ޤުރުއާނާއި މިސާލު: އެންމެ އޮށަކުން ސަތޭކަ އޮށުގެ ހަތް ކުރާގަނޑު

ސޫރަތުލް ބަޤަރާގެ 261 ވަނަ އާޔަތުގައި ﷲ މިސާލެއް ދައްކަވަ އެވެ. މި މިސާލުގެ ފޯކަސްއަކީ ﷲގެ މަގުގައި ހޭދަކުރުމެވެ. ﷲގެ މަގުގައި ހޭދަކުރުމަކީ ތިމާގެ މުދަލާއި ފައިސާ ﷲ އަންގަވާ ގޮތަށް ހޭދަކުރުމެވެ. އެގޮތުން ޒަކާތް ދީ ސަދަގާތްކުރުމަކީ ﷲގެ މަގުގައި ހޭދަކުރުމެވެ. ﷲ ގެ މަގުގައި ކުރެވޭ ޖިހާދަށް ޚަރަދުކުރުމަކީ ވެސް ﷲގެ މަގުގައި ހޭދަކުރުމެވެ. އިސްލާމް ދީން ފަތުރައި އިސްލާމް ދީން ކުރިއަރުވަން ޚަރަދުކުރުމަކީ ﷲގެ މަގުގައި ހޭދަކުރުމެވެ. އެނެކުންނަށް އެއްޗެއް ދިނުން ނުވަތަ ސަދަގާތްކުރުމަކީ ވެސް ﷲގެ މަގުގައި ހޭދަކުރުމެވެ. ސްކޫލްތަކާއި މިސްކިތްތައް ބިނާކުރަން ޚަރަދުކުރުމަކީ ﷲގެ މަގުގައި ހޭދަކުރުމެވެ.
ބަޤަރާ ސޫރަތުގެ 261 ވަނަ އާޔަތުގެ މާނައިގައި ވެއެވެ. "ﷲގެ މަގުގައި، އެމީހުންގެ މުދާ ހޭދަކުރާ މީހުން ހޭދަކުރާ ތަކެތީގެ މިސާލީ، ކޮންމެ ކުރާގަނޑެއްގައި ސަތޭކަ އޮށް ހުންނަ ހަތް ކުރާގަނޑު އުފައްދާ އޮށެއްގެ މިސާލެވެ. ﷲ އީ، ތަނަވަސްވަންތަ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެ އެވެ."
އިންސާނުންނަކީ ޝައިތާނާއަށް ހެއްލި ދަހިވެތިކަން އިސްކުރާ ބައެކެވެ. އަވަދިނެތި އަޅުކަމުގައި އުޅޭ މީހުން ވެސް ހޭދަކުރަން ޖެހުމުން ފަހަތަށް ޖެހެ އެވެ. މި މިސާލުން ހަނދާންކޮށްދެނީ ދީލަތިވުމަށާއި މުށްބާރުނުކުރުމަށެވެ. އަދި ﷲގެ މަގުގައި ހޭދަކޮށްގެން އެއްވެސް މީހަކަށް މަދުނުވާނެކަން މި މިސާލުން ބުނެދެ އެވެ. ހަމައެގޮތަށް ﷲގެ މަގުގައި ހޭދަކުރުމުން ހުރި ދަރުމަޔާއި ސަވާބުގެ ބޮޑުކަން ވެސް މި މިސާލުން ހަނދާންކޮށްދެ އެވެ.
އޮށެއް އިންދުމަކީ ވިޔަފާރިއެއް ފެށުމަށްޓަކައި އިންވެސްޓްކުރުން ފަދަ ކަމެކެވެ. ދަނޑުވެރިޔާއަށް އޭނާގެ ދަނޑަކީ އޭނާގެ ވިޔަފާރި އެވެ. ކިތަންމެ ބައިވަރު އޮށެއް އިންދިޔަސް އަދި ކިތަންމެ ބައިވަރު ދަނޑެއް ހުއްޓަސް އާޚިރުގައި ކަނޑަން ލިބޭނީ ކިހާ ގޮވާމެއްކަމެއް ނުވަތަ މޭވާއެއްކަމެއް ދަނޑުވެރިޔާއަކަށް ނޭނގޭނެ އެވެ. އޭނާއަށް ލިބޭ ނަތީޖާ ބިނާވާނީ އެތައް ކަމަކަށެވެ. ގަހަށް ލިބޭ ކާނާ އާއި ފެނަކީ އެފަދަ ކަމެކެވެ. ދަނޑަށް ޖެހޭ ބަލިތަކާއި ދަނޑަށް ލިބޭ ސޫފާސޫފީގެ އުނދަގޫތަކަކީ ވެސް އެފަދަ ކަންކަމެވެ.
މި މިސާލުން އަންގައިދެނީ ﷲގެ މަގުގައި ހޭދަކުރުމަކީ ނަފާ ބޮޑު ވިޔަފާރިއަކަށް އިންވެސްޓްކުރުމަށް ވުރެ މާ ފައިދާ ބޮޑު ކަމެއް ކަމަށެވެ. ﷲގެ މަގުގައި ހޭދަކުރާ ކޮންމެ ރުފިޔާއަކަށް އެތައް ސަތޭކަ ގުނަޔަކަށް އޭގެ ދަރުމަ އާއި ސަވާބު ދެއްވާނެކަން މި މިސާލުން ކަށަވަރުވެ އެވެ. އެހެންކަމުން މުސްލިމުން ކުރަން ޖެހޭ ކަމަކީ ދީލަތިކަން ބޮޑުކޮށް ﷲގެ މަގުގައި ހޭދަކުރުން އިތުރުކުރުމެވެ. ﷲގެ މަގުގައި ހޭދަކުރަން ޖެހެނީ ޖެހިލުމެއްނެތި އެއިން ލިބޭނެ ފައިދާގެ ޔަގީންކަން އޮވެގެންނެވެ. މިއީ ޖެކްޕޮޓަކުން ނުވަތަ ލޮޓަރީއަކުން ލިބޭ ފައިސާއަށް ވުރެ މާ ބޮޑު އިނާމެކެވެ.
މި މިސާލުން ލިބޭ ފިލާވަޅަކީ ދީލަތިކަން އިސްކޮށް ﷲގެ މަގުގައި ހޭދަކުރުމުގެ މުހިންމުކަމެވެ. ދަހިވެތިކަމަކީ ޝައިތާނާގެ ސިފައެކެވެ. އެހެންކަމުން ދަހިވެތިކަމުން ދުރުހެލިވެ ﷲގެ މަގުގައި ހޭދަކުރުމަކީ ދުނިޔޭގައި ކުރެވޭނެ އެންމެ ރަނގަޅު ވިޔަފާރި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ