ދުނިޔޭގެ އެންމެ ބޮޑު ލިކުއިފައިޑް ނެޗުރަލް ގޭސް (އެލްއެންޖީ) ފެސިލިޓީ ކަމަށްވާ ރަސް ލައްފާން އިންޑަސްޓްރިއަލް ސިޓީއަށް އީރާނުން އިއްޔެ ދިން މިސައިލް ހަމަލާ ގަތަރުން ކުށްވެރިކޮށްފި އެވެ.
ގަތަރުން ބުނި ގޮތުގައި، މި ހަމަލާގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބި، އަލިފާނުގެ ހާދިސާތަކެއް ވަނީ ހިނގާފަ އެވެ.
ގަތަރުގެ ފޮރިން މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި މި ހާދިސާ ސިފަކޮށްފައިވަނީ އީރާނުން ދިން ފާޅުކަން ބޮޑު ހަމަލާއެއް، ނުރައްކާތެރި ކުރިމަތިލުމެއްގެ ފެށުމެއް އަދި ގައުމީ ސަލާމަތަށް އޮތް ސީދާ ނުރައްކަލެއްގެ ގޮތުގަ އެވެ.
ކަމާބެހޭ ފަރާތްތަކުން ބުނީ އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވާ ކަމަށާއި، އެއްވެސް މީހަކަށް އަނިޔާވި ކަމުގެ ރިޕޯޓެއް ލިބިފައިނުވާ ކަމަށެވެ. ގަތަރު އެނާޖީން ވަނީ ހުރިހާ މުވައްޒަފުންގެ ސަލާމަތްތެރިކަން ކަށަވަރުކޮށްދީފަ އެވެ.
މި ހަމަލާއަކީ އެމެރިކާ އާއި އިޒްރޭލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައާ ގުޅިގެން ސަރަހައްދީ މަސްރަހު ގޯސްވަމުންދާ ދަނޑިވަޅެއްގައި ދިން ހަމަލާއެކެވެ. އީރާނުން ކުރިން ވަނީ ގަލްފް ސަރަހައްދުގެ ހަކަތަ އުފައްދާ މަރުކަޒުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު ދީފަ އެވެ.
ގަތަރު އެނާޖީން ބުނި ގޮތުގައި ގަތަރުގެ އިތުރު އެލްއެންޖީ ސައިޓްތަކަށް ވެސް ހަމަލާ އަމާޒުވެ، ބޮޑެތި އަލިފާނުގެ ހާދިސާތަކާއި އިތުރު ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ.
ދޯހާގެ އިރުއުތުރުގައި އޮންނަ ރަސް ލައްފާންއަކީ ދުނިޔޭގެ އެލްއެންޖީ ސަޕްލައިގެ ގާތްގަނޑަކަށް %20 ހިއްސާކުރާ ތަނެކެވެ. އެހެންކަމުން މިއީ އޭޝިއާ އާއި ޔޫރަޕްގެ ހަކަތައިގެ ބާޒާރަށް ނުހަނު މުހިންމު ތަނެކެވެ. ތަޖުރިބާކާރުން އިންޒާރު ދޭ ގޮތުގައި، އުފެއްދުންތެރިކަން ކުރިން ވެސް ކޮންމެވެސް މިންވަރަކަށް މެދުކަނޑާލާފައި އޮތް ނަމަވެސް، މި ހަމަލާގެ ސަބަބުން ހަކަތައިގެ އަގުތައް މަތީގައި ހުންނަ މުއްދަތު އިތުރުވެގެންދާނެ އެވެ.
މިކަމަށް ރައްދު ދިނުމުގެ ގޮތުން، ތަކުރާރުކޮށް ހަމަލާދެމުންދާ ކަމަށް ބުނެ، ގަތަރުން ވަނީ އީރާނުގެ މިލިޓަރީ އަދި ސެކިއުރިޓީ އޮފިޝަލުން އެ ގައުމުން ބޭރުކޮށްލާފަ އެވެ. ގައުމުން ފުރައިގެން ދިއުމަށް އެ ފަރާތްތަކަށް 24 ގަޑިއިރުގެ މުހުލަތެއް ވަނީ ދީފަ އެވެ.
ބައިނަލްއަގުވާމީ މުޖުތަމައުގެ ކަންބޮޑުވުން މިކަމުގައި އިތުރުވަމުންދާއިރު، ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން ވަނީ ކެތްތެރިކަން އިސްކުރުމަށް ގޮވާލައްވައި، މަދަނީ އިންފްރާސްޓްރަކްޗަރަށް ހަމަލާދިނުން ހުއްޓާލުމަށް ބާރުއަޅުއްވާފަ އެވެ.
"އާންމު ރައްޔިތުންނާއި ހަކަތަ ފޯރުކޮށްދޭ ނިޒާމުތަކުގެ ސަލާމަތްތެރިކަން އަސްކަރީ ކުރިމަތިލުންތަކުން ރައްކާތެރިކުރަންޖެހޭ،" އޭނާ ރޭ ވިދާޅުވި އެވެ.
އީރާނުގެ ހަމަލާއެއްގައި ގަތަރުގެ މުހިންމު ގޭސް ފެސިލިޓީއަކަށް ބޮޑެތި ގެއްލުންތަކެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ