އިނގުރައިދޫގައި ހޮސްޕިޓަލެއް އެޅުމަށް ސަރުކާރުން ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރީ 2023 ވަނަ އަހަރުގެ އޭޕްރިލްމަހުގެ 18 ވަނަ ދުވަހުއެވެ. އެ މަސައްކަތް އެކުންފުންޏާ ހަވާލުކުރީ 540 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑާ ހޮސްޕިޓަލް އަޅަން ހަވާލުކުރީ 76.86 މިލިއަން ރުފިޔާގެ އަގަކަށްކަމަށް ހެލްތް މިނިސްޓްރީން އޭރުވަނީ ބުނެފައެވެ. ހޮސްޕިޓަލް އަޅަން ހަވާލުކުރި މުއްދަތު ހަމަވެ، މިއަދަށް 7 މަހަށްވުރެ ގިނަ ދުވަސް ވަނީ ފާއިތުވެގެން ގޮސްފައެވެ.
އިނގުރައިދޫ ކައުންސިލުން ބުނެފައިވަނީ އިނގުރައިދޫ ހޮސްޕިޓަލްގެ އަދި ނިންމުނީ 7 އިންސައްތަ މަސައްކަތްކަމަށާއި، މަސައްކަތް ހުއްޓާލާފައި އޮންނަތާވެސް 4 މަހަށްވުރެ ގިނަދުވަސް ވެއްޖެކަމަށެވެ. ވޮއިސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އިނގުރައިދޫ ހޮސްޕިޓަލްގެ މަސައްކަތް ނުނިމި ދިގުލައިގެންދާ މައްސަލާގައި އެރަށުގެ ބައެއް ރައްޔިތުން މިއަދުވަނީ އިހުތިޖާޖު ކުރުމަށް ނިކުތުމަށްވެސް ނިންމާފައެވެ. މިކަން ކައުންސިލްގެ މެމްބަރަކު ވަނީ ވޮއިސްއަށް ޔަގީންކޮށްދީފައެވެ.
"ރައްޔިތުން މިއަދު އިހުތިޖާޖަށް ނިކުންނަ ގޮތަށް އޮތީ. ވިއްސާރަ ނުވެހެންޏާމު އެކަން ކުރިއަށްގެންދާނެ" އޭނާ ވިދާޅުވިއެވެ.
އިނގުރައިދޫ ހޮސްޕިޓަލް ނިންމަންދިން މުއްދަތު ފަހަނައަޅައި ދިޔައިރު، އަދި މިހާތަނަށް ކުރެވިފައިހުރި މަސައްކަތަކީ ފުރަތަމަ ބުރީގެ ކޮލަމްތައް އެޅުމުގެ މަސައްކަތެވެ. އެއަށްފަހު މަސައްކަތް ހުއްޓިފައި އޮންނަތާ 4 މަސްވެގެންދިޔައިރު، މިހާރު ހުރީ ބެރިތައް އެޅުމަށް ޖަހާފައިވާ ދަގަނޑުތަކުގައި ދަބަރުވެސް ޖަހާފައެވެ.
ދަގަނޑުތަކުގައި ދަބަރުޖަހާފައި
ވޮއިސްގެ ނޫސްވެރިން އެތަނަށްގޮސް ބެލިއިރު، މަސައްކަތުގައި ބޭނުންކުރަން ގެންގުޅޭ ބައެއް އެއްޗެހިވެސް ހުރީ ދޫކޮށްލާފައެވެ. އެގޮތުން ހިލަވެލި ގިނަ އަދަދެއްގެ ހިލަވެލި ބަސްތާތައްވެސް ހުރީ ފަލައިގެންގޮސް ހިލަތައް ބިންމައްޗަށް އެޅިފައެވެ.
ހިލަގޯނިތައް ބިންމައްޗަށް ދޫކޮށްލާފައި.
ވޮއިސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފިނޭންސުން ވަނީ އިނގުރައިދޫ ހޮސްޕިޓަލް މަސައްކަތަށް ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑަށް 20 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައެވެ. މި މަސައްކަތް ނުނިމި ދިގުލައިގެން ދިއުމުން އެ މަސައްކަތުގެ އެއްބަސްވުން އުވާލުމަށް ސަރުކާރުން މަސައްކަތްކުރިނަމަވެސް ފަހުން އެޓާނީ ޖެނެރަލްގެ އޮފީހުން ނިންމާފައިވަނީ އެއްބަސްވުން އުވާނުލުމަށެވެ.
އިނގުރައިދޫ ސިއްހީމަރުކަޒު މިހާރު ހިންގަމުންދަނީ އަމިއްލަ މީހެއްގެ ގެއެއްގައެވެ. އެތަނުގައި 5 ކޮޓަރި ހުންނަނަމަވެސް ޖާގައިގެ ދަތިކަން ނިހާޔަތަށް ބޮޑުކަމަށް ވޮއިސްއަށް ވަނީ މައުލޫމާތު ލިބިފައެވެ. ރ.އިނގުރައިދޫގައި 2،161 މީހުން ދިރިއުޅެމުން އަންނައިރު، އެރަށުގައި މިހާރު ހުންނަ ސިއްހީ މަރުކަޒަށް ކައިރީހުންނަ ރިސޯޓްތަކުންނާއި އެހެން ރަށްރަށުންވެސް ފަރުވާހޯދަން މީހުން ދެއެވެ.
އިނގުރައިދޫ ހޮސްޕިޓަލް މަސައްކަތް ހުއްޓިފަ. ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ