ހޫޘީންގެ ހިސާރުގެ ސަބަބުން އެއާލައިންތަކުން އިސްރާއީލަށް ކުރާ ދަތުރުތައް ހުއްޓާލަނީ
ސަންއާ (6 މެއި 2025) : ވައިގެ މަގުން އިސްރާއީލު ހިސާރު ކޮށްފައިވާކަން ޔަމަންގެ ހޫޘީން އިއުލާން ކުރުމާއެކު އިތުރު އެއާލައިން ތަކަކުން އިސްރާއީލަށް ދަތުރުކުރުން ހުއްޓާލުމާއެކު އިސްރާއީލުގެ މައި އެއާޕޯޓް ފަޅުވެއްޖެއެވެ. އިސްރާއީލުގެ މީޑިއާ ބުނާގޮތުން އިސްރާއީލަށް ދަތުރުކުރާ އެއްވެސް މަތިންދާ ބޯޓަކަށް ރައްކާތެރިކަން ނޯންނާނެކަމުގެ އިންޒާރު ޔަމަންގެ ހޫޘީން އިއްޔެ ދިނުމާ ގުޅިގެން އިތުރު ހަތަރު އެއާލައިން އަކުން އިސްރާއީލަށް ކުރާ ދަތުރުތައް ވަނީ ހުއްޓާލާފައެވެ. އެއާލައިންތަކަށް އިންޒާރު ދެއްވަމުން ޔަމަންގެ ހޫޘީ ޖަމާއަތުގެ ތަރުޖަމާނު ޔަހްޔާ ސަރީއު ވިދާޅުވީ އިސްރާއީލަކީ ވައިގެ މަގުން ހިސާރުކުރެވިފައިވާ އެންޓިތީއެއް ކަމަށާއި އިސްރާއީލަށް ދަތުރުކުރުމަކީ ފަސިންޖަރުން ފުރާނަ ނުރައްކާވެދާނެ ކަމެއްކަން އެއާލައިންތަކުން ދަންނަންޖެހޭނެ ކަމުގައެވެ. މިކަން ނުދަންނަނަމަ ލިބޭ ގެއްލުންތަކުގެ ޒިންމާ ނަގަންޖެހޭނީ އިސްރާއީލަށް ދަތުރުކުރާ އެއާލައިންތަކުން އަމިއްލައަށް ކަމަށް ހޫޘީންގެ ތަރުޖަމާނު ވިދާޅުވިއެވެ. ޔަހްޔާ ސަރީއު އެއާލައިން ތަކަށް އިންޒާރު ދެއްވީ އިސްރާއީލާއި އެމެރިކާ ގުޅިގެން ޔަމަނަށް ވައިގެ މަގުން އުދުވާނީ ހަމަލާތަކެއް އިއްޔެ ދިނުމާ ގުޅިގެންނެވެ. ހޫޘީންގެ މީޑިއާއިން މިހަމަލާތައް ސިފަކޮށްފައިވަނީ ޓެރަރިސްޓް ހަމަލާތަކެއްގެ ގޮތުގައެވެ. އަދި ހޫޘީން އެމެރިކާއާއި އިސްރާއީލު ސިފަކޮށްފައިވަނީ ބައިނަލްއަގްވާމީ ޓެރަރިޒަމްގެ އެންމެ ބޮޑު ހަބުގެ ގޮތުގައެވެ. އަދި އެމެރިކާ ސިފަކޮށްފައިވަނީ އިސްރާއީލުގެ ޓެރަރިސްޓް ހަރަކާތްތައް ސްޕޮންސާކުރާ މައި ގައުމުގެ ގޮތުގައެވެ. އެމެރިކާގެ އެހީތެރިކަމާއެކު އިސްރާއީލުން އިއްޔެ ޔަމަނަށް ދިން ހަމަލާތަކުގައި އިސްރާއީލުގެ 30އަށް ވުރެ ގިނަ ފައިޓާޖެޓް ބައިވެރިވިކަން އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ ކަށަވަރުކޮށްދީފައެވެ. އެމެރިކާއާއި އިސްރާއީލުގެ ހަމަލާތައް މައިގަނޑު ގޮތެއްގައި އަމާޒު ކުރިކަމަށް ވަނީ ޔަމަންގެ ކަނޑުގެ ބަނދަރުތަކަށާއި މަދަނީ އިންފްރާސްޓްރަކްޗާ އަށެވެ. ހޫޘީން ގެ ހިސާރުގެ ފިޔަވަޅުތަކާއެކު އިސްރާއީލުގެ މައި އެއާޕޯޓް ފަޅުވެފައި ޔަމަނަށް ހަމަލާދިނުމަށްފަހު އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ވަނީ އީރާން ބަލިކޮށްނުލައި ހޫޘީން ބަލިނުކުރެވޭނެ ކަމަށް ބުނެ އިސްރާއީލުން ދިން ހަމަލާތަކުން ހޫޘީންގެ އަސްކަރީ ގާބިލްކަމަށް އަސަރު ނުކުރާނެކަމަށް އަމިއްލައަށް އިއުތިރާފް ވެފައެވެ. އަދި އިސްރާއީލުގެ ފަތުރުވެރިކަމާބެހޭ ވަޒީރު ވެސް ބުނެފައިވަނީ އީރާން ބަލިކޮށްނުލައި ޔަމަނަށް ހަމަލާދިނުމަކީ އެއިން އެއްވެސް ނަތީޖާއެއް ނުނިކުންނާނެ ބޭކާރުކަމެއް ކަމުގައެވެ. މިއީ އިސްރާއީލުގެ ހަމަލާތަކާއި އެމެރިކާގެ ހަމަލާތަކުންވެސް ހޫޘީން ބަލި ނުކުރެވޭނެކަމާ އަދި ހޫޘީން އިސްރާއީލަށް ދޭ ހަމަލާތައްވެސް ހުއްޓުވޭނެ ގޮތެއްނެތްކަމަށް އިސްރާއީލު އަމިއްލައަށް ގަބޫލުކުންކަމަށް މުހައްލިލުން ވިދާޅުވެއެވެ. އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ އިސްރާއީލުން ޔަމަނަށް ދިން ހަމަލާތަކަށްފަހު ހޫޘީންގެ ރައްދު ހަމަލާތަކެއް އިސްރާއީލަށް އަންނާނެކަމަށް ލަފާކޮށް ބަޔާނެއް ނެރެފައެވެ. ވައިގެ މަގުން އިސްރާއީލު ވަނީ ހިސާރުކޮށްފައިކަން ހޫޘީން އިއުލާން ކޮށްފައިވާއިރު އެ ޖަމާއަތުން މިދިޔަ އާދީއްތަ ދުވަހު ދިން ވަރުގަދަ މިސައިލް ހަމަލާއެއް އިސްރާއީލުގެ އެންމެ ބޮޑު އެއާޕޯޓްކަމަށްވާ ބެންގޫރިއަން އެއާޕޯޓަށް ވަނީ އަރާފައެވެ. ހޫޘީންގެ ކާމިޔާބު ހަމަލާއާއެކު ބެންގޫރިއަން އެއާޕޯޓް އެއްކޮށް ބަންދުކޮށް ވައިގެ ދަތުރުފަތުުރު ހުއްޓާލަން އިސްރާއީލަށް މަޖުބޫރުވިއެވެ. މިއާއެކު ގިނަ އެއާލައިން ތަކަކުން ވަނީ އިސްރާއީލަށް ކުރާ ދަތުރުތައް މުއްދަތެއްނެތް ގޮތަށް ހުއްޓާލާފައެވެ. އިސްރާއީލަކީ ވައިގެ މަގުން ހިސާރު ކޮށްފައިވާ ގައުމެއްކަމާއި އިސްރާއީލަށް ދަތުރު ނުކުރުމަށް ހޫޘީން ދުނިޔޭގެ ގައުމުތަކަށް އިއްޔެ ދިން އިންޒާރާއެކު އިތުރު ހަތަރު އެއާލައިން އަކުން ވަނީ އިސްރާއީލަށް ދަތުރުކުރުން ހުއްޓާލިކަން ހާމަކޮށްފައެވެ. މީގެތެރޭގައި ޔުނައިޓެޑް އެއާލައިންސް، އާކިޔާ އެއާލައިންސް، ޖެޓްބުލޫ އެއާލައިންސް، އެމެރިކަން އެއާލައިންސް ހިމެނެއެވެ. އިސްރާއީލުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ބެންގޫރިއަން އެއާޕޯޓްގެ ގާތްގަނޑަކަށް 80 އިންސައްތަ ދަތުރުތައް މިހާރު ވަނީ ހުއްޓުމަކަށް އައިސްފައެވެ. ބެންގޫރިއަން އެއާޕޯޓް ފެންނަނީ ވަރަށް މީހުން މަދު ހަރަކާތެއް ނެތް ފަޅުތަނެއްގެ ގޮތުގައެވެ. ހޫޘީން ވައިގެ މަގުން އިސްރާއީލު ހިސާރު ކުރުމުން އިސްރާއީލާއި އިސްރާއީލުގެ ޓެރަރިޒަމް ސްޕޮންސާކުރާ އެމެރިކާ ވަނީ ވަރަށް ރުޅިގަދަވެ, ގޮތްހުސްވެ, ކަންބޮޑުވެފައެވެ. ނަމަވެސް ހޫޘީންގެ ކުރިމަތީގައި އެމެރިކާއަށް ވެސް އަދި އިސްރާއީލަށް ވެސް ކުރެވޭނެ މާބޮޑުކަމެއް ނެތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ