ފިލައިގެން އުޅެނިކޮށް ހޯދައި ފުރުވައިލަން އެއާޕޯޓަށް ފޮނުވި ދެ ބީދޭސީން އިމިގްރޭޝަންގެ އިހުމާލުން އަނެއްކާވެސް ފިލައިފި ފިލައިގެން އުޅެނިކޮށް ހޯދައި ފުރުވައިލަން އެއާޕޯޓަށް ފޮނުވި ދެ ބީދޭސީން އިމިގްރޭޝަންގެ އިހުމާލުން އަނެއްކާވެސް ފިލައިފި

ރާއްޖޭގައި މަސައްކަތް ކުރަން ގެނައި ދެ ބިދޭސީން ފިލައިގެން އުޅެނިކޮށް ހޯދައި، ފުލުހުންގެ އެހީތެރިކަމާއެކު ފުރުވައިލަން އެއާޕޯޓަށް ފޮނުވުމުން، އަނެއްކާވެސް ފިލައިފި އެވެ.
އެ ދެ މީހުން ރާއްޖެއަށް ގެނައި ކުންފުނިން ބުނީ އެމީހުން ދެވަނަ ފަހަރަށް ފިލީ އިމިގްރޭޝަންގެ އިހުމާލުން ކަމަށެވެ. ބަންގްލަދޭޝްއަށް ނިސްބަތްވާ އެ ދެމީހުން ރާއްޖެއަށް ގެނައީ ފަހާތަނެއްގައި މަސައްކަތް ކުރުމަށް މެއި 10، ގަ އެވެ.
އިމިގްރޭޝަނުގެ އިހުމާލުން ފިލާފައި ވަނީ ބިޝްވާސް ޖިއާއުރް ރަހްމާން، އާއި ޓާޓީ އެމްޑީ އާރިފް، އެވެ.
"އެމީހުން ރާއްޖެ ގެނައުމުގެ ކުރިން އިންޓަވިއު ކުރިއިރު، ބުނީ ފެހުމުގެ މަސައްކަތް ކުރަން އެނގެޔޭ، އެކަމަކު މިކޮޅަށް އައިސް މަސައްކަތް ހަވާލު ކުރީމަ އަސްލު މަސައްކަތް ކުރަން ނޭނގޭކަން އެނގުނީ، އެހެންވެ އަޅުގަނޑުމެން ނިންމީ އެމީހުން އަނބުރާ ފޮނުވައިލަން،" އެމީހުން ރާއްޖެ ގެނައި ވިޔަފާރި ހިންގާ މީހާ ބުންޏެވެ.
އޭނާ ބުނީ އެމީހުން އަނބުރާ ބަންގްލަދޭޝްއަށް ފޮނުވައިލުމުގެ މަސައްކަތް ކުރަން ފެށިކަން އެ ދެމީހުންނަށް އެނގުމާއެކު މެއި 13، ގައި މާލެ ތެރެއަށް އެމީހުން ފިލި ކަމަށެވެ.
"އެމީހުންނަށް މަސައްކަތް ނޭނގޭތީ އަނބުރާ ފޮނުވައިލާ ވާހަކަ ބުނީމަ ފިލީ، ފިލީމާ އެހެން ބޭރު މީހަކު ލައްވައި އެމީހުން އަނެއްކާ ގެނައީ ބަހައްޓައިދޭނަމޭ ކިޔާފައި، ގެނެސް އެމީހުންނަށް ނޭނގި ޓިކެޓު ނެގީ އަނބުރާ ފޮނުވައިލަން، ނަގާފައި ފުލުހުން ކައިރީ އެދުނީ އެހީތެރިކަން ފޯރުކޮށްދޭން، އެމީހުން ފުރުވައިލަން،" އޭނާ ބުންޏެވެ.
އޭނާ އެދުނު ގޮތަށް މެއި 21، ގައި ފުލުހުންގެ ބެލުމުގެ ދަށުގައި އެ ދެމީހުން ގެންގޮސް އެއާޕޯޓަށް ޗެކިން ކުރުވި ކަމަށް މި ނޫހާ ވާހަކަދެއްކި މީހާ ބުންޏެވެ. ނަމަވެސް އެމީހުން ފުރަން އޮތް ބޯޓަށް އެމީހުން އަރާފައި ނުވާތީ، އެމީހުންނާ ހަވާލުވާން އައުމަށް އެދި އިމިގްރޭޝަނުން ގުޅި ކަމަށް އޭނާ ބުންޏެވެ.
"އަޅުގަނޑުމެން ބުނިން އެމީހުން ފޮނުވައިލަދޭށޭ، ބޭނުމެއް ނޫނޭ މިކޮޅުގައި ބައިތިއްބާކަށް، ވީގޮތް ކިޔައިދިނިން، ދެން ބުނީ ހުޅުމާލޭގައި ހުންނަ ޑިޓެންޝަން ސެންޓަރަށް ގެންދާށޭ، އެތަނަށް ގުޅީމަ ބުނީ އެކޮޅަކަށް ނުގެންދެވޭނެޔޭ،" އޭނާ ބުންޏެވެ.
"ދެން ހަދާނެ ގޮތެއް ނޭނގިގެން ފުލުހުންގެ ތެރޭގައި އުޅޭ ރައްޓެއްސަކަށް ގުޅީމާ އޭނާ ގުޅައިދިނީ އިމިގްރޭޝަން ކޮންޓްރޯލަރަށް، ގުޅީމާ ބުނެފި އާނ އެކޭ ހުޅުމާލެ ޑިޓެންޝަނަށް ގެންދާށޭ، ބުނީމަ ދެން އެއާޕޯޓު ކޮޅަށް ގުޅީމަ ބުނީ އެ ނަން ކިޔާ މީހަކު އެތަނުގައެއް ނެތޭ، އެމީހުން ދޫކޮށްލައިފީމޭ،"
އެއަށްފަހު މިއަދާ ހަމައަށް ވެސް އެމީހުން ފެނިފައި ނުވާ ކަމަށް މި ނޫހާ ވާހަކަދެއްކި މީހާ ބުންޏެވެ. އޭނާ ބުނީ އެކަމުގެ ސަބަބުން ގެއްލުންތަކެއް ވަމުންދާ ކަމަށާއި އެ ދެމީހުން ފިލިކަމަށް އިމިގްރޭޝަންގެ ޕޯޓަލް މެދުވެރިކޮށް ވެސް މިހާރު ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
ނަމަވެސް އަދި އެއްވެސް ޖަވާބެއް ނުލިބޭ ކަމަށް އޭނާ ބުންޏެވެ.
"މިއަދާ ހަމައަށް ވެސް އެމީހުން ވީތަނެއް އަޅުގަނޑުމެންނަކަށް ނޭނގޭ، އަޅުގަނޑުމެންގެ ދެ ކޯޓާ ބްލޮކްވެފައި އެމީހުން ފިލައިގެން އުޅޭތީ. އިމިގްރޭޝަންގެ އިހުމާލުން އަޅުގަނޑުމެންނަށް މިވަނީ ވަރަށް ބޮޑު ގެއްލުމެއް،" އޭނާ ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ