީދު ދުވަހަށް ހާއްސަ ހީނާފަތް ޑިޒައިނެއް ބޭނުން ނަމަ، ނަޒީހާގެ ބްރޭންޑު ޓެއްޓޯލްގެ ފަރާތުން އެސްޓް ކެފޭގައި މިރޭ 8 އިން 11 އަށް ހީނާފަތް އަޅައިދޭނެ އެވެ.
ކަޅު އަދި ދިގު މުއްދަތަކަށް ދެމިގެންދާނެ ކުލައެއް ނެރުމަށް ކުރެވިދާނެ ކަންތައްތަކެއް ވެސް ނަޒީހާ ފާހަގަ ކުރި އެވެ.
 ކުލަ ޖައްސަން ގަސްދުކުރާ ތަން ސައިބޯނި ލައި ރަނގަޅަށް އެކްސްފޯލިއޭޓު ކުރުން.
ލޯޝަން، ތެޔޮ އަދި މޮއިސްޗަރައިޒާ ފަދަ ތަކެތި ބޭނުން ނުކުރުން.
އަނގޮޓި އާއި ކެވެލި ފަދަ ގަހަނާ ނޭޅުން.
ގަޔަށް ފަސޭހަ ހެދުމެއް ލައިގެން ދިޔުން.
20-30 މިނިޓް ވަންދެން ހެނާ ހިކެންދެން ބެހެއްޓުން. 
 ހެނާ ޕޭސްޓް 4-8 ގަޑިއިރަށް ބެހެއްޓުން. ގިނަ އިރު ބެހެއްޓިވަރަކަށް ކުލަ ގަދަ ވާނެ.
ހެނާ ޕޭސްޓު ފެނުން ދޮވެގެން ނުފިލުވާތި. ހަރުވެފައި ހުރި ޕޭސްޓްގަނޑު ކަހާލުމަށް ފަހު ތެޔޮ އުނގުޅާ. ކުލަ ފުރަތަމަ ހުންނާނީ ގަދަ އޮރެންޖު ކުލައެއްގައި ދެން ވަގުތު ދާ ވަރަކަށް ކުލަ ގަދަވާނެ.
ޖަގުއާ ޖެލް 1-3 ގަޑިއިރު ވަންދެން ބަހައްޓާފައި ހަންގަނޑުން އެއްކޮށް ފޮހެވެންދެން އެ ޕޭސްޓް ދޮވެލާށެވެ. އަދި 24 ގަޑިއިރާއި 48 ގަޑިއިރުގެ ތެރޭގައި ފެންނަން ފަށާނެ އެވެ.
ޕޭސްޓް ނެގުމަށް ފަހު ތެޔޮ، ވިކްސް ބާމް ނުވަތަ ވެސްލިން އުނގުޅާށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ