ބޭހާއި ކެމިކަލާއި، ޖަނަވާރު، ރާއްޖެ އެތެރެކުރުން ލުއިފަސޭހަކުރެވޭތޯ ބަލަނީ
ބޭހާއި އެކި ކެމިކަލް ފަދަ ބާވަތްތައް އެތެރެކުރުމަށް ހުއްދަ ދޫކުރުމުގައި ހުރި ދަތިތައް ހައްލުކުރުމާ ގުޅޭ ގޮތުން ކަސްޓަމްސް އިން އިއްޔެ މަޝްވަރާކޮށްފިއެވެ. ކަސްޓަމްސްއިން ބުނީ، ރާއްޖެއަށް މުދާ އެތެރެކޮށް ބޭރުކުރުމުގައި މިހާރު ހުރި ދަތިތައް ހައްލުކުރުމަށް ކަމާގުޅޭ ފަރާތްތައް ހިމެނޭހެން އެއް ދުވަހުގެ ފޯރަމެއް އިއްޔެ ބޭއްވި ކަމަށެވެ. ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކާއި މުދާތައް ކްލިއާކުރުމުގައި ހަރަކާތްތެރިވާ އޭޖެންޓުން ހިމެނޭހެން ފަސްދޮޅަކަށްވުރެ ގިނަ ފަރާތްތަކުން ބައިވެރިވި މި ފޯރަމުގައި، ރާއްޖެއަށް މުދާ އެތެރެކުރުމާއި ރާއްޖޭން މުދާ ބޭރުކުރުމުގައި ދިމާވާ ދަތިތައް ހައްލުކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވާ ކަމަށް ކަސްޓަމްސްއިން ބުންޏެވެ. https://x.com/CustomsMv/status/2017498943270293683 އެގޮތުން ރާއްޖެއަށް އެތެރެކުރާ ކެމިކަލްގެ ބާވަތްތަކުން ހުއްދަ ދޫކުރުމާއި، ކާބޯތަކެއްޗާއި ބޭހުގެ ބާވަތްތައް ކްލިއާކުރުމުގައި ހުރި ދަތިތަކަށް ހައްލު ގެންނާނެ ގޮތްތަކާއި، ގަސްގަހާއިގެއްސާއި ޖަނަވާރު ބާވަތްތައް އެތެރެކުރުމުގެ ކަންކަން މިހާރަށްވުރެ ފަސޭހަކުރުމާއި، އިމާރާތްކުރުމުގެ ސާމާނު އެތެރެކުރުމަށް ހުއްދަދޭ އުސޫލުތައް ލުއިފަސޭހަކުރުމާ ގުޅޭގޮތުން މަޝްވަރާކުރި ކަމަށް ކަސްޓަމްސް އިން މައުލޫމާތު ދެއެެވެ. އާންމުކޮށް މީހުން އެންމެ ގިނައިން ސޯޝަލް މީޑިއާގައި ކުރަމުން އަންނަ އެއް ޝަކުވާއަކީ ބޭސް ނުލިބުމެވެ. އެ ކަން ހައްލުވާނެ ކަމަށް ސަރުކާރުން އެކި ތާރީޚުތައް ދިން ނަމަވެސް، މިހާތަނަށް އެ ކަމަށް އެދެވޭ ހައްލެއް ނާދެއެވެ. ނަމަވެސް ސަރުކާރު ކުންފުނި، އެސްޓީއޯއިން ބޭސް އެތެރެކުރުން ގިނަ ކުރުމުން ބޭހުގެ ދަތިކަން ކުރިއަށް ވުރެ ރަނގަޅުވެއްޖެ ކަމަށާއި ބޭސް އެތެރެ ކުރަން ސަރުކާރުން އަލަށް އުފެއްދި ކުންފުނީގެ މަސައްކަތާއެކު، އިތުރަށް ހާލަތު ރަނގަޅު ވާނެ ކަމަށް، ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޒިމް އިބްރާހީމް، މިދިޔަ ޑިސެންބަރު މަހުގެ ފަހުކޮޅު ވިދާޅުވެފައިވެއެވެ. https://sun.mv/216027 އެސްއެސްޓީވީގެ ބާރު ހަތަރެއް ޕްރޮގްރާމުގައި ނާޒިމް އޭރު ވިދާޅުވީ، އާސަންދަ ނިޒާމު ރިފޯމުކުރުމުން ބޭހުގެ އަގުތަކަށް ބައެއް ބަދަލުތައް އައި ކަމަށެވެ. އެ ކަން ހައްލުކުރުމަށް ޓަކައި، އެސްޓީއޯއިން ގެންނަ ބޭހުގެ އަދަދު އިތުރުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ. އެހެންވެ، ކުރިއަށް ވުރެ ބޭހަށް ދަތިވުމުގެ ހާލަތު މިހާރު ރަނގަޅު ކުރެވިއްޖެ ކަމަށް ނާޒިމް ވިދާޅުވިއެވެ. މިހާރު ވެސް ސައްތައިންސައްތަ ސަރުކާރު ކުންފުންޏެއްގެ ގޮތުގައި، އެސްޓީއޯއިން އަންނަނީ ރާއްޖެއަށް ޑޮކްޓަރީ ބޭހާއި، ސިއްހީ އެކި ސާމާނު ގަނޑުކޮށް ގެނެސް ވިއްކަމުންނެވެ. އަދި ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް އެސްޓީއޯގެ ބޭސް ފިހާރަތައް ވެސް ވަނީ ގާއިމްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ