އެމްއެމްއޭގެ އިސްވެރިން އިސްތިއުފާ ދިނުމަކީ ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ގެއްލޭ ކަމެއް: އެމްޓީއޭ
މަރުކަޒީ ބޭންކު، އެމްއެމްއޭގެ އިސްވެރިން އިސްތިއުފާ ދިނުމަކީ ނުރައްކަލުގެ ރަނގަބީލެއް ކަމަށާއި، އެއީ ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ގެއްލޭ ކަމެއް ކަމަށް މޯލްޑިވްސް ޓްރޭޑް އެސޯސިއޭޝަން (އެމްޓީއޭ)އިން މިއަދު ބުނެފިއެވެ. ސަރުކާރުން އަންނަނީ އެމްއެމްއޭއަށް ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ދަށުގައި އޮތް ހުޅުމާލޭގެ ބޮޑު ބިމެއް، 15 ބިލަނާއި 14 ބިލިއަނެއްހާ ރުފިޔާއަށް ވިއްކުމުގެ މަސައްކަތް ކުރަމުންނެވެ. އެހާ ބޮޑު އަދަދަކުން ފައިސާ ޗާޕު ކުރުމަކީ އިގުތިސާދަށް ގެއްލުންވާނެ ކަމެއް ކަމަށް އިގުތިސާދީ ދާއިރާގެ ގިނަ ބަޔަކު ބުނަމުން އަންނައިރު، އެކަމާ ގުޅޭ ގޮތުން ސަރުކާރުން ރަސްމީކޮށް އެއްޗެކޭ ބުނެފައިނުވެއެވެ. ނަމަވެސް ސަރުކާރަށް ތާއިދު ކުރާ ފަރާތްތަކުން އަންނަނީ ފައިސާ ޗާޕު ކުރަން ނޫޅޭ ކަމަށް ބުނަމުންނެވެ. އިގުތިސާދީ ގޮތުން ބަލާއިރު، މަރުކަޒީ ބޭންކްގައި ސާކިއުލޭޝަނަށް ނުނެރެ ހުންނަ ފައިސާ ދައުރުކުރުމަކީ ހަމަ ފައިސާ ޗާޕުކުރުމެވެ. އެ މައްސަލަ ހޫނުވެފައި އޮއްވައި އެމްއެމްއޭ ބޯޑުގައި އިކޮނަމިކް މިނިސްޓްރީ ތަމުސީލުކުރައްވާ މެންބަރު ޝުހާދު އިބްރާހިމާއި، ފިނޭންސް މިނިސްޓްރީ ތަމުސީލުކުރައްވާ އަހުމަދު ޒަޔާން މުހައްމަދު ވަނީ އިސްތިއުފާ ދެއްވައިފައެވެ. އަދި ފައިސާ ޗާޕުކުރުމާ ދެކޮޅު ހައްދަވައި، ނިންމުންތަކާމެދު ހިތްހަމަޖެހިވަޑައިނުގެން، ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދު ވެސްވަނީ މިދިޔަ ހޯމަ ދުވަހު އިސްތިއުފާ ދެއްވައިފައެވެ. އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު -- ފޮޓޯ/ އެމްއެމްއޭ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް އެމްޓީއޭއިން މިއަދު ނެރުނު ބަޔާނުގައި ބުނީ ފަހަކަށް އައިސް އެމްއެމްއޭއާއި މާލީ އެހެން އިދާރާތަކުގެ އިސް މަގާމުތަކުގައި ތިބި ފަރާތްތައް އިސްތިއުފާދެމުން ދާކަމީ، ރާއްޖޭގެ މާލީ ހާލަތު ރަނގަޅު މިސްރާބަށް މީޒާން ވަމުން ނުދާ ކަމުގެ އަލާމާތެއް ކަމަށެވެ. އަދި އެއީ ގައުމުގެ އިގްތިސާދީ ސަލާމަތަށް ނުރައްކާވެފައިވާކަމުގެ ރަނގަބީލެއްގެ ގޮތުގައި އެ ޖަމިއްޔާއިން ވަނީ ފާހަގަކޮށްފައެވެ. އެކަން ފާހަގަކޮށް އެމްޓީއޭއިން ބުނީ މާލީ އިދާރާތަކުގެ މިނިވަންކަމާއި ހަރުދަނާކަން ދެމެހެއްޓުމަކީ ހަރުދަނާ އިގްތިސާދެއް ބިނާކުރުމުގެ އެންމެ މުހިންމު އަސާސް ކަމަށެވެ. އަދި ސިޔާސީ ނުފޫޒުތަކުން އެފަދަ މުއައްސަސާތައް ސަލާމަތްވެ ތިބެ، މާލީ އިގްތިސާދީ ސިޔާސަތުތައް ދެމެހެއްޓުމުގެ ފުރިހަމަ މިނިވަންކަން އެ މުއައްސަސާތަކަށް އޮންނަންޖެހޭ ކަމަށް އެމްޓީއޭއިން ބުންޏެވެ. އެމްޓީއޭއިން ބުނީ މާލީ އިދާރާތަކުގެ މިނިވަންކަމަށް އަންނަ ކޮންމެ ބަދަލަކީ އިންވެސްޓަރުންގެ އިތުބާރު ގެއްލި، ބޭރުގެ އިންވެސްޓްމަންޓްތައް މަދުވެ، ފައިސާގެ އަގު ދަށްވުމާއެކު އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރަށް ސީދާ އަސަރުކުރާނެ ކަމެއް ކަމަށެވެ. ރައީސް މުއިއްޒު --- ފޮޓޯ/ ރައީސް އޮފީސް އެހެންކަމުން އެމްޓީއޭއިން ވަނީ މާލީ މުއައްސަސާތަކުގެ މިނިވަންކަން ދެމެހެއްޓުމަށް ބައެއް ފިޔަވަޅުތައް އެޅުމަށް ސަރުކާރަށް ގޮވާލައިފައެވެ. އެ ފިޔަވަޅުތަކަކީ: ސަރުކާރުން މާލީ އިދާރާތަކުގެ މިނިވަންކަމަށް އިހުތިރާމްކޮށް، އެ މުއައްސަސާތަކުގެ ހިންގުމަށް ސިޔާސީ ނުފޫޒު ނުފޯރުވުން. މާލީ އިދާރާތަކުގެ އިސް މަގާމުތަކަށް އައްޔަނުކުރާ ފަރާތްތަކަކީ ގާބިލު، ތަޖުރިބާހުރި، ޕްރޮފެޝަނަލް ފަންނުވެރިންކަން ކަށަވަރުކުރުން. ގައުމަށް ކުރިމަތިވެފައިވާ އިގްތިސާދީ ބޮޑެތި މައްސަލަތަކަށް ހައްލު ހޯދުމަށް މާލީ ދާއިރާއާ ގުޅުން ހުރި ޖަމިއްޔާތަކުގެ މަޝްވަރާ ހޯދުން. އެމްޓީއޭއިން ވަނީ ޒިންމާދާރުކަމާއެކު ސަރުކާރާއި ރައްޔިތުންގެ މަޖިލީހުން ވެސް މަސައްކަތްކޮށްދިނުމަށް އެދިފައެވެ. ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތީ ކުރީ ސަރުކާރުގައި ފައިސާ ޗާޕު ކުރުމުން ގައުމަށް ލިބުނު ގެއްލުމުން އަރައިނުގަނެވޭ ކަމަށް ވިދާޅުވެ، މި ސަރުކާރުން ފައިސާ ޗާޕުނުކޮށް އިގުތިސާދު ހިންގާނެ ކަމުގެ ވައުދާ އެކުގައެވެ. ސަރުކާރުން އެމްއެމްއޭ މެދުވެރިކޮށް ފައިސާ ހޯދަން އުޅޭއިރު ރައްޔިތުންނާއި އިގުތިސާދީ މާހިރުން ދަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ކެމްޕޭނު ތެރޭގައި ވެސް އަދި ވެރިކަމަށް ވަޑައިގަތުމަށް ފަހު ވެސް، މި ސަރުކާރުން އެންމެ ބޮޑަށް ފާޑުކީ އެއް ކަމަކީ މިދިޔަ ސަރުކާރުގައި، ކޮވިޑުގެ ހާލަތުގައި އަށް ބިލިއަން ރުފިޔާ ޗާޕު ކުރުމެވެ. މިދިޔަ ސަރުކާރުން އަށް ބިލިއަނެއްހާ ރުފިޔާ ޗާޕުކުރީ ކޮވިޑް-19ގެ ސަބަބުން އާމްދަނީ ލިބުން އެއްކޮށް ހުއްޓި، އިތުރު ގޮތެއް ނެތިގެން ކަމަށް އޭރު ސަރުކާރުގައި ތިއްބެވި ފަރާތްތަކުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ