ގަޑި ޖެހޭތީ ކަނޑާ ފައިސާ އަދި މުވައްޒަފުންގެ ޖޫރިމަނާއިން އިސްލާމިކް މިނިސްޓްރީއަށް ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ގަޑި ޖެހޭތީ ކަނޑާ ފައިސާ އަދި މުވައްޒަފުންގެ ޖޫރިމަނާއިން އިސްލާމިކް މިނިސްޓްރީއަށް ދެ ލައްކައަށްވުރެ ގިނަ ރުފިޔާ

އިސްލާމިކް މިނިސްޓްރީގެ މުވައްޒަފުން ވަޒީފާއަށް ގަޑި ޖެހޭތީ ކަނޑާ ފައިސާ އާއި މުވައްޒަފުންގެ ޖޫރިމަނާ ފައިސާއަށް 218،000 ރުފިޔާ ލިބިއްޖެ އެވެ.
މިނިސްޓްރީގެ އަހަރީ ރިޕޯޓުން ދައްކާ ގޮތުގައި، މިނިސްޓްރީއަށް އެންމެ ގިނައިން އާމްދަނީ ލިބިފައި ވަނީ މުވައްޒަފުން އަތުން ގަޑި ލާރި ކަނޑައިގެން އަދި މުވައްޒަފުން ޖޫރިމަނާކޮށްގެންނެވެ.
އާމްދަނީގެ ގޮތުގައި މިނިސްޓްރީއަށް މިދިޔަ އަހަރު 468،883 ރުފިޔާ ލިބުނެވެ. އޭގެ ތެރެއިން 46 ޕަސެންޓަކީ މުވައްޒަފުންގެ އަތުން ގަޑި ލާރި ކެނޑުމުން އަދި ޖޫރިމަނާގެ ގޮތުގައި ލިބުނު ފައިސާ އެވެ. އެއީ 218،728 ރުފިޔާ އެވެ.
އަހަރީ ރިޕޯޓުން ދައްކާ ގޮތުގައި މުވައްޒަފުންގެ އަތުން މިނިސްޓްރީއަށް ލިބުނު ފައިސާ ކުލީގެ ގޮތުގައި ލިބުނު ފައިސާއަށް ވުރެ ވެސް ގިނަ އެވެ. ކުލީގެ ގޮތުގައި ލިބުނީ އެންމެ 164،305 ރުފިޔާ އެވެ. ދެން އެންމެ ގިނައިން ފައިސާ ލިބުނީ ހައްޖު އަދި އުމްރާ ރަޖިސްޓްރޭޝަންގެ ފީގެ ގޮތުގަ އެވެ. އެއީ 71،900 ރުފިޔާ އެވެ.
އޭގެ އިތުރުން ނީލަން ކިޔައިގެން 13،180 ރުފިޔާ އަދި ކަލަންޑަރާއި ސުވެނިއާ ފަދަ ތަކެތި ވިއްކައިގެން 770 ރުފިޔާ ލިބުނު ކަމަށް ވެސް އަހަރީ ރިޕޯޓުން ދައްކަ އެވެ.
މުވައްޒަފުންގެ އަތުން ގިނަ އަދަދެއްގެ ފައިސާ ލިބުނު އިރު، މިނިސްޓްރީގެ ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީ އިން މުވައްޒަފުންގެ 218 މައްސަލައެއް ބެލި އެވެ. އަދި މުވައްޒަފުންގެ ތެރެއިން ހަތަރު މީހަކު ވަނީ ވަޒީފާއިން ވަކިކޮށްފަ އެވެ. ހުރިހާ މުވައްޒަފުން ވެސް ވަޒީފާއިން ވަކިކޮށްފައި ވަނީ ސިވިލް ސާވިސްގެ ގަވާއިދާ ހިލާފުވެގެންނެވެ.
ވަޒީފާއިން ވަކި ކުރި މުވައްޒަފުން ހިމެނޭ ގޮތަށް ޖުމުލަ 10 މުވައްޒަފަކަށް އިސްލާމިކް މިނިސްޓްރީ އިން ވަނީ އިންޒާރު ނުވަތަ ނަސޭހަތް ދީފަ އެވެ.
އިސްލާމިކް މިނިސްޓްރީގައި މިދިޔަ އަހަރު 813 މުވައްޒަފުން ވަޒީފާ އަދާ ކުރި އެވެ. އޭގެ ތެރެއިން އެންމެ ގިނައީ އިމާމުންނެވެ. އެ މިނިސްޓްރީގައި 604 އިމާމުން ވަޒީފާ އަދާ ކުރެ އެވެ.
މިނިސްޓްރީގެ މުވައްޒަފުން
އަހަރީ ރިޕޯޓުން ދައްކާ ގޮތުގައި މުވައްޒަފުންގެ މުސާރަ އާއި އުޖޫރައަށް އިސްލާމިކް މިނިސްޓްރީ އިން ވަނީ 76.1 މިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ. އެކަމަކު އެއަށް ވުރެ ބޮޑީ މުވައްޒަފުންގެ އެލަވަންސަށް ދިޔަ ހަރަދެވެ. މުވައްޒަފުންގެ އެލަވަންސަށް 80.7 މިލިއަން ރުފިޔާ ހަރަދުވި އެވެ. އެހެންކަމުން މުސާރަ އާއި އެލަވަންސަށް 156.8 މިލިއަން ރުފިޔާ ހަރަދު ވި އެވެ.
އޭގެ އިތުރުން މުވައްޒަފުންގެ ޕެންޝަނަަށް ވެސް 3.7 މިލިއަން ރުފިޔާ ހަރަދުވި އެވެ.
އިސްލާމިކް މިނިސްޓްރީ އިން މިދިޔަ އަހަރު ހަރަދު ކުރި ޖުމްލަ ފައިސާގެ އަދަދަކީ 198.5 މިލިއަން ރުފިޔާ އެވެ. އެހެންކަމުން މިނިސްޓްރީގެ މުޅި ޖުމްލަ ހަރަދުގެ 78.9 ޕަސެންޓު ހަރަދު ކުރީ މުވައްޒަފުންނަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ