ޢީދު ބައިބަލާ ޗެލެންޖު 1447ގެ މޮޅުވަމުންދާ ޓީމުތައް ހިމެނޭ ފަޅީގެ ކުއާޓަރ ފައިނަލަށް ޓީމުތައް ދަތުރުކޮށްފިއެވެ. މޮޅު ފަޅީގެ 8 މެޗުގެ ރޭ ކުޅެވުނު އިރު މިމެޗުތަކުން ބަލިވި ޓީމުތައް ދާނީ ބަލި ފަޅީގެ ތިންވަނަ ބުރަށެވެ.
ގަދަ ފަޅީގެ މެޗުތަކުގެ ތެރެއިން ރޭ ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ އޮޑި ސްޕޯޓްސް ކްލަބާއި އޮޑި ޓައިޓަންސްއެވެ. މިމެޗު 2 ގޭމުން ކާމިޔާބުކޮށް ކުއާޓަރ ފައިނަލް ޔަގީންކުރީ އޮޑި ސްޕޯޓްސް ކްލަބެވެ.
މެޗުގެ ފުރަތަމަ ގޭމްގައި އޮޑި ސްޕޯޓްސް ކްލަބް އެތެރެއިން ކުޅެގެން ކާމިޔާބުކުރީ 19-2 އަކުންނެވެ. ދެވަނަ ގޭމް ބޭރުން އަރާ އޮޑި ސްޕޯޓްސް ކްލަބުން އޮޑި ޓައިޓަންގެ މައްޗަށް ކުރި ހޯދީ 7-4 އަކުންނެވެ. މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދީ ހަސަން މާހިރެވެ.
ދެވަނަ މެޗު ދެ ގޭމުން ކާމިޔާބުކޮށް ކްލަބް އޯވަންއޯވެސް ވަނީ ކުއާޓަރ ޔަގީންކޮށްފައެވެ. ޖޭއީބީ ޔުނައިޓެޑް އާއި ބައްދަލުކުރި މިމެޗުގެ ފުރަތަމަ ގޭމް ބޭރުން ކުޅެގެން އޯވަންއޯ ކާމިޔާބުކުރީ 10-7 ންނެވެ.
ދެވަނަ ގޭމްގައި އެތެރެއިން ކުޅެގެން އޯވަންއޯ ކާމިޔާބުކުރީ 16-6 ންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދީ ކްލަބް އޯވަންއޯގެ އިސްމާއިލް ޒިހާންއެވެ.
ދަ ވަން ސްޕޯޓްސް ކްލަބް ފަސޭހަ ކަމާއެކު ބަލިކޮށް ކްލަބް ޒެފްރޯލްވެސް ވަނީ ގަދަ ފަޅިން ކުއާޓަރ ފައިނަލް ޔަގީންކޮށްފައެވެ. މިމެޗުގެ ފުރަތަމަ ގޭމުގައި ޒެފްރޯލް ވަނީ އެތެރެއިން ކުޅެގެން ބާކީ ދޮޅު މިނެޓު އޮއްވާ ދަ ވަން ސްޕޯޓްސް ކްލަބްގެ ހުރިހާ ކުޅުންތެރިން ހިފަހައްޓާލާފައެވެ. ފުރަތަމަ ގޭމް ޒެފްރޯލް ކާމިޔާބުކުރީ 20-1 ންނެވެ.
ދެވަނަ ގޭމްގައި ބޭރުން ކުޅެގެން ޒެފްރޯލް ވަނީ މިނެޓެއް ބާކީ އޮއްވާ ގޭމްގެ ނަތީޖާ 9-9 އަކުން އެއްވަރުކޮށްފައެވެ. އަދި ނަތީޖާއެއްގެ ގޮތުން މެޗުން މޮޅު ނުވެވޭނެކަން އިނގުމުން ދެވަނަ ގޭމް ޒެފްރޯލްއަށް ލިބުނީ ވަން ސްޕޯޓްސް ކްލަބުން މި ގޭމް ދޫކޮށްލުމުންނެވެ.
މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދީ ޒެފްރޯލްގެ އަލީ ޝިހާން ހަސަންއެވެ.
ދަ ބީޖީސްގެ މައްޗަށް ތަފާތު ބޮޑުކޮށް ކުރި ހޯދާ މިދިޔަ އަހަރުގެ އެންމެ ސަޕްރައިޒިންގ ޓީމު، ޒެޕޯވެސް ވަނީ ގަދަ 8 ޓީމުގެ ތެރެއިން ޖާގަ ހޯދާފައެވެ. މިމެޗުގެ ފުރަތަމަ ގޭމް ދަ ބީޖީސް އިން ބޭރުން ކުޅެގެން ބާކީ އެންމެ ކުޅުންތެރިއަކަށް ވީއިރުވެސް ކުޅުންތެރިއެއް ނުބައިނުކުރެވުމުން ވަނީ ގޭމް ދޫކޮށްލާފައެވެ. ޒެޕޯ މި ގޭމް ނެގީ 19-0 ނެވެ.
ދެވަނަ ގޭމްގައި ޒެޕޯ ވަނީ ބޭރުން އަރާ 3 މިނެޓުގެ ތެރޭގައި ސްކޯ އަނބުރާލާ 6-5 އަކުން މިގޭމްވެސް ކާމިޔާބުކޮށްފައެވެ. އަދި މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދީ ޒެޕޯގެ އަހުމަދު ޖަބީން އަބްދުﷲ އެވެ.
ލޮރެންޒޯ ސްޕޯޓްސް ކްލަބާއި ވެސްޓް ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗު 2 ގޭމުން ކާމިޔާބުކޮށް ލޮރެންޒޯވެސް ވަނީ ކުއާޓަރ ފައިނަލްގެ ޖާގައެއް ޔަގީންކޮށްފައެވެ. މެޗުގެ ފަރުތަމަ ގޭމް އެތެރެއިން ކުޅެގެން ލޮރެންޒޯ ކާމިޔާބުކުރީ 17-1 ންނެވެ.
ދެވަނަ ގޭމް ބޭރުން ކުޅެގެން ލޮރެންޒޯ މެޗު ކާމިޔާބުކުރީ 7-6 އަކުން ބޭރުގޭމް ނަގައިގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދީ ލޮރެންޒޯގެ އިބްރާހިމް ރަޝީދެވެ.
ބައިބަލާގެ ރަސްގެފާނުންގެ ގޮތުގައި ފާހަގަކޮށްލެވޭ ބީޖީ ސްޕޯޓްސް ކްލަބުން މިރޭގެ މެޗުވެސް ވަނީ ފަސޭހަ ކަމާއެކު ކާމިޔާބުކުރީ 2 ގޭމް އެއްކޮށް އެންމެ ކުޅުންތެރިން ނުބައިވެގެންނެވެ.
އަލްފާ ވުލްވްސް އާއި ބައްދަލުކުރި މިމެޗުގެ ފުރަތަމަ ގޭމް ބޭރުން ކުޅެގެން ބީޖީ ކާމިޔާބުކުރީ 4-7 އަކުންނެވެ. މި ގޭމްގައި އަލްފާ ވުލްވްސްއަށް ހިފަހައްޓާލެވުނީ ބީޖީގެ އެންމެ ކުޅުންތެރިއެކެވެ.
ދެވަނަ ގޭމްގައި ބީޖީއިން އެތެރެއިން ކުޅެގެން މެޗު ކާމިޔާބުކުރީ އެންމެ ކުޅުންތެރިއެއްވެސް ނުބައިނުވެ 20-0 އެތެރެ ގޭމް ނަގައިގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދީ ބީޖީގެ ފަރަޙް ޝާމެވެ.
ރޭގެ މެޗުތަކުގެ ތެރެއިން އެންމެ ފޯރިގަދަ މެޗެއްގެ ގޮތުގައި ފާހަގަކޮށްލެވުނީ ކާސިންޖާސް އާއި ވީއެންޓީ ސްޕޯޓްސް ބައްދަލުކުރި މެޗެވެ. ގަދަހިފުމުން ނަތީޖާ ނެެރެން ޖެހުނު މިމެޗުގެ ފުރަތަމަ ގޭމް ބޭރުން ކުޅެގެން ވީއެންޓީ ކާމިޔާބުކުރީ 11-9 އަކުންނެވެ.
ދެވަނަ ގޭމް ކާސިންޖާސް ބޭރުން ކުޅެގެން ކާމިޔާބުކުރީ 10-9 ންނެވެ. ފޯރިގަދަ ދެ ގޭމަށްފަހު ގަދަ ހިފުމުގެ ފުރަތަމަ 4 ހިފުންވެސް އެއްވަރުވެގެން ނިމުމުން 5 ވަނަ ހިފުން ވީއެންޓީ ގެންދިޔައީ ގުރު ދިމާވުމުން ބޭރު ނަގައިގެންނެވެ.
ގަދަހިފުމުގައި 3-2 އަކުން ކުރި ހޯދާ ވީއެންޓީވެސް ވަނީ ގަދަ ފަޅިގެން ގަދަ 8 ޓީމުގެ ތެރެއިން ޖާގަ ހޯދާފައެވެ. މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދީ ވީއެންޓީގެ އަހުމަދު މުއާޒްއެވެ.
ފަހު މެޗުގައި ދަ ވުލްވްސް މޮޅުވާ ޓީމުތައް ހިމެނޭ ފަޅިން ގަދަ 8 ޓީމުގެ ތެރެއިން ޔާގަ ހޯދީ އެންމެ ފަހުގެ ޗެމްޕިއަނުން ޓީއެފްޓީ ދެގޭމުން ބަލިކޮށްގެންނެވެ.
މިމެޗުގެ ފުރަތަމަ ގޭމް އެތެރެއިން ކުޅެގެން ވަ ވުލްވްސް މެޗު ކާމިޔާބުކުރީ 6 މިނެޓުގެ ކުޅުން ނިމުންއިރު އެންމެ ކުޅުންތެރިއަކު ނުބައިވެގެން 17 ޕޮއިންޓް ހަމަކޮށްގެންނެވެ.
ދެވަނަ ގޭމްގެ ނަތީޖާ ވުލްވްސް ބޭރުން ކުޅެގެން އަނބުރާލީ ދޮޅު މިނެޓުގެ ތެރޭގައެވެ. އެއީ 4-6 އަކުނެވެ. މިމެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދީ ވުލްވްސްގެ ހަމްދު އަލީއެވެ.
ޢީދު ބައިބަލާ: ގަދަ ފަޅިން 8 ޓީމެއް ކުއާޓަރއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ