އެކިޓިކޭ އާއި އެމްޕާބޭ ގޮސް ބްރެޒިލް ބަލިކޮށްލައިފި

ފްރާންސްގެ ދެ ފޯވަޑުން ކަމަށްވާ ހޫގޯ އެކިޓިކޭ އާއި ކެޕްޓަން ކީލިއަން އެމްބާޕޭ ޖަހައިދިން ގޯލުތަކާއެކު 2-1އިން ބްރެޒިލް ބަލިކޮށްފި އެވެ.
ވޯލްޑް ކަޕަށް ތައްޔާރުވާން އެމެރިކާގައި ކުޅުނު މެޗުގައި ފުރަތަމަ ގޯލު ޖެހީ އެކިޓިކޭ އެވެ. މެޗުގެ 32 ވަނަ މިނިޓްގައި އޭނާ ޖެހި މި ގޯލަށް ފަހު އެމްބާޕޭ ދެ ވަނަ ލަނޑު ޖެހީ 65 ވަނަ މިނިޓްގަ އެވެ. މިއާއެކު ފްރާންސްގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންޔެރިޔާގެ މަގާމު ހޯދުމަށް އޭނާ އަށް ދެން ބޭނުންވަނީ އެންމެ ގޯލެކެވެ. މިހާތަނަށް އެންމެ ގިނަ ގޯލު ޖަހާފައިވަނީ 57 ގޯލު ޖަހާފައިވާ ކުރީގެ ފޯވަޑް އޮލީވިއާ ޖީރޫޑެވެ. މި މެޗުގައި ބްރެޒިލަށް ސުން ކަނޑުވައިދިނީ 78 ވަނަ މިނިޓްގައި ގެލައިސަން ބްރެމާ އެވެ.
މި މެޗަށް ފަހު ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯން ބުނީ އޭނާގެ ޓީމުން ދެއްކި ކުޅުމާއި ކުޅުންތެރިންގެ މަސައްކަތާ މެދު ހިތްހަމަ ޖެހޭ ކަމަށެވެ.
"ކޮންމެ ކުޅުންތެރިއެއްގެ ފުށުން ވެސް ފެނިގެންދިޔަ ޝަހުސިއްޔަތު ވަރަށް ފުރިހަމަ. ޓީމުގެ އެކުވެރިކަމާއި މުޅި ޓީމު ގުޅިގެން ދެއްކި ކުޅުމާމެދު ވަރަށް ހިތްހަމަ ޖެހޭ. މިއީ ވޯލްޑް ކަޕުގެ ކުރިން ލިބުނު ހިތްހަމަ ޖެހުމެއް. ބްރެޒިލަކީ މުބާރާތުގެ އެންމެ ވަރުގަދަ އެއް ޓީމަށް ވާނެ،" ޑެޝޯން ބުންޏެވެ.
ބްރެޒިލްގެ ކޯޗު ކާލޯ އަންޗެލޯޓީ ބުނީ އޭނާގެ ޓީމު ވަރަށް ގިނަ ކަންކަން ރަނގަޅު ކުރަން ޖެހޭ ކަމަށެވެ.
"ޓީމުގައި ރަނގަޅ ކުރަން ޖެހޭ ކަންކަން ބައިވަރު އެބަހުރި. އަހަރުމެން ޖެހޭ އިތުރަށް ރަނގަޅު ކުރަން. މި މެޗުގައި ފެނިގެންދިޔަ ޓީމުގެ ބަލި ކަންކަމަކީ ކޮބާކަން. ދެ ވަނަ ހާފުގައި ދެއްކި ކުޅުން ރަނގަޅު. އެކަމަކު މުޅި ޓީމަށް ބަލާއިރު ޖުމުލަކޮށް ހުރިހާ ކަމެއް ވެސް ރަނގަޅު ކުރަން ޖެހޭ،" ކޯޗު ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ