ވެރިކަންކުރާ ޕާޓީއަށް މަޖިލީހުގެ އަޣުލަބިއްޔަތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން އޮންނަ ފުރުސަތު ހަނިވާ ކަމެއް: ދިޔާނާ
ސަރުކާރު ހިންގާ ޕާޓީއަށް ގާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތު ލިބުމުގެ ސަބަބުން ސަރުކާރު ޖަވާބުދާރީކުރުވަން އޮންނަ ފުރުސަތު ހަނިވާ ކަމަށް، ކުރީގެ ބަންޑާރަނައިބު ފާޠިމަތު ދިޔާނާ ސަޢީދު މިރޭ ވިދާޅުވެއްޖެއެވެ. މައި ދެ އިންތިޚާބު ކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ރިޔާސީ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން 'ޕޮލިސީ އެމްވީ'އިން "ސިޔާސަތު ޚާއްސަ"ގެ ނަމުގައި ބޭއްވި ފޯރަމުގައި ވާހަކަ ދައްކަވަމުން ދިޔާނާ ވިދާޅުވީ، މައި ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވަން ކުރީގެ ބަންޑާރަނައިބުންނާއި ކުރީގެ ރައީސުން ތާއީދުކުރެއްވި ކަމަށެވެ. އެގޮތުން ރިޔާސީ އިންތިޚާބާއި ކައުންސިލު އިންތިޚާބާއި މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވަން 2020ވަނަ އަހަރުގެ ކުރީކޮޅު ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ތާއީދުކުރެއްވި ކަމަށާއި، މައި ދެ އިންތިޚާބު އެއްކޮށްލަން ކުރީގެ ރައީސް މުޙައްމަދު ނަޝީދު މީގެ މަހެއްހާ ދުވަސް ކުރިން ވެސް ތާއީދުކުރެއްވިކަން ދިޔާނާ ފާހަގަކުރެއްވިއެވެ. އެގޮތަށް އެ ހުރިހާ ބޭފުޅުން ވެސް ތާއީދުކުރެއްވީ، ދިޔާނާ ވިދާޅުވި ގޮތުގައި، މައި ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުގެ ސަބަބުން ދުސްތޫރީ މަންފާތަކެއް ލިބޭނެތީއެވެ. އޭގެ ތެރެއިން އެއް މަންފާއެއްގެ ގޮތުގައި ދިޔާނާ ފާހަގަކުރެއްވީ މަޖިލީހުގެ އިންތިޚާބާއި ރިޔާސީ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުން، ސަރުކާރު ޖަވާބުދާރީކުރުވޭނެ މަޖިލީހެއް އިންތިޚާބުކުރުމުގެ ފުރުސަތު ލިބިގެން ދިއުމެވެ. ތިޔަ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، ވޭތުވެދިޔަ ދެ ދައުރާ އެއްކޮށް، މި ހިނގާ ދައުރާ އެއްކޮށް، އަޅުގަނޑުމެންނަށް ލިބިފައި މި އޮތީ ސުޕަމެޖޯރިޓީ މަޖިލީހެއް. އެއީ ސަރުކާރުގެ މުތުލަގު ބާރު އޮންނަ މަޖިލީހެއް. ސުޕަމެޖޯރިޓީ މަޖިލިސް ލިބިގަތީމާ މި ވާގޮތަކީ ސަރުކާރު ޖަވާބުދާރީކުރުވުމުގައި ފަހަތަށް އެބަޖެހޭ. އެއީ ސަރުކާރާއި މަޖިލީހާ މި އޮންނަނީ ވަރަށް ބޮޑަށް މަސްހުނިވެފައި،ކުރީގެ ބަންޑާރަނައިބު ފާޠިމަތު ދިޔާނާ ސަޢީދު ދިޔާނާ ވިދާޅުވީ، އެހެންވެ، ގާނޫނުއަސާސީން ގެންނަން ބޭނުންވާ ތިން ބާރު ވަކިވެފައި އޮންނަ ނިޒާމު ހަގީގަތުގައި ނުގެނެވޭ ކަމަށެވެ. މަޖިލީހުގައި ސާފު އަޣުލަބިއްޔަތު އޮތުމުގެ ސަބަބުން ފަސް ފަހަރެއްގެ މަތިން ރާއްޖޭގެ އެންމެ މަތީ ކޯޓު ކަމަށްވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ބަދަލުކުރެވި، ހަތް ފަހަރެއްގެ މަތިން ގާނޫނުއަސާސީ ބަދަލުކުރެވިއްޖެ ކަމަށާއި، 18 އަހަރު ވީއިރު ފެހި ގާނޫނުއަސާސީ އަދި ތަސައްރަފު ނުފުދޭ ކަމަށް، ދިޔާނާ ވިދާޅުވިއެވެ. ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީ ހަމަހަމަ މަޖިލީހެއް އިންތިޚާބުކުރުމަށް އޮތް ފުރުސަތެއް ކަމަށްވެސް، ދިޔާނާ ވިދާޅުވިއެވެ. ސަބަބެއް ކަމަށް ދިޔާނާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިންތިޚާބުވުމަށްފަހު، އެ މުއްދަތުގައި މަޖިލީހަށް މެންބަރުން ހޮވުމަށް ވެރިކަމުގެ ބާރުތަކާއެކު ރައީސުލްޖުމްހޫރިއްޔާ ނިކުތުމުން، ނުފޫޒަށް ރައްޔިތުން ލެނބުމެވެ. "އެހެންވީމާ ގާނޫނުއަސާސީން އަޅުގަނޑުމެން އަމާޒުކުރާ ބާރުތައް ވަކިވެފައި އޮންނަ މަޖިލީހެއް ލިބުމުގެ ފުރުސަތު އެބައޮވޭ،" ދިޔާނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ