24 ގަޑިއިރުތެރޭ ޣައްޒާގެ 400 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައިފި!

އިސްރާއީލުން ޣައްޒާއަށް ދެމުންދާ ޙަމަލާތައް އިތުރުވެ، ވޭތުވެދިޔަ 24 ގަޑިއިރުތެރޭ 408 އަށްވުރެ ގިނަ ފަލަސްޠީނު ރައްޔިތުން ޝަހީދުކޮށްލާފައިވާ ކަމަށް ފަލަސްޠީނުގެ ޞިއްޙީ އިދާރާތަކުން މަޢުލޫމާތު ދީފިއެވެ.
ޖަނަވަރީ މަހުން ފެށިގެން ޤަތުލްޢާއްމު މެދުކަނޑާލުމަށް އިސްރާއިލުން ވި އެއްބަސްވުމާއި ޚިލާފްވެ، އިއްޔެ އިސްރާއިލުން ޣައްޒާއަށް ކުއްލި، ވަރުގަދަ ހަމަލާތަކެއް ދޭން ފަށާފައިވާއިރު، އަދިވެސް އަންނަނީ ހުއްޓުމެއްނެތި ޣައްޒާއަށް ބޮން އަޅަމުންނެވެ. 
ޤަތުލް ޢާއްމު ފެށިކަން އިއުލާންކޮށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ބުނެފައިވަނީ، މި ހަމަލާތަކަކީ ހަމައެކަނި ފެށުން ކަމަށާއި، މީގެ ފަހުން އިސްރާއީލުން ހަމާސްއާ ދެކޮޅަށް އިތުރު ބާރުގަދަ ޙަމަލާތައް ދޭނެ ކަމަށެވެ. 
Advertisement
"މިހާރުން ފެށިގެން މަޝްވަރާތައް ކުރިއަށްދާނީ ހަނގުރާމައިގެ ތެރެއިން. މިވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި އިސްރާއީލްގެ ބާރުގަދަކަން ހަމާސްއަށް ވާނީ އިހްސާސްކުރެވިފައި. އަހަރެން ހަމާސް އަށާއި އެންމެނަށް ޔަގީންކަންދޭން ބޭނުންވާ ކަމަކީ، މިއީ ހަމައެކަނި ފެށުންކަން،" ނަތަންޔާހޫ ބުނެފައިވެއެވެ.
އިސްރާއީލުގެ މި ޙަމަލާތަކުގައި ޣައްޒާގެ އުތުރުން ފެށިގެން ދެކުނަށް، ގޭގެއާއި ޓެންޓު ސަރަޙައްދުތަކަށް ބޮންއަޅާފައިވެއެވެ. އަދި އަންގާރަ ދުވަހުގެ ރޭގެ ފަހު ވަގުތެއްގައި އިސްރާއީލުގެ މަތިންދާބޯޓަކުން ޣައްޒާ ސިޓީއަށް މިސައިލް ޙަމަލާ ތަކެއްވެސްވަނީ ދީފައެވެ.
"މިއީ ނަރަކައިގެ ރެއެއް. ހަނގުރާމަ ފެށުނު ފުރަތަމަ ދުވަސްތަކުގައި ވެސް މިހެން ވެފައި ނެތް," ޣައްޒާ ސިޓީގެ 5 ދަރިންގެ މަންމައެއް ކަމަށްވާ 65 އަހަރުގެ ރަބީހާ ޖަމާލް ބުނެފައިވެއެވެ.
އިސްރާއީލުގެ ނިރުބަވެރި ސިފައިންވަނީ "ނުރައްކާތެރި ހަނގުރާމައިގެ ސަރަޙައްދުތައް" ކަމަށް ބުނެ، ޣައްޒާގެ އުތުރުގައިވާ ބައިތު ހަނޫނާއި ދެކުނުގައިވާ ޚާން ޔޫނިސްގެ އިރުމަތީ ސަރަޙައްދުތަކުން ފަލަސްތީނުގެ އާއިލާތައް ދިޔުމަށް އަންގާފައެވެ. އެއާައެކު ގިނަ އަދަދެއްގެ މީހުން އެމީހުންގެ ތަކެތި ހިފައިގެން، ފައިމަގުންނާއި، ކާރުގައާއި، ކޮރޮޅީގައި އެ ސަރަޙައްދުތަކުން ފުރައިގެން ދާން ވަނީ ފަށާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ