ގަތަރުން ހަދިޔާއަކަށް ދިން ޖެޓް އެމެރިކާއިން ބަލައިގެންފި

އެމެރިކާގެ ރިޔާސީ މަތިންދާބޯޓުތައް ހިމެނޭ، އެއާ ފޯސް ވަންގެ ފްލީޓުގައި ބޭނުންކުރުމަށް ގަތަރުން ހަދިޔާކުރި ލަގްޒަރީ ޖެޓް އެ ގައުމުން ބަލައިގެންފިއެވެ. އެމެރިކާގެ އަސްކަރީ މަރުކަޒު ޕެންޓަގަންއިން އެ ޖެޓް ބަލައިގަތް ކަމަށް ބުނެފައިވަނީ، އެ ބޯޓަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ގަތަރުން ދޭ ހަދިޔާއެއް ކަމަށާއި އެ މަނިކުފާނުގެ ވެރިކަން ނިމުމަށް ފަހު އަމިއްލަފުޅު އެއްޗެއްގެ ގޮތުގައި ވެސް ބޭނުންކުރަން ނިންމަވައިފައިވާ ބޯޓެއް ކަމަށް ބުނެ ގިނަ ބަޔަކު އެކަމަށް ފާޑުކިޔަމުން ދަނިކޮށެވެ. "ފެޑެރަލް ހުރިހާ ގަވާއިދުތަކާއެއްގޮތަށް ގަތަރުން ދޭ ބޮއިންގް 747 މަތިންދާބޯޓް ސެކްރެޓަރީ އޮފް ޑިފެންސުން ބަލައިގެންފިން،" ޕެންޓަގަންގެ ޗީފް ތަރުޖަމާނު ޝޯން ޕާނެލް ނެރުއްވި ބަޔާނެއްގައިވެއެވެ. އެ ބަޔާނުގައިވާ ގޮތުން އެއާފޯސް ވަންގެ ބައެއްގެ ގޮތުގައި ބޭނުން ކުރުމުގެ ކުރިން އެ ބޯޓަށް ބަދަލުތަކެއް ގެންނަންޖެހޭނެއެވެ. އެ ބޯޓަކީ ގަތަރުގެ ޝާހީ އާއިލާއިން ދިން ހަދިޔާއެކެވެ. އޭގެ އަގު 400 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް ބީބީސީން ރިޕޯޓުކޮށްފައިވެއެވެ. އެމެރިކާގެ ގާނޫނުއަސާސީ ބުނާ ގޮތުން ރަސްކަލުންނާއި އަމީރުން އަދި ބޭރު ދައުލަތްތަކުން ދޭ ހަދިޔާ ގަބޫލުކުރުމަކީ އެމެރިކާ ސަރުކާރުގެ އޮފިޝަލުންނަށް މަނާ ކަމެކެވެ. އެކަން ބަޔާންކޮށްފައި އޮންނަނީ ސަރުކާރު މުވައްޒަފުންނަށް މުސާރަ އާއި އިނާޔަތްތައް ދިނުމާ ބެހޭ ގޮތުން އޮންނަ މާއްދާއެއްގައެވެ. ނަމަވެސް ބޯޓު ބަލައިގަތުމަކީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ކަމަށާއި އެއީ އެމެރިކާގެ ޑިފެންސް ޑިޕާޓްމަންޓަށް ދޭ އެއްޗެއް ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. ޤަޠަރުގެ ބޮޑުވަޒީރު އައްޝައިޚް މުހައްމަދު ބިން އަބްދުއްރަހްމާން ބިން ޖާސިމް އަލް ޘާނީ ވިދާޅުވި ގޮތުގައި އެއީ ދެ ސަރުކާރުގެ މެދުގައި ކުރި މުއާމަލާތެކެވެ. "އަދި މިއީ އެމެރިކާއާއި ޤަޠަރުގެ ފަރާތުން ބެލި ނަމަވެސް އަމިއްލަ ހައިސިއްޔަތެއް ހިމެނޭ މުއާމަލާތެއް ނޫން. މިކަން ކުރަނީ އެއް ގައުމުގެ ދިފާއީ ވުޒާރާއާއި އަނެއް ގައުމުގެ ދިފާއީ ވުޒާރާއާ ދެމެދު،" ބޮޑުވަޒީރު ވިދާޅުވިއެވެ. މިހާރު އެއާ ފޯސް ވަންގައި ބޭނުންކުރާ ބޮއިން 747-200ބީ މަރުކާގެ ޖެޓްތަކާ މެދު ހިތްހަމަޖެހިވަޑައިނުގަންވާކަން ޓްރަމްޕު ކުރިން ވެސް ހާމަކުރައްވާފައިވެއެވެ. ބޮއިން ވަނީ މިދިޔަ އަހަރު ނިމުމުގެ ކުރިން 747-8 މަރުކާގެ ދެ މަތިންދާބޯޓު 3.9 ބިލިއަން ޑޮލަރުގެ އަގެއްގައި ސަޕްލައިކޮށްދޭން 2018 ވަނަ އަހަރު އެއްބަސްވެފައެވެ. ނަމަވެސް އެ މަތިންބޯޓު ލިބުން ލަސްވާތީ ޓްރަމްޕް ވަނީ ބޮއިން ނޫން އެހެން ގޮތެއް ހޯދަން ވިސްނަވާ ކަމަށް ވެސް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ