ކާންސް ފެސްޓިވަލުގައި ޖާންވީ އާއި އިޝާންގެ ފިލްމަށް ގިނަ ބައެއްގެ ތައުރީފު

މި އަހަރުގެ ކާންސް ފިލްމު ފެސްޓިވަލުގައި ޕްރީމިއާ ކުރި ފިލްމު "ހޯމްބައުންޑު"އަށް ގިނަ ބަޔަކު ތައުރީފުކޮށްފިއެވެ. ދަރުމާ ޕްރޮޑަކްޝަންއަށް ނީރަޖް ގެވާން ޑައިރެކްޓްކޮށްފައިވާ މި ފިލްމު ބެލުމަށްފަހު ފިލްމުގެ ޕްރީމިއާއަށް ދިޔަ އޯޑިއަންސްއިން ވަނީ މި ފިލްމުގެ ޝަރަފުގައި ނުވަ މިނެޓުގެ 'ސްޓޭންޑިން އޮވޭޝަނެއް' ފިލްމުގެ ޓީމަށް ދީފައެވެ. މި މަންޒަރާއެކު ފިލްމުގެ ލީޑް ތަރިން ކަމަށްވާ ޖާންވީ ކަޕޫރާއި އިޝާން ހައްތަރަށް އުފަލުން ރޮވުނު ކަމަށް ޕިންކްވިލާގައި ވަނީ ބުނެފައެވެ. މި ފިލްމު މި އަހަރުގެ ކާންސް ފިލްމު ފެސްޓިވަލުގައި ޕްރީމިއާ ކުރާނެކަން އިއުލާނުކުރުމާ އެކު މިއީ މި ފެސްޓިވަލަށްދިޔަ ގިނަ ބަޔަކު އެންމެ ބޮޑަށް އިންތިޒާރުކުރި އެއް ފިލްމެވެ. މި ފިލްމު ނިންމާލުމަށްފަހު ފިލްމުގެ ޕްރީމިއާ ދެއްކުން އޮތް ހޯލްގެ ފަރުދާ ކަހާލުމާ އެކު ލިބުނު ނުވަ މިނެޓުގެ 'ސްޓޭންޑިން އޮވޭޝަން'އާ އެކު މިއީ ލިބުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ފިލްމުގެ ޓީމުން ވަނީ ސިފަކޮށްފައެވެ. "ހޯމްބައުންޑް"ގެ ކާސްޓުން އަދި ޕްރޮޑަކްޝަން ޓީމްގެ މެމްބަރުން ކާންސް ފިލްމު ފެސްޓިވަލްގައި--ފޮޓޯ/އިންޑިއަންއެކްސްޕްރެސް މި ފިލްމުގެ ޕްރީމިއާއާ އެކު މިއީ ބަތަލާ ޖާންވީ ކަޕޫރު ކާންސް ފިލްމު ފެސްޓިވަލުގައި ބައިވެރިވި ފުރަތަމަ އަހަރެވެ. ޖާންވީގެ ފިލްމު "ހޯމްބައުންޑް"އަށް ލިބެމުންދިޔަ ތައުރީފުގެ ބަސްތަކާ އެކު ބަތަލާއާ އެކު ފެސްޓިވަލުގައި ބައިވެރިވި ޖާންވީގެ ބައްޕަ ބޮނީ ކަޕޫރަށް ވެސް އުފަލުން ރޮވުނު ކަމަށާއި ޖާންވީގެ ކުޑަކުޑަ އާއިލާއަށް ވެސް މިއީ ވަރަށް ޖަޒުބާތީ ވަގުތުކޮޅަކަށްވީ ކަމަށް ރިޕޯޓުތައް ބުނެއެވެ. ފިލްމު "ހޯމްބައުންޑް"އާ ގުޅޭގޮތުން އެކްޓަރު އިޝާން ހައްތަރު ބުނެފައި ވަނީ މި ފިލްމުގެ ސްކްރިޕްޓްގެ ފުރަތަމަ އަޑުއެހުމުގައި ވެސް މިއީ ވަރަށް ޚާއްސަ ފިލްމަކަށްވާނެ ކަމުގެ ޔަގީންކަން އޭނާއަށް އޮތް ކަމަށެވެ. ފިލްމު "ހޯމްބައުންޑް" ކާންސް ފެސްޓިވަލުގައި ޕްރީމިއާކުރަން ހޮވުމާ ގުޅިގެން އެމެރިކާގެ މަޝްހޫރު ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު މާޓިން ސްކޯސޭޒީ ވަނީ ފިލްމުގެ ކްރޫއާ ގުޅިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ