މަސްޖިދުއްނަބަވީގެ އިމާމު ސަލާހުލް ބުދައިރު ރާއްޖެ ވަޑައިގެންފި

މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު ރަސްމީ ދަތުރުފުޅެއްގައި މިއަދު މެންދުރު ރާއްޖެ ވަޑައިގަންނަވައިފި އެވެ.ސަރުކާރުގެ ދައުވަތަކަށް އިމާމް ބުދައިރު މިއަދު ރާއްޖެ ވަޑައިގެންވުމާ އެކު އޭނާއަށް މަރުހަބާ ވިދާޅުވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ބައެއް ވެރިންނެވެ.މުސްލިމުންގެ ދެ ހަރަމްފުޅުންގެ ތެރެއިން ހަރަމްފުޅެއްގެ އިމާމް ރާއްޖެ ވަޑައިގެންނެވުން ސަރުކާރުން ސިފަ ކުރަނީ ވަރަށް އުފާވެރި އަދި ފަހުރުވެރި މުނާސަބާއެއްގެ ގޮތުގަ އެވެ.މި ދަތުރުފުޅުގައި އެމަނިކުފާނު ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.މީގެއިތުރުން މި ދަތުރުފުޅުގައި އިސްލާމިކް މިނިސްޓަރު ޝަހީމްއާ ބައްދަލުކުރެއްވުމާއި، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖީލީހާ ބައްދަލުކުރައްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އަދި ޒުވާން ހަތީބުންނާއި ހާފިޒުންނާއި އިމާމުންނާ ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.އަދި ރާއްޖޭގެ ދީނީ އިލްމުވެރިންނާއި ބައްދަލުކުރެއްވުމާއި ކީރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒާއި އަމިއްލަ މުއައްސަސާތަކުގައި ގުރުއާން ހިތުދަސްކުރާ ދަރިވަރުންނާއި ބައްދަލުކުރައްވާ ގޮތަށްވެސް ވަނީ ހަމަޖެހިފަ އެވެ. ހަމައެއާއެކު ސައުދީ ރަސްގެފާނުގެ ހިލޭއެހީގައި ބިނާ ކުރައްވާފައިވާ ސަލްމާން ރަސްގެފާނު މިސްކިތަށްވެސް ރަސްމީ ޒިޔާރަތެއް ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.އޭގެއިތުރަށް އަންނަ ބުދަ ދުވަހުގެރޭ ސަލްމާނު މިސްކިތުގައި އިމާމުވެ މަގްރިބް ނަމާދާއި އިޝާ ނަމާދު ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އަދި އަންނަ ބުރާސްފަތި ދުވަހުގެ ރޭ އިސްލާމީ މަރުކަޒުގައި އިމާމުވެ އިޝާ ނަމާދު ކުރައްވާނީވެސް ޝައިހު ޑރ. ސަލާހު އެވެ.އިޝާ ނަމާދަށްފަހު ހާއްސަ ދަރުހެއް ދިނުމަށް ހަމަޖެހިފައިވާ އިރު، އަންނަ ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރުކުރައްވާނީ ޑރ. ސަލާހެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ