ގިނަ އަދަދަކަށް ކުޑަކުދިންގެ ހަށިތަކެއް ފުންވަޅުގަނޑަކުން ފެނިއްޖެ

ކެންޔާގެ ކެރިޗޯ ސަރަހައްދުގައި ހުރި ފުން ވަޅުގަނޑަކުން މަދުވެގެން 32 މީހެއްގެ ހަށިގަނޑު ފެނިފައިވާއިރު، މީގެ ތެރޭގައި ގިނައީ ތުއްތު ކުދިންނާއި ބަނޑަށް މަރުވެފައިވާ ކުދިންގެ ހަށިތައް ކަމަށް އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފިއެވެ. މި ހާދިސާއާ ގުޅިގެން މިހާރު ވަނީ ބޮޑު ތަހުގީގެއް ފަށާފައެވެ.
ފުރަތަމަ ލަފާކުރެވުނީ އެ ތަނުން ފެންނާނީ 14 ހަށިގަނޑު ކަމަށެވެ. ނަމަވެސް، ކޮޮނުމުގެ ތެރޭގައި ގިނަ އަދަދެއްގެ ހަށިތައް ކޮތަޅު ކޮތަޅަށް އަޅައި ފުނިޖަހާފައި ހުއްޓާ ވަނީ ފެނިފައެވެ. ސަރުކާރުގެ ޕެތޮލޮޖިސްޓް ރިޗަޑް އެންޖޮރޯގޭ ވިދާޅުވި ގޮތުގައި، މި ހަށިތަކަކީ ތަފާތު އެކި ދުވަސްވަރު މަރުވެފައިވާ މީހުންގެ ހަށިތަކެއްކަން ފާހަގަކުރެވިފައިވާތީ، މިއީ ވަރަށް އާދަޔާ ހިލާފު ކަމެކެވެ.
ފުލުހުންގެ ތަހުގީގަށް މިހާތަނަށް އެނގިފައިވާ ގޮތުގައި، މި ހަށިތަކަކީ ހޮސްޕިޓަލްތަކުން ނުވަތަ މޯޗަރީތަކުން ގެނެސްފައިވާ ހަށިތަކަކަށް ވުން އެކަށީގެންވެއެވެ. ނަމަވެސް، މިކަން ކަށަވަރު ކުރެވޭނީ ޕޯސްޓްމޯޓަމް ރިޕޯޓްތަކަށް ފަހުގައެވެ. މި ހަށިތައް ވަޅުލާފައިވަނީ "ނޭޝަނަލް ކައުންސިލް އޮފް ޗާޗަސް އޮފް ކެންޔާ" ގެ މިލްކިއްޔާތުގައި އޮންނަ ބިމެއްގައެވެ. ރިޕޯޓްތައް ބުނާގޮތުން އެ ސަރަހައްދުގައި ހަށިތައް ވަޅުލާފައިވަނީ ރަސްމީ އެއްވެސް ހުއްދައެއް ނެތިއެވެ.
މި މައްސަލަ ފަޅާއެރީ މީހަކު ދިން ސިއްރު މައުލޫމާތަކާ ގުޅިގެންނެވެ. މިކަމާ ގުޅިގެން ޕަބްލިކް ހެލްތު އޮފިސަރަކާއި ސަހަރާ ބަލަހައްޓާ މީހަކު މިހާރު ވަނީ ހައްޔަރުކޮށްފައެވެ. އަދި އިތުރު މީހުންނާ ސުވާލުކުރުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.
އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން މި ހާދިސާ ސިފަކޮށްފައިވަނީ ނާމާން އަދި ބިރުވެރި ކަމެއްގެ ގޮތުގައެވެ. އަދި މިކަމުގައި އެއްވެސް ޖިނާއީ ޢަމަލެއް ހިމެނޭތޯ ބަލައި، ހާމަކަން ބޮޑު ތަހުގީގެއް ހިންގުމަށް އެ ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ