ދެވަނަ ލެގުން ބަލިވިޔަސް ޕީއެސްޖީ ވެސް ޗެމްޕިއަންސް ލީގުގެ ސެމީއަށް
ދެވަނަ ލެގުން ބަލިވި ނަމަވެސް ޔުއޭފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން ޕެރިސް ސެއިންޓް ޖާމެއިން ޖާގަ ހޯދައިފިއެވެ. މި މުބާރާތުގެ ސެމީ ފައިނަލުން ޕީއެސްޖީން ޖާގަ ހޯދީ ކުއާޓާ ފައިނަލްގައި އެސްޓަން ވިލާއާ ބައްދަލުކޮށް 5-4ގެ އެގްރިގޭޓް ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. ދެ ޓީމުގެ މެދުގައި ކުޅުނު ފުރަތަމަ ލެގު ޕީއެސްޖީގެ ދަނޑުގައި ކުޅެ 3-1 އިން ކާމިޔާބުކުރީ ޕީއެސްޖީންނެވެ. އެހެންވެ، ރޭ ކުޅުނު ދެވަނަ ލެގަށް ދެ ޓީމުން ނުކުތްއިރު ވިލާއިން ސެމީ ފައިނަލްގެ ޖާގައެއް ހޯދަން ބޭނުންނަމަ ތިން ލަނޑުގެ ތަފާތުން މޮޅުވެ، އިތުރު ވަގުތަށް ގެއްދަން ބޭނުންނަމަ ދެ ލަނޑުގެ ތަފާތަކުން މޮޅުވުން އޮތީ މަޖުބޫރުވެފައެވެ. ނަމަވެސް، ރޭ ކުޅުނު ދެވަނަ ލެގު ވިލާއަށް ކާމިޔާބުކުރެވޭ ވަރުވީ 3-2 އިންނެވެ. ދެވަނަ ލެގު ވިލާއިން ފެށީ ވަރަށް ފޯރީގައެވެ. ރެފްރީގެ ކަށިގަނޑާއެކު ވިލާއިން ޕީއެސްޖީގެ ގޯލަށް ނުރައްކާ ކުރަން ފެށިއެވެ. ޕީއެސްޖީން މި ވަގުތުކޮޅުގެ ތެރޭގައި ފެންނަނީ ވިލާގެ ހަމަލާތައް ދިފާއުކުރުމުގައި އުޅުނު ތަނެވެ. ނަމަވެސް، ވިލާއިން ކުރި އަރާ ލަނޑެއް ޖެހޭތޯ މަސައްކަތްކުރުމުގެ ފައިދާ ނަގައި ޕީއެސްޖީން އުފެއްދި ކައުންޓާ އެޓޭކެއްގައި އެ ޓީމުން ވަނީ މެޗުގެ ލީޑު ނަގައި ވިލާއަށް ސިހުން ގެނުވާފައެވެ. މި ލަނޑު 11 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަޝްރަފް ހަކީމީއެވެ. މެޗުގެ 27 ވަނަ މިނެޓުގައި ޕީއެސްޖީން ދެވަނަ ލަނޑެއް ކާމިޔާބުކޮށް، އެގްރިގޭޓް ނަތީޖާ 5-1 އަށް ބަދަލުކޮށްލުމުން މެޗު ފަސޭހަކަމާ އެކު ޕީއެސްޖީން ކާމިޔާބުކޮށްފާނެކަމަށް ބެލެވުނެވެ. އެ ޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ނޫނޯ މެންޑޭޒެވެ. ނަމަވެސް، ވިލާއިން ހިތްވަރު އެލުވައިނުލާ ކުޅުމުގެ ނަތީޖާއަކަށްވީ 34 ވަނަ މިނެޓުގައި ވިލާގެ ފުރަތަމަ ލަނޑު ކާމިޔާބުކުރުމެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ ޔޫރީ ޓިއެލެމަންސްއެވެ. މެޗުގެ 55 ވަނަ މިނެޓުގައި ކެޕްޓަން ޖޯން މެކްގިން ކާމިޔާބުކޮށްދިންއިރު މެޗުގެ ލީޑު ނެގި ތިންވަނަ ލަނޑު އޭގެ ދެ މިނެޓް ފަހުން ކާމިޔާބުކޮށްދިނީ ޑިފެންޑާ އެޒްރީ ކޮންސާއެވެ. މި ދެ ލަނޑު ކާމިޔާބުކުރިއިރު މެޗުގައި ބާކީ 30 މިނެޓް އޮތުމާ އެކު އިތުރު ލަނޑުތަކެއް ފެންނާނެ ކަމަށް ބެލެވުނު ނަމަވެސް ވިލާއިން ކުރި މަސައްކަތުގެ އެންމެ ބޮޑު ހުރަހަކަށްވީ ޕީއެސްޖީގެ ކީޕަރު ޖިއާންލުއިޖީ ޑޮނަރޫމާއެވެ. މި ކާމިޔާބީއާ އެކު ޕީއެސްޖީން މުބާރާތުގެ ސެމީ ފައިނަލުން ޖާގައެއް ހޯދާފައިވާއިރު ސެމީ ފައިނަލްގައި އެ ޓީމު ބައްދަލުކުރާނީ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑާއި އާސެނަލް ބައްދަލުކުރާ ކުއާޓާ ފައިނަލުން ކުރި ހޯދާ ޓީމަކާއެވެ. ދެ ޓީމުގެ މެދުގައި އާސެނަލްގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގު 3-0 އިން ކާމިޔާބުކޮށްފައިވަނީ އާސެނަލުންނެވެ. އެހެންވެ، މިރޭ ރެއާލްގެ ދަނޑުގައި ކުޅޭ ދެވަނަ ލެގުގައި ރެއާލަށް މި ޖެހެނީ ތިން ލަނޑުގެ ތަފާތު ދުއްވާލާ މެޗު ކާމިޔާބުކުރާށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ