ގަލްފުގެ ކެތްތެރިކަމަކީ ހައްދެއް ނެތް އެއްޗެއް ނޫން: ސައުދީ ހާރިޖީ ވަޒީރު

އީރާނުން ގަލްފުގެ ގައުމުތަކަށް ދެމުންދާ ހަމަލާތައް ކުރިއަށްދާ ނަމަ، އޭގެ ރައްދު ދީފާނެ ކަމުގެ އިންޒާރު ސައުދީ އަރަބިއްޔާއިން އިއްޔެ ދީފި އެވެ.
ސައުދީ ހާރިޖީ ވަޒީރު ފައިސަލް ބިން ފަރްހާން ވިދާޅުވީ މި ސަރަހައްދުގެ ކެތްތެރިކަމަކީ ވަކި ހައްދެއް ނެތް އެއްޗެއް ނޫން ކަމަށެވެ.
ރިޔާދުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ފައިސަލް ވަނީ އަވަހަށް އަލުން ހިސާބުތައް ޖަހައި، އަވަށްޓެރިންނަށް ހަމަލާދިނުން ހުއްޓާލުމަށް ތެހެރާނަށް ގޮވާލައްވާފަ އެވެ. އަދި ބޭނުންވެއްޖެ ހާލަތެއްގައި ބޭނުންކުރެވޭނެ ވަރަށް ވަރުގަދަ ގާބިލުކަމާއި ވަސީލަތްތައް ސައުދީ އަރަބިއްޔާ އާއި އެ ގައުމުގެ ބައިވެރިންގެ ކިބައިގައި އެބަހުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި ސަރަހައްދުގެ ހަކަތަ އުފައްދާ މަރުކަޒުތަކަށް ދާދި ފަހުން ދީފައިވާ ހަމަލާތަކުން އެނގެނީ އެއީ "ކުރިން ރާވައި، އިންތިޒާމުކޮށް، ވަރަށް ބޮޑަށް ވިސްނައިގެން" ދީފައިވާ ހަމަލާތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެއީ ގަސްތުގައި ދީފައިވާ ހަމަލާތަކެއް ނޫން ކަމަށް ބުނެ އީރާނުން ކުރާ ދައުވާތައް އޭނާ ދޮގުކުރެއްވި އެވެ.
މި އިންޒާރު ދީފައިވަނީ ގަތަރުގެ ރަސް ލައްފާން އެލްއެންޖީ ކޮމްޕްލެކްސް އާއި ޔޫއޭއީގެ ހަބްޝާން ގޭސް ފެސިލިޓީ ހިމެނޭ ގޮތަށް، ގަލްފުގެ ހަކަތަ އުފައްދާ ތަންތަނަށް އަމާޒުކޮށް އީރާނުން ރޭ މިސައިލާއި ޑްރޯން ހަމަލާތަކެއް ދީފައިވާ ދަނޑިވަޅެއްގަ އެވެ. މީގެ އިތުރުން، ސައުދީ އަރަބިއްޔާއަށް ދޭން އުޅުނު ހަމަލާތަކެއް ވެސް ވަނީ ހުއްޓުވާފަ އެވެ. ރިޔާދުން ބުނި ގޮތުގައި ވެރިރަށަށް އަމާޒުކޮށް ފޮނުވާލި ހަތަރު ބެލިސްޓިކް މިސައިލެއް ވަނީ ވައިގެ ތެރޭގައި ގޮއްވާލާފަ އެވެ.
އަސްކަރީ ރައްދެއް ދޭން މަޖުބޫރުވާނީ ކޮން ކަމަކާ ގުޅިގެންތޯ ސުވާލުކުރުމުން ފައިސަލް އެކަން ތަފްސީލުކޮށްދެއްވަން އިންކާރު ކުރެއްވި އެވެ. ނަމަވެސް އީރާނަށް ދޭން ބޭނުންވާ މެސެޖު ވަރަށް ސާފުކަމަށް އޭނާ ވިދާޅުވި އެވެ.
ސައުދީ އަރަބިއްޔާ އާއި އީރާނާ ދެމެދު އޮތް އިތުބާރު ވަރަށް ބޮޑަށް ގެއްލިފައިވާ ކަމަށާއި ގުޅުން އަލުން ބަދަހިކުރުމަށް އަހަރުތަކެއް ނަގާނެ ކަމަށް އޭނާ އިންޒާރު ދެއްވިއެވެ. އީރާނުން މި އަމަލުތައް ވަގުތުން ހުއްޓާނުލައިފި ނަމަ، އެ އިތުބާރު އަލުން އުފެއްދޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ