ޝަމްއާނާ މެދު އަމަލު ކުރަނީ ކޮރަޕްޝަންގެ މައްސަލައިގައި ދުވަހަކު ވެސް އަމަލު ކުރާ ގޮތަކަށް ނޫން: ވަކީލު

ކޮރަޕްޝަންގެ ތުހުމަތުގައި މޯލްޑިވްސް އިމިގްރޭޝަންގެ ކޮންޓްރޯލަރުކަމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދު، ޝަރީއަތް ނިމެންދެން ބަންކޮށް، އަމަލު ކުރަނީ ދުވަހަކު ވެސް އެފަދަ މައްސަލަތަކުގައި އަމަލުކުރާ ގޮތަށް ނޫންކަމަށް ޝަމްއާންގެ ވަކީލު ނޫރުއްސަލާމް ވިދާޅުވެއްޖެއެވެ. ޝަމްއާން ހައްޔަރުކުރީ އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުން އަންނަކަމަށް ތުހުމަތުކޮށްފައެވެ. މި މައްސަލައިގައި ޝަމްއާންގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖެހީ މިދިޔަ މަހުގެ 22ގައެވެ. އެ މުއްދަތު ހަމަވުމުން، އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން މި މަހުގެ ހަވަނަ ދުވަހު ވަނީ ނިންމައިފައެވެ. ޝަރީއަތް ނިމެންދެން ޝަމްއާން ބަންދުކުރުމަށް ކުރި އަމުރު އޭނާވަނީ މިދިޔަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. https://sun.mv/204733 މި އަޑުއެހުމުގައި އޭނާގެ ވަކީލު ވިދާޅުވީ، މި މައްސަލަ އިސްތިއުނާފުކުރަން ހުށަހަޅާފައިވާ ސަބަބަކީ އެ އަމުރު ގަނޫނާ ޚިލާފު ކަމަށް ގަބޫލު ކުރެވޭތީ ކަމަށެވެ. އޭނާ ވިދާޅުވީ 15 ދުވަހަށް ޝަމްއާން ބަންދުކޮށް އެ މުއްދަތު އިތުރު ކޮށްފައި ވެސް ވަނީ ކޮރަޕްޝަންގެ ތުހުމަތުގައި ކަމަށެވެ. ނަމަވެސް، މި މަރުހަލާ ފުލުހުން ކުރިއަށް ގެންގޮސްފައި ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ އެއްވެސް ބައިވެރިވުމެއް ނެތިކަން އޭނާ ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ މިއީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ލާޒިމުކޮށްފައިވާ ތަހުގީގީ ދެ އިދަރާއެއްގެ އިހުތިޞާސް ހިނގާ މައްސަލަ ތަކުގައި ހާއްސަ އިހުތިޞާސީ އިދާރާއާ އެ މައްސަލައެއް ތަހުގީގު ކުރުން ނުވަތަ ޖޮއިންޓް އިންވެސްޓިގޭޝަން އެއް ހިންގުމުގެ އުސޫލާ ޚިލާފަށް ނެރެފައިވާ އަމުރެއް ކަމަށެވެ. އަދި، މި މައްސަލައިގައި ކޯޓަށް ގޮސްފައި ވަނީ އޭސީސީގެ ބައިވެރިވުމެއް ނެތި ކަން އޭނާ ފާހަގަކުރައްވާފައި ވެއެވެ. "މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ތުހުމަތު ކުރެވޭ ތުހުމަތު ފަދަ ތުހުމަތުތައް ތަހުގީގު ކުރުމުގައި ތަހުގީގީ އިދާރާތަކުން އާންމުކޮށް އަމަލު ކުރުމަށް އިސްތިގުރާރުވެފައިވާ އުސޫލުތަކެއް އެބަ ހުރި. މުހައްމަދު ޝަމްއާން ވަހީދާ މެދު އަޅާފައިވާ ފިޔަވަޅުތައް ހާމައަށް އެންމެންނަށް އެނގެން ހުރި ވަރަށް ގިނަ ކަންކަމާ ކަނޑައެޅިގެން ތަފާތު،" ވަކީލު ވިދާޅުވިއެވެ. މި މައްސަލައިގައި ދައުލަތުގެ ވަކީލު ވިދާޅުވީ، ތުހުމަތުގައި ކޮރަޕްޝަންގެ މައްސަލައާއެކު މަނީލޯނަޑްރިންގެ މައްސަލަ ހުށަހަޅާފައި ވާއިރު، ހަމައެކަނި މަނީލޯންޑަރިންގެ މތަހުގީގު ފުލުހުންނަށް ކުރިއަށް ގެންދެވޭނެ ކަމަށެވެ. އޭނާ ވަނީ ޝަމްއާން ބަންދު ކުރަން ނެރެފައިވާ އަމުރަކީ އިޖުރާތްތަކާ އެއްގޮތަށް ގާނޫނާ އެއްގޮތަށް ނެރެފައިވާ އަމުރެއްކަމުގައި ކަނޑައަޅައިދޭން އެދިފައެވެ. ޝަމްއާނުގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތަށް ބާރުދޭ ކަންތައްތަކެއް ފުލުުހުން އިމިގްރޭޝަންގެ މުވައްޒަފުންތަކެއްގެ މައްޗަށް ހިންގާ ތަހުގީގުގައި ފެނިފައިވާކަން ފުލުހުން ވަނީ މީގެ ކުރިން ހާމަކޮށްފައެވެ. ޝަމްއާންގެ ގެއިން ބައިމިލިއަނެއްހައި ނަގުދު ފައިސާ ފެނިފައިވެއެވެ. ފުލުހުން ބުނެފައިވާ ގޮތުގައި، އެ ފައިސާއަކީ އޭނާގެ އަމުރަށް ޑިޓެންޝަނުން މިނިވަންކުރި ބިދޭސީއެއްގެ އަތުގައި ހުރި ފައިސާއެވެ. އެ މައްސަލައިގައި އޭނާގެ އަނބިކަނބަލުންގެ ފޯނު ވެސް ފުލުހުން ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާފައިވެއެވެ. މި މައްސަލައިގެ ތުހުމަތުގައި ޝަމްއާނުގެ އިތުރުން، އިތުރު ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ: މުޙައްމަދު އަލްސަން އިސްމާއިލް، 21 އަހަރު، މޫނިމާގެ، ތ. ބުރުނިއިބްރާހިމް އަޙްމަދު، 37 އަހަރު، ގ. ހެޕީސައިޑްހަސަން ސަހެޝާން، 47 އަހަރު، ގ. ހެޕީސައިޑްއަހްމަދު ލައްސާނު، 40 އަހަރު، މ. ހަޒާރީވިލާކޮރަޕްޝަނުގެ ތުހުމަތު ކުރެވުމުން ޝަމްއާން މަގާމުން ވަކިކޮށް، އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު އަޙުމަދު ފަސީހު ވަނީ އައްޔަންކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ