ހިޔާ ފްލެޓުތައް ކައިރީގައި ހުންނަ އާ ސްކޫލަށް ބަދަލުވާން ބޭނުންވާ ދަރިވަރުންގެ މައުލޫމާތު ހޯދަނީ ހިޔާ ފްލެޓުތައް ކައިރީގައި ހުންނަ އާ ސްކޫލަށް ބަދަލުވާން ބޭނުންވާ ދަރިވަރުންގެ މައުލޫމާތު ހޯދަނީ

ހުޅުމާލެ ދެވަނަ ފިޔަވަހީ, ހިޔާ ފްލެޓުތައް ހުންނަ ސަރަހައްދުގައި އިމާރާތްކުރަމުން އަންނަ ސްކޫލަށް ވަންނަން ބޭނުންވާ ދަރިވަރުންގެ މައުލޫމާތު ހޯދަން އެޑިއުކޭޝަނުން ފަށައިފި އެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އަދަދު ނޫހާ ވާހަކަދައްކަވަމުން ވިދާޅުވި ގޮތުގައި އަންނަ އަހަރު ހުޅުވުމަށް ހަމަޖެހިފައިވާ މި ސްކޫލަށް ވަންނަން ބޭނުންވާ ދަރިވަރުންގެ މައުލޫމާތު އެއްކުރަން ފެށީ މި މަހު އެކެއްގަ އެވެ.
މިހާރު އިމާރާތް ކުރުމުގެ މަސައްކަތް ކުރަމުންދާ މި ސްކޫލް ނިމޭއިރު އެއްދަންފަޅިއަށް 1،500 ދަރިވަރުންނަށް ކިޔަވައިދެވޭނެހެން 54 ކްލާސްރޫމުގެ ޖާގަ ހުންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ސްކޫލަށް ވަންނަން ބޭނުންވާ ކުދިންގެ އަދަދު އިތުރުވާނަމަ ދެ ދަންފަޅިއަށް ކިޔަވައިދޭން އެޑިއުކޭޝަނުން ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ގިނަ ދަރިވަރުން ތައުލީމު ހާސިލްކުރުމަށް މިހާރު މާލެއަށް އަދި ފުރަތަމަ ފިޔަވައްސަށް ދާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. މި ސްކޫލާއެކު އެކަމަށް ހައްލެއް ލިބޭނެ ކަމަށް ސަރުކާރުން ދެކެ އެވެ.
"ހުޅުމާލޭ ސްކޫލުތަކުން ޖާގަ ނުލިބިގެން މާލޭގެ ސްކޫލުތަކަށް 900 ވުރެ ގިނަ ދަރިވަރުން އާދޭ. ހުޅުމާލެ ފޭސް 2ގެ ސްކޫލުތަކުން ޖާގަ ނުލިބިގެން ފޭސް 1ގެ ސްކޫލުތަކުގައި 300 ދަރިވަރުން ތައުލީމު ހާސިލްކުރަމުންދޭ،" މިކަމާ ގުޅިގެން މިނިސްޓަރު ފޮނުއްވި މެސެޖުގައި ވިދާޅުވެފައިވެ އެވެ.
ދެވަނަ ފިޔަވަހީގެ އައު ސްކޫލަށް ވަންނަން ބޭނުންވާ ކުދިން ފޯމު ފުރުމުގެ ސުންގަޑިއަކީ ޖޫން، 15 އެވެ. ސްކޫލުގެ އެންރޯލްމަންޓް ޕްރޮޖެކްޝަން ހެދުމަށްފަހު، ދަންފަޅިތައް ތަރުތީބުކުރާނީ މިހާރު ލިބޭ މައުލޫމާތަށް ބިނާކޮށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ސްކޫލަށް ވަންނަން ބޭނުންވާ ދަރިވަރުން ހުށަހަޅަން ޖެހޭ ފޯމު އަދި މިކަމާ ގުޅޭ އިތުރު މައުލޫމާތު މިނިސްޓްރީން ލިބޭނެ ކަމަށް ވަޒީރު ވިދާޅުވި އެވެ.
ހުރިހާ ކްލާސްރޫމެއް އޭސީ ކޮށް ޒަމާނީ ވަސީލަތްތަކާއެކު ތަރައްގީކުރާ މި ސްކޫލު ނިމޭނެ ކަމަށް ސަރުކާރުން ލަފާކުރަނީ ނޮވެމްބަރުގެ ނިޔަލަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ