ތެލުލުމަށް ތަކުރާރުކޮށް އެއްތެޔޮގަނޑެއް ބޭނުންކުރާނަމަ އޭގައި ކެންސަރު ޖައްސާ ފްރީރެޑިކަލްސް އިތުރުވޭ! ހަށިގަނޑުގައި ނުރަނގަޅު ކޮލެސްޓްރޯލްވެސް އިތުރުވޭ!

ޢަލީ އިޙްޞާން ފިރާޤް
 
ތެލުލުމަށް ކޮންމެ ދުވަހަކު އާ ތެޔޮގަނޑެއް ބޭނުންކުރުމުގެ ބަދަލުގައި ކުރީ ދުވަހު ބޭނުން ކުރި ތެޔޮގަނޑު ބޭނުންކޮށްލުމުން މާ ބޮޑަށްވެސް ތެޔޮ ހަރަދު ކުޑަވެއެވެ. ކުރީ ދުވަހު މަސްތެލުލި ތެޔޮގަނޑާއި ފަތްތެލުލި ތެޔޮގަނޑު ބޭނުން ކުރަން ނުކެރޭވަރަށް އަދި ކަޅުކުލަ ނާރާތީ މިއަދުވެސް ބޭނުންކޮށްލެވެނީއެވެ. ގިނަގޭގޭގައި ތެޔޮގަނޑު އުކާލަނީ މުޅިން ކަޅުވީމައެވެ. ތެލުލާ ތަކެތީގައި ރަހަ ހިފާވަރުވީމައެވެ. 
ވަގުތީ ގޮތުން ހަރަދުކުޑަ ވިޔަސް މިކަމަކީ ދިގުމުއްދަތަކަށް ކުރަންފަށައިފިނަމަ ސިއްހީ އެތައް މައްސަލަތަކެއް ދިމާވެ މީހާ [ދަރުވާލާ] ވަރުގެ ކަމަކަށްވެދާނެއެވެ. ހެލްތް މިނިސްޓްރީން ދިވެހިންނަށް ތައްޔާރުކޮށްފައިވާ ފުޑް ބޭސްޑް ޑައެޓަރީ ގައިޑްލައިންގައި ބުނާ ގޮތުން ތެލުލުމަށް ތަކުރާރުކޮށް އެއްތެޔޮގަނޑެއް ބޭނުންކުރާނަމަ އޭގައި ފްރީރެޑިކަލްސް އިތުރުވެއެވެ. މިއީ ކެންސަރު ޖައްސާ މާއްދާއެކެވެ. އަދި ހަމައެހެންމެ އޭގެ ސަބަބުން ހަށިގަނޑުގައި ނުރަނގަޅު ކޮލެސްޓްރޯލް އިތުރުވެއެވެ. ކޮލެސްޓްރޯލްގެ މިންވަރު އިތުރުވެއްޖެނަމަ ލޭހޮޅިތައް ބެދުމުގެ ފުރުސަތު އިތުރުކުރެއެވެ. 
ގައިޑްލައިންގައި ބުނާ ގޮތުން ތެލުލާއިރު އެންމެ ރަނގަޅީ ކޮންމެ ފަހަރަކު އާ ތެޔޮ ބޭނުންކުރުމެވެ. [ޑީޕްފްރައި] ކުރުމަށް އެންމެ ރަނގަޅީ ސަންފްލާވާ ތެޔޮ ނުވަތަ ކެނޮލާ އޮއިލް އަދި ސޯއީ ބީން އޮއިލްއެވެ. ސްމޯކިން ޕޮއިންޓް ދަށްކޮށް ހުންނާތީ ގަދައަށް ތެލުލާ ތެލުލުންތަކަށް އޮލިވްއޮއިލް ރަނގަޅެއް ނޫނެވެ. އޮލިވްއޮއިލް ރަނގަޅީ [ސްޓިރް ފްރައި] ކުރުމަށެވެ. 
އަހަރެމެންނަށް އެންމެ މީރު ތެލުލި ބަނބުކޭލާއި ތެލުލި އަލަ އަދި އަލުވީގެ ބާވަތްތައް ބޭނުން ކުރުން މަދުކުރުމަށް ގައިޑްލައިގައި އިރްޝާދު ދީފައިވެއެވެ. ތެލުލި ފަތުގެ ބަދަލުގައި ރޯކޮށް ފަތްބޭނުން ކުރެވިދާނެއެވެ. ކަނޑުމަހާއި އެއްގަމުމަހުގެ ބާވަތްތައް ތެލުލުމުގެ ބަދަލުގައި ރޯސްޓްކޮށްގެން ނުވަތަ ފިހެލައިގެން ބޭނުން ކުރެވިދާނެއެވެ. ތަރުކާރީ އާއި މޭވާގެ ބާވަތްތަކުގެ ފުރިހަމަ ފައިދާ ބޭނުންނަމަ އޮތީ ތެލުނުލައި ބޭނުންކުރުމެވެ. 
ކޮންމެ ދުވަހަކު އާދަވެގެން ކާ ހެދިކާތަކުގެ ބަދަލުގައި ޞިއްޙަތަށް ފައިދާ ހުރި ރަނގަޅު ކެއުމެއް އިހްތިޔާރު ކުރުން މުހިންމެވެ. ތެލުލާފައި ހުންނަ ތަކެތި ކޮންމެ ދުވަހަކު ބޭނުން ކުރުމުގެ ބަދަލުގައި މަދުމަދު ބޭނުންކުރެވިދާނެއެވެ. އެންމެ ރަނގަޅީ ވީވަރަކުން އެއްކޮށް ދުރުވުމެވެ. މި ބަދަލުތަކާއެކު އެހެން ދުޅަހެޔޮ އާދަތައް ޒުވާއިރުއްސުރެ ފަށައިގެން ކުރިއަށް ގެންގޮސްފިނަމަ އުމުރުގެފަހުކޮޅު އެކަމުގެ ހެޔޮ ބަދަލުތައް ފެންނާނެވެ. އިން ޝާ ﷲ 
ޚާއްޞަ ނޯޓެއް: 
މިލިޔުމުގައި ފާހަގަކޮށްފައިވާ މައްސަލައަށް ބަލާއިރު ހޮޓާ، ރެސްޓޯރަންޓް، ކެފޭ ފަދަ ކަންތަނުން ކައި ސައިބޮއި ހަދާއިރު ތެލުލާފައި ހުންނަ ހެދިކާ އާއި އެނޫންވެސް ބާވަތްތައް ބޭނުންކުރުމާއިމެދު ވިސްނުން އިތުރުކުރަންޖެހެއެވެ. ސަބަބަކީ ތެލުލަން ބޭނުންކުރާ ތެލަކީ ކިތައްފަހަރު ބޭނުންކޮށްފައިވާ ތެލެއްކަން ނުވެސް އެނގޭނެތީއެވެ. 
ކެންސަރު ބަލިޖެހޭ މީހުންނާއި ލޭމައްޗަށް ދިއުމާއި ކޮލޮސްޓްރޯލް މަތިވުމުގެ މައްސަލަތައް ދުވަހުން ދުވަހަށް އިތުރުވަމުން އަންނައިރު މިކަންކަމަކީ ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހިފައިވާ ކަންކަމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ