އިސްރާއީލުގެ ޖަރީމާތައް ހުއްޓާލާނުލާނަމަ 'ސީރިއަސް ނަތީޖާތަކެއް' ކުރިމަތިވާނެ ކަމުގެ އިންޒާރު ދީފި

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވެ، އިސްރާއީލުން މެދުކެނޑުމެއްނެތި ޣައްޒާގައި ހިންގާ ޖަރީމާތައް ހުއްޓާނުލާނަމަ 'ސީރިއަން ނަތީޖާތަކެއް' ކުރިމަތި ވެދާނެ ކަމަށް ބުނެ ހަމާސްގެ ޕޮލިޓިކަލް ބިއުރޯގެ މެންބަރު އަދި ޣައްޒާގައި ހުންނަވާ ހަމާސްގެ ލީޑަރު ޚަލީލް އަލް ހަޔާ އިންޒާރުދެއްވައިފިއެވެ. ހަމާސް އިން އެގޮތަށް ބުނީ ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި އިސްރާއީލުން ފަލަސްތީނުގެ 37 މީހަކު މަރާލުމާ ގުޅިގެންނެވެ. އެކަމާ ގުޅިގެން ހަމާސްއިން ވަނީ އެއްބަސްވުން ގާއިމުކުރި މެދުވެރިންނާ ވާހަކަ ދައްކަވާފައެވެ. އިސްރާއީލުން ގާތްގަނޑަކަށް ކޮންމެ ދުވަހަކު ޣައްޒާގައި ހިންގާ ޖަރީމާތައް ކުށްވެރިކުރައްވައި ހަޔާ ވިދާޅުވީ އެ ހަމަލާތައް ދެމުންގެންދަނީ ދޮގު ބަހަނާތައް ދައްކައިގެން ކަމަށެވެ. ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ އިސްރާއީލުން ޚިލާފުވުމުން ކުރާނެ އަސަރުތަކާ ބެހޭ ގޮތުން އިންޒާރު ދެއްވަމުން އޭނާ ވަނީ އިސްރާއީލުން ގަވާއިދާ ޚިލާފުވުން ހުއްޓުވަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި ޣައްޒާގެ ދެކުނުގެ ރަފަހް ސަރަހައްދުގައި ފަލަސްތީނު މީހުން ޓަނަލްތަކުގައި ތާށިވެފައި ތިބި މައްސަލަ ހައްލު ނުކުރެވުމުން އެކަމުގެ ޒިންމާ އިސްރާއީލުން ނަގަންޖެހޭނެ ކަމަށް ވެސް ހަމާސް ބުންޏެވެ. މިިދޔަ އޮކްޓޯބަރު 10 ވަނަ ދުވަހު ހަނގުރާމަ ހުއްޓާލިއިރު، ގިނަ ބަޔަކު ތިބީ ރަފަހްގައި ތާށިވެފައެވެ. ނަމަވެސް އެމީހުން އެ ސަރަހައްދުން ނުކުތުމުގެ ހުއްދަ އިސްރާއީލުން ދީފައެއްނުވެއެވެ. އިސްރާއީލުން އިއްޔެ ދިން ހަމަލާގައި މަރުވި މީހެއްގެ ހަށިގަނޑު. ފޮޓޯ/އޭޕީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދެވަނަ މަރުހަލާ ފެށިފައިވާކަން ޖެނުއަރީ މަހުގެ މެދުތެރޭގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާން ކުރެއްވި ނަމަވެސް، ޣައްޒާގައި ހަނގުރާމަ ހުއްޓާލުމާ ގުޅޭ މައްސަލަތަކަަށް އަދިވެސް ހައްލެއް ނުލިބެއެވެ. ނޭޝަނަލް އެންޑް އިސްލާމިކް ފޯސަސް ފޮލޯއަޕް ކޮމިޓީން ނެރުނު ބަޔާނެއްގައި އެ ޖަމާއަތްތަކުން ބުނެފައި ވަނީ އިސްރާއީލު ސިފައިން ހަނގުރާމައިގެ އެއްބަސްވުމާ ހިލާފުވަމުން އަންނަ ކަމަށާއި، ޣައްޒާގެ ހިންގުމަށް އުފެއްދި، ޣައްޒާ އެޑްމިނިސްޓްރޭޝަން ނޭޝަނަލް ކޮމިޓީ އުފެއްދި ފަހުން ހަމަލާތައް ވަރުގަަދަކޮށްފައިވާ ކަމަށެވެ. މިދިޔަ މަހު 17 ގައި އެ ކޮމެޓީ އުފެއްދި ފަހުން މިހާތަނަށް 71 މީހުން މަރާލައި 140 މީހުން ޒަޚަމްކޮށްލާފައިވާ ކަމަށް އެ ކޮމިޓީން ބުނެއެވެ. ހަމަލާތައް ހުއްޓުވައި ހަނގުރާމަ ހުއްޓާލުމާ ހިލާފުވުންތައް ނިމުމަކަށް ގެނައުމަށް އިސްރާއީލަށް ޕްރެޝަރު ކުރުމަށް އެމެރިކާއާއި އެއްބަސްވުން ގާއިމުކުރުމުގައި މެދުވެރިވި މެދުވެރިންނާއި، ބައިނަލްއަގްވާމީ މުޖުތަމައުއަށް އެ ކޮމިޓީން ވަނި އިލްތިމާސްކޮށްފައެވެ. ހަމަލާތައް ދެމިއޮތުމަކީ ހަނގުރާމަ ހުއްޓާލުމުގެ ދެވަނަ މަރުހަލާއާ ކުރިއަށް ގެންދިއުމަށް ކުރާ މަސައްކަތަކަށް ހުރަސްއެޅޭ ކަމެއް ކަމަށްވެސް އެ ކޮމިޓީން ބުންޏެވެ. ދެހާސް ތޭވީސް ވަނަ އަހަރު އޮކްޓޫބަރު 7 ވަނަ ދުވަހު އިސްރާއީލަށް ހަމާސްއިން ހަމާސްއަށް ދިން ހަމަލާއަކާ ގުޅިގެން އިސްރާއީލުން ދޭން ފެށި ހަމަލާތަކުގައި މިހާތަަނަށް ފަަލަސްތީނުގެ 71،769 މީހަކު ވަނީ ޝަހީދުކޮށްލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ