ހުޅުމާލޭގައި އިމާރާތް ކުރަން ފެށި ކޭޕާކު ފުލެޓުތަކުގެ މައްސަލައިގެ ތަހުގީގަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އެދުމަށް ދައުލަތުގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ހަސަން މަމްދޫހް (މަންޑޭ)ގެ އެޕާޓްމެންޓެއްގައި ހުރި ހަތް މިލިއަން ރުފިޔާގެ މުދާ އަނބުރާ ހޯދަން އޭނާގެ ފަރާތުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފު މައްސަލަ ބޭރުކޮށްލައިފިއެވެ.
މަންޑޭ ހުޅުމާލޭގައި ދިރިއުޅެމުން ދިޔަ އެޕާޓްމަންޓަށް ފުލުހުން މިދިޔަ މަހުގެ ތެރޭގައި ވަދެ ބަލައި ފާސްކޮށް އެތަނުގައި ހުރި އެތައް މިލިއަން ރުފިޔާއެއްގެ އަގު ބޮޑު މުދާތައް ގެންދިޔައީ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން އަމުރެއް ހޯދައިގެންނެވެ.
މަންޑޭގެ ފަރާތުން މިދިޔަ މަހުގެ 24 ވަނަ ދުވަހު ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ އަމުރު އިސްތިއުނާފްކޮށް، ފުލުހުންގެ ގެންދިޔަ މުދާތައް ހަވާލުކުރުމަށް އަމުރެއް ހޯދުމަށް ހުށަހެޅި މައްސަލަ ހައިކޯޓުގެ ރަޖިސްޓްރާ ވަނީ ބަލައިނުގަތުމަށް ނިންމާފަ އެވެ.
އެ މައްސަލަ ބަލައިނުގަންނަން ނިންމީ، އެ އަމުރު އިސްތިއުނާފު ކުރަން ޖެހޭ ގާނޫނީ ސަބަބެއް މަންޑޭގެ ފަރާތުން ހުށަހަޅާފައިނުވާތީ ކަމަށް ރަޖިސްޓްރާގެ ނިންމުމުގައި ވެއެވެ.
ކޭޕާކުގެ ފްލެޓްތައް އޮޅުވާލައިގެން ވިއްކާ ފައިސާ ނެގި މައްސަލަ ހަންބޯ ކުންފުންޏާއި އާބަންކޯއިން ވަނީ ފުލުސް އޮފީހަށް ހުށަހަޅައިފައެވެ. އަދި, ކޭޕާކު ރެސިޑެންސްގެ އެޕާޓްމެންޓްތައް، ހަންބޯ ކުންފުނީގެ ނަމުގައި ހަދާފައިވާ ފޯޖު ލިޔެކިޔުންތަކެއް ބޭނުންކޮށްގެން، މަކަރާއި ހީލަތުން އެކި ފަރާތްތަކަށް ވިއްކައި ލިބުނު ފައިސާއަށް ޚިޔާނަތްތެރިވި ކަމަށް ތުހުމަތުކުރާ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ހަތް މިލިއަން ރުފިޔާގެ މުދާތައް ހޯދަން މަންޑޭ ހުށަހެޅި މައްސަލަ ކޯޓުން ބަލައެއްނުގަތް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ