ތިމާގެ މުޅި ހަޔާތުގެ އަމުރުވެރި ފަރާތަކީ އިސްލާމް ދީން ކަމުގައި ހެދުމަށް އީދު ހުތުބާގައި މިއަދު ގޮވާލައިފި އެވެ.
ވީ ކިހިނެއް؟ - މިއަދު ރާއްޖޭގެ މިސްކިތްތަކުގައި އިއްވި ހުތުބާގެ މައުލޫ ވަރަށް ބޮޑަށް ބިނާވެފައިވަނީ ދީނުގެ އުސޫލުތައް ހިފެހެއްޓުމާއި އެއްބައިވަންތަކަމުގެ މުހިންމުކަމުގެ މައްޗަށެވެ. އަދި ދަރިން ތަރުބިއްޔަތު ކުރުމާ ގުޅޭ ގޮތުން ވެސް އަލިއަޅުވާލާފައިވެ އެވެ.
ބުނީ ކީކޭ؟ - "ތިޔަ ބައިމީހުން މާތްﷲއަށް ބިރުވެތިވެ ތަގުވާވެރިވާށޭވެ! މި އީދުން އާ ސަފުހާއެއް ހުޅުވާލާ، ތިމާގެ މުޅި ހަޔާތުގެ އަމުރުވެރި ފަރާތަކީ އިސްލާމްދީންކަމުގައި ހަދާށޭވެ! އެއިރުން މުސްލިމުން އިއްޒަތްތެރި ބަޔަކަށް ވާނެ އެވެ."
"އިއްޒަތާއި ގަދަރު ހާސިލުކުރެވޭނީ، ދީނުގެ އަސާސުތަކުގައި ހިފައިގެން، ބައިބައިނުވެ، އުންމަތުގެ މަސްލަހަތުތައް ހާސިލުކުރުމަށްޓަކައި އެއްގަލަކަށް އައިގެންނެވެ. މުސްލިމުންނަށް ލިބިފައިވާ ކާމިޔާބުތަކުގެ ސަބަބަކަށްވެފައިވަނީ އެބައިމީހުންގެ އެއްބައިވަންތަކެމެވެ."
ތަފްސީލު - އެއްބައިވަތްވުމުގެ މުހިންމުކަމާ ގުޅޭ ގޮތުން މާތް މާﷲގެ ވަހީބަސްފުޅަކާ ހަވާލާދީ ހުތުބާގައި ބުނީ،" ﷲއަށާއި އެކަނލާންގެ ރަސޫލާއަށް ތިޔަބައިމީހުން ކިޔަމަންވާށެވެ. އަދި ތިޔަބައިމީހުން ދެބަސްވެ އަރައިރުން ނުވާށެވެ. ދެބަސްވެ އައިރުންވާނަމަ، ތިޔަބައިމީހުން ފިނޑިވެ، ބާރުނެތި ހިނގައިދާނެ" ކަމަށެވެ.
ހުތުބާގައި އިތުރަށް ބުނި ގޮތުގައި މިއަދު ފާހަގަ ކުރާ އީދުގެ އަސްލު ސަބަބުކަމުގައިވާ ހައްޖުގެ އަޅުކަން ހަނދާންކޮށްދެނީ، ނަބީބޭކަލުންގެ ބަފައިކަލު އިބްރާހިމް އަލައިހިއްސަލާމްގެ ވާހަކަތަކެވެ. އެގޮތުން:
އެ ކަލޭގެފާނާއި އެ ކަލޭގެފާނުގެ ދަރިކަލުން އިސްމާއިލްގެފާނު ގެފުޅުގެ ބިންގަލުގެ މަތީގައި ގެފުޅު އަލުން ބިނާކުރެއްވި މަތިވެރި ޒިކުރާ
މާތްﷲއަށްޓަކައި އިބްރާހިމްގެފާނު ވަތަން ދޫކުރައްވައި ހިޖުރަކުރި ވާހަކަ
އިބްރާހިމްގެފާނު މުސްކުޅިފުޅުވީ ދުވަހު ލިބިވަޑައިގަތް އެ ލޮބުވެތި ދަރިކަލުން ގުރުބާންކުރެއްވުމަށް މާތްﷲ ކުރެއްވެވި އަމުރުފުޅަށް އިޖާބަދެއްވުން
އެގޮތަށް މާތްﷲ އަމުރުކުރެއްވީ އިމްތިހާނެއްގެ ގޮތުގައި؛ ދެބައިފައިން ވެސް އެ އިމްތިހާނުން ފާސްވި
"މި އީދުގައި އުލްހިޔާ ކަތިލުން ޝަރްއުކުރެވިފައި ވަނީ މިހެންވެގެން،" ހުތުބާގައި ބުންޏެވެ.
އިބްރާހިމްގެފާނުގެ ދަރިކަލުން، އިސްމާއިލްގެފާނު ދެއްކެވި ކިޔަމަންތެރިކަން ހުތުބާގައި ފާހަގަ ކުރި ގޮތުގައި އަހަރެމެން ޒުވާނުންނަށް ހެޔޮ ނަމޫނާއެއްގެ ގޮތުގަ އެވެ. އަދި މައިންބަފައިންނަށް ދަރިން ކިޔަމަންގަންނާން ޖެހޭ މިންވަރުގެ ދިރި ހުރި މިސާލެއްގެ ގޮތުގައި ސިފަކޮށްފައިވެ އެވެ.
"އިސްމާއިލްގެފާނަށް ލިބިވަޑައިގެންފައިވާ ތަރުބިއްޔަތުގެ ރަނގަޅުކަމާއި ހެޔޮކަމެވެ. މިއަދު އަހަރެމެން ދަރީން މައިންބަފައިންނަށް ނުކިޔަމަންތެރިވެ ބަސް ނާހާ ވާހަކަ އަޑު އިވެ އެވެ. އަހަރެމެން ދަރިން ހެޔޮލަފާ، ކިޔަމަންތެރި ބަޔަކަށް ހަދާން މަސައްކަތް ކުރުމަކީ އެންމެންގެ މަސްއޫލިއްޔަތެކަމުގައި ހަދާށޭވެ!" ހުތުބާގައި ބުންޏެވެ.
ދެބަފައިން ދެއްކެވި ގުރުބާނީގެ ނަމޫނާއިން އިބްރަތް ހާސިލު ކުރަން ޖެހޭކަން ފާހަގަކޮށް، ހުތުބާގައި ބުނި ގޮތުގައި އެ ހާދިސާއަކީ "ކިޔަމަންތެރިވުމާއި ކެތްތެރިކަމުގެ ވެސް ދަރުސެއް" ކަމަށެވެ.
"އިސްލާމީ އުންމަތް ނިކަމެތިވުމުގެ އެންމެ ބޮޑު ސަބަބަކީ، މާތްﷲ އާއި އެކަލާންގެ ރަސޫލާގެ އެންގެވުންތަކާ ދުރުހެލިވުމެވެ. ވެރީންނާއި މައިންބަފައިންނާއި ބޮޑުންގެ ބަސް ނޭހުމެވެ." ހުތުބާގައި ބުންޏެވެ.
ހަޔާތުގެ އަމުރުވެރި ފަރާތަކީ އިސްލާމްދީން ކަމުގައި ހަދާ: އީދު ހުތުބާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ