ރައީސް މުހައްމަދު މުއިއްޒުގެ ހުދުމުހުތާރުކަން އިތުރުވަމުންދާ ކަމަށް ވިދާޅުވެ، އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު އިންޓަނޭޝަނަލް ޑިމޮކްރަސީ ޔޫނިއަން (އައިޑީޔޫ) ސަމިޓުގައި ރާއްޖޭގެ ހާލަތު ހިއްސާކުރައްވައިފި އެވެ.
ބެލްޖިއަމްގެ ބްރުސެލްސްގައި މިހާރު ކުރިއަށްދާ މި ސަމިޓުގައި ޝާހިދު ތަގުރީރުކުރެއްވީ އިއްޔެ އެވެ. އޭނާގެ ވާހަކައިގައި ރާއްޖޭގައި މިހާރު ހިނގަމުންދާ ކަންކަމާއި ޑިމޮކްރަސީގެ ހާލަތު ހިއްސާކުރައްވާފައިވެ އެވެ. އެކަންކަން ބަދަލުކުރަން އެމްޑީޕީން މަސައްކަތް ކުރަމުންދާ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.
"ރާއްޖޭގެ ޑިމޮކްރަސީ ނެތި ދާކަށް އެމްޑީޕީން ފުރުސަތެއް ނުދޭނަން. އަޅުގަނޑުމެންގެ ޕާޓީން ޑިމޮކްރަސީ އަލުން އިޔާދަކުރާނަން. ހުދުމުހުތާރު ވެރިކަމުގެ އޮއެވަރު ދަނީ ވަރުގަދަވަމުން. ނަމަވެސް އެކަމާ ދެކޮޅަށް މަސައްކަތްކުރުމުގައި އަޅުގަނޑު ދެމިތިބޭނަން،" ޝާހިދު ވިދާޅުވި އެވެ.
އޭނާގެ ވާހަކައިގައި ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑުކޮށް، ދެ ފަނޑިޔާރަކު ވަކިކުރުމަށް ސަރުކާރުން ކުރި މަސައްކަތް ވަނީ ފާހަގަކުރައްވާފަ އެވެ. މިއީ ފަނޑިޔާރުގެއަށް ފާޅުގައި ނުފޫޒުފޯރުވުން ކަމަށް ޝާހިދު ވިދާޅުވި އެވެ.
މީގެއިތުރުން، މި ފަހުން ކުރިއަށްދިޔަ ޒުވާނުންގެ މުޒާހަރާތަކުގެ ތެރެއިން ބާރުގެ ބޭނުންކޮށް ބަޔަކު ހައްޔަރުކުރުމާއި ނޫސްވެރިންނާ ދެކޮޅަށް މި ސަރުކާރުން ގެންގުޅޭ ސިޔާސަތުތައް ވެސް ޝާހިދު ވަނީ ފާހަގަކުރައްވާފަ އެވެ. އައިޑީޔޫގެ މެންބަރުންނަށް އޭނާ ގޮވާލެއްވީ މިކަންކަމަށް ބީރުކަންފަތެއް ދިނުމުގެ ބަދަލުގައި ދިވެހިންނާއެކު ތިބެ ރައީސް މުއިއްޒުގެ ސަރުކާރު ޖަވާބުދާރީ ކުރުވުމަށެވެ.
"މިކަންކަމަށް ބީރުކަންފަތެއް ނުދިނުމަށް ތިބޭފުޅުންނަށް އަޅުގަނޑު ގޮވާލަން. އަދި، ދެފުށް ފެންނަ ވެރިކަމަށް ކުރުމަށް ޕްރެޝަރު ކުރުމަށް ގޮވާލަން. މިނިވަން ޖުޑީޝަރީއެއް ގާއިމުކުރުމަށާއި ތެދު މައުލޫމާތު ގެނެސްދޭ ނޫސްވެރިންނަށާއި އިންސާފަށް އެދި މުޒާހަރާ ކުރާ ޒުވާނުންނަށް ހިތްވަރު ދިނުމަށް ތިބޭފުޅުންނަށް ގޮވާލަން،" ޝާހިދު ވިދާޅުވި އެވެ.
ދިވެހިން މިއަދު މިދެކޭ ޑިމޮކްރެޓިކް ނިޒާމަކީ އެތައް ބައެއްގެ ގުރުބާނީ އާއި ބުރަ މަސައްކަތުން ގެނެސްފައިވާ ނިޒާމެއް ކަމަށާއި އެ އުސޫލުތަކާއި ހަމަތައް ފުނޑާލާތަން ބަލަން ބައިނަލްއަގުވާމީ މުޖުތަމައު ތިބެގެން ނުވާނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މިހާރު ޔޫރަޕަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ޝާހިދު ގެންދަވަނީ އެކި ގައުމުގެތަކާއި ޖަމާއަތްތަކުގެ ވެރިންނާ ބައްދަލުކޮށް ރާއްޖޭގެ ހާލަތު ހިއްސާކުރައްވަމުންނެވެ. މިކަމާ ގުޅިގެން ސަރުކާރުން ވަނީ ކަންބޮޑުވުން ފާޅުކޮށް، ރާއްޖެއާ ގުޅޭ ގޮތުން އެމްޑީޕީން ބޭރު ދުނިޔެއަށް ދެނީ ދޮގު މައުލޫމާތު ކަމަށް ބުނެފަ އެވެ.
ރައީސް މުއިއްޒުގެ ހުދުމުހުތާރުކަން އިތުރުވަމުންދާ ކަމަށް ވިދާޅުވެ، އައިޑީޔޫ ސަމިޓުގައި ޝާހިދު ރާއްޖޭގެ ހާލަތު ހިއްސާކުރައްވައިފި ރައީސް މުއިއްޒުގެ ހުދުމުހުތާރުކަން އިތުރުވަމުންދާ ކަމަށް ވިދާޅުވެ، އައިޑީޔޫ ސަމިޓުގައި ޝާހިދު ރާއްޖޭގެ ހާލަތު ހިއްސާކުރައްވައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ