މިއީ ހަމައެކަނި ފެށުން؛ އިސްރާއިލްގެ ގައިދީންތައް ދޫކުރަންދެން ޣައްޒާއަށް ހަމަލާދޭނަން: ނަތަންޔާހޫ

ފަލަސްތީނުގެ މިނިވަންކަމަށްޓަކައި ޖިހާދުކުރަމުންދާ ހަމާސް ޖަމާއަތުގެ ދަށުގައި ތިބި އިސްރާއީލްގެ ގައިދީން ބަންދުން ދޫކުރަންދެން ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމަށް އިސްރާއީލްގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ބުނެފިއެވެ.
އިސްރާއިލުން ޣައްޒާގައި ހިންގަމުންދިޔަ ޤަތުލްޢާއްމު މެދު ކަނޑާލުމަށް ވެވުނު އެއްބަސްވުމުގެ ދެވަނަފިޔަވަހި ތަންފީޒުކުރުމަށް އިންކާރުކޮށް، އިއްޔެ ފަތިހުން ފެށިގެން އިސްރާއިލުން އަންނަނީ ޣައްޒާއަށް ވަރުގަދައަށް ބޮން އަޅަމުންނެވެ. 
އެއްވެސް އިންޒާރެއް ދިނުމެއް ނެތި ފެށި މި ޤަތުލްޢާއްމުގައި އިއްޔެ އެކަނިވެސް 404 އަށްވުރެ ގިނަ މީހުން ޝަހީދުވެ، 562 އަށްވުރެ ގިނަ މީހުންވަނީ ޒަޚަމްވެފައެވެ. އޭގެ ތެރެއިން ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.
Advertisement
ޤަތުލުޢާއްމު މެދުކަޑާލަން ވެވުނު އެއްބަސްވުން ނިމުމަކަށް ގެނައިކަން އިއުލާންކޮށް އިސްރާއިލްގެ ނިރުބަވެރި ޖައްބާރު ނަތަންޔާހޫ އާއްމުކުރި ވީޑިއޯއެއްގައި އޭނާ ބުނެފައިވާގޮތުން، ދެން އިސްރާއިލުން ހަމާސްއާއި ދެކޮޅަށް ކުރިއަށްވުރެވެސް ވަރުގަދައަށް ހަމަލާތައް ދެމުންދާނެއެވެ. 
"މިހާރުން ފެށިގެން މަޝްވަރާތައް ކުރިއަށްދާނީ ހަނގުރާމައިގެ ތެރެއިން. މިވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި އިސްރާއީލްގެ ބާރުގަދަކަން ހަމާސްއަށް ވާނީ އިހްސާސްކުރެވިފައި. އަހަރެން ހަމާސް އަށާއި އެންމެނަށް ޔަގީންކަންދޭން ބޭނުންވާ ކަމަކީ، މިއީ ހަމައެކަނި ފެށުންކަން،"
ބެންޖަމިން ނަތަންޔާހޫ
އިސްރާއީލުން ބުނާ ގޮތުގައި މި ހަމަލާތައް ފެށީ ޤަތުލްޢާއްމު މެދުކަނޑާލުމުގެ މުއްދަތު އިތުރުކުރުމާ ބެހޭ މަޝްވަރާތަކުގައި ކުރިއެރުމެއް ނުލިބުމުގެ ސަބަބުންނެވެ.
މި ހަމަލާތައް ދިނުމުގެ ކުރިން އެމެރިކާގެ ވައިޓް ހައުސްއާ މަޝްވަރާކުރެވުނު ކަމަށްވެސް ވައިޓް ހައުސްއިން ވަނީ ކަށަވަރުކޮށްދީފައެވެ. އަދި އެމެރިކާގެ އެހީތެރިކަން އިސްރާއިލަށް ލިބޭނެ ކަމުގެ ޔަގީންކަން އެގައުމުންވަނީ ދީފައިވާނެކަމަށްވެސް މައުލޫމާތު ދެއެވެ. އެމެރިކާއިން ވަނީ މީގެ ގާތްގަނޑަކަށް މަހެއްހާ ދުވަސްކުރިން އިސްރާއިލަށް 7.4 ބިލިއަން ޑޮލަރުގެ ފަނާކުރުވަނިވި ހަތިޔާރުތައްވެސް ފޮނުވާފައެވެ. އެ ހަތިޔާރުތައް ފޮނުވާފައިވަނީ އިސއރާއިލްގެ އަސްކަރިއްޔާ ވަރުގަދަ ކުރުމަށް ކަމަށް އޭރު އެމެރިކާއިން ވަނީ ބުނެފައެވެ. 
އިސްރާއިލްގެ ނިރުބަވެރި ހަމަލާތަކާއި ގުޅިގެން ހަމާސްއިން ވަނީ އެއްބަސްވުމާ ޚިލާފުވި ކަމަށްޓަކައި އިސްރާއީލް ޒިންމާދާރުކުރުވުމަށް ބައިނަލްއަގުވާމީ މުޖުތަމަޢުއަށް ގޮވާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ