ގަތަރުގެ ޝާހީ އާއިލާއަށް ނިސްބަތްވާ ޝެއިހު ނަޔެފް ބިން އީދް އަލް ތާނީގެ ކުންފުންޏެއް ކަމަށްވާ އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސްއިން ހުޅުމާލޭގައި އަޅަން ނިންމި ފައިނޭންޝަލް ސެންޓަރުގެ މަސައްކަތް ހުއްޓިފައިވާ ކަމަށް، ސަރުކާރުގެ ބައެއް މަސްދަރުތަކުން ބުނެފި އެވެ.
އެކަމާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީގެ މީޑިއާ އޮފިޝަލްއާ ތަކުރާރުކޮށް ސުވާލުކުރުމުން ރަސްމީ ބަހެއް ބުނަން ބޭނުމެއް ނުވި އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެގްރީމެންޓުގައި ސޮއިކުރި ނަމަވެސް އެ ބިމާ ހަވާލުވުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދެ އެވެ.
ހުޅުމާލޭގައި ހަދާ މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރަށް އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް 8.8 ބިލިއަން ޑޮލަރުގެ އިންވެސްޓެއް ކުރަން ނިންމާފައިވާ ކަމަށް ސަރުކާރުން ވެސް ބުނެފައިވެ އެވެ.
އަދަދު ނޫހާ ވާހަކަ ދެއްކި ސަރުކާރުގެ އިސް މަގާމުގައި ތިއްބެވި ބައެއް ބޭފުޅުން ވިދާޅުވީ މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރުގެ މަސައްކަތް ހުއްޓިފައި ވަނީ އެމްބީއެސް ގްލޯބަލް އިންވެސްޓުމެންޓުން ބަޖެޓު ސަޕޯޓަށް ދޭން ބުނި ފައިސާ ނުދިނުމުން ކަމަށެވެ.
އެ ކުންފުނިން ސަރުކާރަށް ފުރަތަމަ ދިން ޔަގީން ކަމަކީ ބަޖެޓު ސަޕޯޓަށް 250 މިލިއަން ޑޮލަރު ދިނުން ކަމަށާއި، ނަމަވެސް އެ ފައިސާ ލިބުން ލަސްވަމުން ގޮސް، އެންމެ ފަހުން ސަރުކާރަށް ޔަގީންކަން ދިނީ އެއްބަސްވުމުގައި ސޮއިކުރުމާއެކު 50 މިލިއަން ޑޮލަރު ދިނުމަށެވެ.
"މިއިން އެއްވެސް ފައިސާ ނުލިބޭ. އަދި ލިބޭނެ ކަމަށް ނުވެސް ބެލެވޭ. އެ މީހުން ބޭނުންވީ ހަމައެކަނި ފޮޓޯގަނޑެއް. މިހާރު ލިޔުންތަކާއި ފޮޓޯގަނޑު ހިފައިގެން ބޭރުގެ އިންވެސްޓަރުން ގާތަށް އެ މީހުން އެބަދޭ. ސަރުކާރަށް ވެސް މިހާރު އެނގިއްޖެ އެއީ އެކަން ވާނެ ވަރުގެ ބައެއް ނޫން ކަމަށް،" އަދަދު ނޫހާ ވާހަކަ ދެއްކި ސަރުކާރުގެ އޮފިޝަލަކު ބުންޏެވެ.
އެއްބަސްވުމުގައި ސޮއިކުރި ދުވަހު ހާމަކުރި ގޮތުގައި ފައިނޭންޝަލް ސެންޓަރުގެ މަސައްކަތް ނިމޭނީ 2030 ވަނަ އަހަރެވެ. އެ ތަން ފެށުމާއެކު ފުރަތަމަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި އެކަނި ވެސް ރާއްޖޭގެ ޖީޑީޕީ އިތުރުވެ، ފަސް ވަނަ އަހަރުގެ އާމްދަނީއަށް އެއް ބިލިއަން ޑޮލަރު ލިބޭނެ ކަމަށް ސަރުކާރުން އަންދާޒާ ކުރެ އެވެ.
ފައިނޭންޝަލް ސެންޓަރު ޑިޒައިންކޮށްފައި ވަނީ އާކިޓެކްޓް ޖިއާނީ ރަނައުލޯ އެވެ. ތަނުގެ ޑިޒައިން ކޮށްފައި ވަނީ ރާއްޖޭގެ މާހައުލާ ގުޅޭ ގޮތަށެވެ. ފައިނޭންޝަލް ސެންޓަރުގައި 780،000 އަކަ މީޓަރުގެ ބިން ތަރައްގީ ކުރާނެ އެވެ. އެތަން ބިނާ ކުރަނީ 6500 މީހުންނަށް ދިރިއުޅެވޭ ގޮތަށެވެ. އަދި ފައިނޭންޝަލް ސެންޓަރަށް ތަރައްގީ ކުރަނީ ދުވާލަކު 35،000 މީހުން އެތަނަށް ދާނެ ކަމަށް ބަލައިގެންނެވެ.
އަދަދު ނޫހާ ވާހަކަ ދެއްކި މި މަޝްރޫއުގެ މައުލޫމާތު އެނގޭ މީހަކު ބުނީ އެމްބީއެސް އަކީ މިވަރުގެ ބޮޑު ޕްރޮޖެކްޓެއް ގެންދެވޭވަރުގެ ބައެއް ނޫން ކަމަށާއި، ދުބާއީގައި ހަދާފައި ވެސް ހުރީ ކުޑަކުޑަ އޮފީހެއް ކަމަށެވެ. އަދި އެ ކުންފުންޏަށް މިފަދަ މަޝްރޫއުއެއް ހިންގުމަށް ބޭނުންވާނެ ފައިސާ ހޯދޭނެ ކަމާ މެދު ވެސް އޭނާ ސުވާލު އުފެއްދި އެވެ.
"އެ މީހުން ހަމައެކަނި ޖުއްބާ ލައިގެން އަރަބިން ގޮތަށް ހެދިގެން އުޅެނީ. ސްކޭމެއްގައި ސަރުކާރު ޖެހުނީ ރަނގަޅަށް ކަންކަން ނުބެލުމުން،" ރާއްޖެ އަށް އިންވެސްޓުމެންޓު ގެނައުމުގައި ހަރަކާތްތެރިވާ މީހަކު ނަން ނުޖެހުމަށް ޝަރުތުކޮށް ބުންޏެވެ.
ފައިނޭންޝަލް ސެންޓަރެއް ހެދުމަށް ސަރުކާރުން އިއުލާނުކުރި 8.8 ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއު ހުއްޓިފައި ފައިނޭންޝަލް ސެންޓަރެއް ހެދުމަށް ސަރުކާރުން އިއުލާނުކުރި 8.8 ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއު ހުއްޓިފައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ