ސަޓާ އެވޯޑްސް 2025ގެ އިވެލުއޭޝަން ކޮލޮމްބޯގައި ފަށައިފި
ދެކުނު އޭޝިއާގެ ފަތުރުވެރިކަމާއި ހޮސްޕިޓަލިޓީ ދާއިރާގެ ތަޖުރިބާކާރުންގެ އަގު ވަޒަން ކުރާ، ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ)ގެ ނުވަވަނަ އެޑިޝަންގެ އިވެލުއޭޝަން ޕްރޮސެސް ސްރީލަންކާގެ ވެރިރަށް ކޮލޮމްބޯގައި ރަސްމީކޮށް އިފުތިތާހުކޮށްފިއެވެ. ސަޓާއިން ބުނީ، ތިން މެމްބަރުންގެ މައްޗަށް އެކުލެވޭ ޚާއްސަ ޖަޖުންގެ ޕެނަލްއަކުން، މިއަދުން ފެށިގެން އަންނަ އާދިއްތައަށް ސްރީލަންކާގެ ނޮމިނީސްތައް އިވެލުއޭޓް ކުރާނެ ކަމަށެވެ. އެއަށްފަހު ޖަޖުން އިވެލުއޭޓްކުރާނީ އިންޑިއާގެ ބެންގަލޫރުގައި ހުރި ޕްރޮޕަޓީތަކާއި ޚިދުމަތްތަކެވެ. އިވެލުއޭޝަން ޕްރޮސެސް ކުރިއަށްދާނީ ދެކުނު އޭޝިއާގެ މުހިންމު ސިޓީތަކުގައެވެ. އޭގެ ތެރޭގައި އިންޑިއާގެ ނިއު ދިއްލީ، ނޭޕާލްގެ ވެރިރަށް ކަތަމަންޑޫ، ބޫޓާންގެ ޕާރޯ، ބަންގްލަދޭޝްގެ ވެރިރަށް ޑާކާ އަދި މާލެ ހިމެނެއެވެ. ވޭތުވެދިޔަ އަށް އަހަރުގެ ތެރޭގައި ސަޓާ ވަނީ، ދެކުނު އޭޝިއާގެ ފަތުރުވެރިކަމާއި ހޮސްޕިޓަލިޓީ ދާއިރާއަށް ކޮށްފައިވާ އަގުހުރި ޚިދުމަތްތައް ފާހަގަކުރާ އެންމެ އިސް އެއް ޕްލެޓްފޯމަށް ވެފައެވެ. ސަޓާ އެވޯޑްސްއިން ފާހަގަކުރަނީ ފަތުރުވެރިކަމުގެ ގިނަ ދާއިރާތަކެއްގައި ދެވޭ ޚިދުމަތުގެ ރަނގަޅު ފެންވަރެވެ. އޭގެ ތެރޭގައި ހޮޓާތަކާއި ރިސޯޓުތަކުން ފެށިގެން ޚިދުމަތްދޭ ފަރާތްތަކާއި އައު ގޮތްތަކަށް ފަތުރުވެރިކަން ކުރިއެރުވުމަށް ކުރެވޭ މަސައްކަތްތައް ވެސް ހިމެނެއެވެ. މި އަހަރުގެ އިވެލުއޭޝަންތައް ނިމޭނީ ސަޓާ 2025ގެ ގާލާ ހަފުލާާއާ ހަމައަށެވެ. އެ ހަފުލާ ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު 19އިން 20އަށް، ސްރީލަންކާގެ ނެގޮމްބޯގައެވެ. ވަނަވަނައަށްދާ ފަރާތްތައް އިއުލާންކުރުން އޮންނާނީ މި ހަފުލާގައި ވިޔަފާރީގެ އިސްވެރިންނާއި، ސަރުކާރުތަކުގެ ބޭފުޅުންނާއި، ބައިނަލްއަގުވާމީ މީޑިއާގެ ހާޒިރުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ