އީރާނުގެ ސައުތު ފާސް ގޭސް ފީލްޑަށް ހަމަލާދީ އިޒްރޭލުން ވަރުގަދައަށް ރައްދުދީފައިވާ ކަމަށާއި، މިއީ ހިނގަމުންދާ ހަމަނުޖެހުންތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ބޮޑު ކުރިއެރުމެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރޭ ވިދާޅުވެއްޖެ އެވެ. ނަމަވެސް، އީރާނުން ރައްދު ހަމަލާއެއް ނުދޭހާ ހިނދަކު އިތުރު ހަމަލާތަކެއް ނުދޭނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.
ދުނިޔޭގެ އެންމެ ބޮޑު ގޭސް ފީލްޑަށް ދިން މި ހަމަލާއާ ގުޅިގެން ތެލުގެ އަގު އުފުލި، ގަތަރާއި ސައުދީ އަރަބިއްޔާ ހިމެނޭ ގޮތަށް ގަލްފުގެ ގައުމުތަކަށް އީރާނުން މިސައިލް ހަމަލާތަކެއް ދިނެވެ.
ގަތަރު އެނާޖީން ބުނި ގޮތުގައި، އެ ގައުމުގެ ރަސް ލައްފާން އެލްއެންޖީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި ބޮޑެތި އަލިފާންގަނޑުތަކެއް ވަނީ ރޯވެފަ އެވެ. ހަމަ އެއާ އެކު، ރިޔާދަށް އަމާޒުކޮށް ފޮނުވާލި ބެލިސްޓިކް މިސައިލްތައް ހުއްޓުވާފައިވާ ކަމަށް ސައުދީ އަރަބިއްޔާއިން ބުންޏެވެ.
އިޒްރޭލުގެ މި އަމަލުތަކުގެ އެއްވެސް މައުލޫމާތެއް ކުރިން ވޮޝިންޓަނަށް ލިބިފައި ނުވާ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. އަދި ގަތަރުގެ ދިފާއުގައި ވާހަކަ ދައްކަވަމުން، އީރާނުން އެ ގައުމުގެ އެލްއެންޖީ އިންފްރާސްޓްރަކްޗަރަށް ހަމަލާދިނީ އެއްވެސް އިންސާފެއް ނެތި ކަމަށް ވިދާޅުވި އެވެ. އީރާނުން އަލުން ގަތަރަށް ހަމަލާދީފި ނަމަ، އެމެރިކާއިން ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދެއްވަމުން، ސައުތު ފާސް ގޭސް ފީލްޑް އެއްކޮށް ގޮއްވާލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ހަމަނުޖެހުންތަކުގެ ސަބަބުން ދުނިޔޭގެ ހަކަތަ ފޯރުކޮށްދިނުމަށް ބޮޑެތި ބުރޫތަކެއް އަރާފައިވާއިރު، ހޮރްމުޒް ކަނޑުއޮޅިއަކީ އަދިވެސް ނާޒުކު ސަރަހައްދެއްގެ ގޮތުގައި އޮތީ ފާހަގަކުރެވިފަ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި، ކަނޑުގެ ދަތުރުފަތުރުގެ މަގުތައް ރައްކާތެރިކުރުމަށް އިތުރު ސިފައިން ފޮނުވުމަށް އެމެރިކާއިން ދަނީ ވިސްނަމުންނެވެ.
މިދަނޑިވަޅުގައި، ރިޔާދުގައި ރޭ ބައްދަލުކުރެއްވި މުސްލިމް 12 ގައުމެއްގެ ހާރިޖީ ވަޒީރުން ވަނީ ގަލްފުގެ އިންފްރާސްޓްރަކްޗަރަށް އީރާނުން ދިން ހަމަލާތައް ކުށްވެރިކޮށްފަ އެވެ. އަދި އެފަދަ އަމަލުތަކަކީ އެއްވެސް ހާލަތެއްގައި ބަލައިގަނެވޭނެ ކަންކަމެއް ނޫން ކަމަށް އިންޒާރު ދެއްވި އެވެ. ސައުދީ ހާރިޖީ ވަޒީރު ފައިސަލް ބިން ފަރްހާން އިތުރަށް ވިދާޅުވީ، ބޭނުންވެއްޖެ ހާލަތެއްގައި އަސްކަރީ ފިޔަވަޅު އެޅުމުގެ ހައްގު އެ ގައުމަށް ލިބިގެންވާ ކަމަށެވެ.
މުޅި ސަރަހައްދުގައި މަރުވާ މީހުންގެ އަދަދު އިތުރުވަމުންދާއިރު، މަސްލަހަތު ފިނިވާނެ ކަމުގެ އެއްވެސް ނިޝާނެއް ނުފެނެ އެވެ. މި ހަމަނުޖެހުމުގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ރައްކާތެރިކަމަށާއި ސަރަހައްދީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ދަނީ ކުރިމަތިވަމުންނެވެ.
އީރާނުގެ ގޭސް ފީލްޑަށް އިޒްރޭލުން ހަމަލާދިނީ އެމެރިކާއަށް ނޭނގި؛ ދެން ނުދޭނެ: ޓްރަމްޕް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ