ރައީސް މުއިއްޒު އިނގިރޭސިވިލާތަށް ކުރެއްވި ދަތުރަށް އަމިއްލަ ކުންފުންޏަކުން ހަރަދުކޮށްފި ރައީސް މުއިއްޒު އިނގިރޭސިވިލާތަށް ކުރެއްވި ދަތުރަށް އަމިއްލަ ކުންފުންޏަކުން ހަރަދުކޮށްފި

ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު އިނގިރޭސިވިލާތަށް ކުރެއްވި ދަތުރަށް އަމިއްލަ ކުންފުންޏަކުން ހަރަދު ކުރި ކަމަށް އެމަނިކުފާނު މިއަދު ވިދާޅުވެއްޖެ އެވެ.
މި ހިނގާ އޭޕްރީލް 1، އިން އޭޕްރީލް 5، އަށް ކުރެއްވި ދަތުރަށް އަމިއްލަ ކުންފުންޏަކުން ހަރަދު ކުރި ކަމަށް ރައީސް ވިދާޅުވީ އެމަނިކުފާނު ކޮންމެ ހަފުތާއަކު ވެސް ގެނެސްދޭ ޕޮޑްކާސްޓުގަ އެވެ. ނަަމަވެސް ރައީސްގެ ދަތުރަށް ހަރަދު ކުރީ ކޮން ކުންފުންޏަކުން ކަމެއް އެމަނިކުފާނު ވިދާޅެއްނުވެ އެވެ.
"މި ދަތުރަށް އަޅުގަނޑުމެން ނުކުރަން މާ ބޮޑު ހަރަދެއް އިނގޭތޯ ސަރުކާރުންނެއް. ޕްރައިވެޓް ސެކްޓާ ސްޕޮންސާޝިޕްގައި ގާތްގަނޑަކަށް މުޅި ދަތުރުގެ ހުރިހާ ކަމެއް ކޮށްފައި ވަނީ. މިހާރު ތަފްސީލުތައް ވާނީ ރަސްމީކޮށް ރައީސް އޮފީހުން ހާމަކޮށްފައި. ދޮޅު ލައްކައެއްހާ ރުފިޔާ މި ދަތުރަށް ހަރަދުވީ. އެއީ އަޅުގަނޑުގެ ޓިކެޓަށް ދިޔަ އެއްޗެއް. އެހެން ހުރިހާ އެންމެންނާއި، މުޅި ހަރަދު، ހުރިހާ އެންމެންގެ ޓިކެޓާއި، ހުރުމާއި، ޖުމުލަކޮށް ކުރި ހުރިހާ ކަމެއް ޕްރައިވެޓް ސެކްޓާ ފަންޑިންގެ ތެރެއިން ސްޕޮންސާޝިޕްގެ ތެރެއިން ހަމަޖެއްސީ. އެއީ ކުރިން ވެސް ރޭވި ގޮތް އެގޮތަށް އެކަން ކުރީ،" ރައީސް ވިދާޅުވި އެވެ.
ރާއްޖެ އިސްތިހާރު ކުރަން ލިވަޕޫލް ފުޓުބޯޅަ ކްލަބާއެކު ހެދި އެއްބަސްވުން އިފުތިތާހު ކުރައްވަން ކަމަށް ވިދާޅުވެ ރައީސް އިނިގިރޭސިވިލާތަށް ކުރެއްވި ދަތުރަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވެސް ހަރަދު ކުރި އެވެ. އެ އޮފީހުން މިއަދު އާންމު ކުރި ލިޔުމެއްގައި ބުނީ ރައީސްގެ ދަތުރަށް އެ އޮފީހުން ހަރަދު ކުރީ އެންމެ 153،689 ރުފިޔާ ކަމަށެވެ.
ރައީސްގެ ދަތުރަށް އަމިއްލަ ކުންފުންޏަކުން ހަރަދުކޮށްފައި މި ވަނީ ކޮން އުސޫލަކުން، ކޮން އެއްބަސްވުމެއްގެ ދަށުން ކަމެއް ނޭނގެ އެވެ. އަދި ހަރަދު ކުރި ކުންފުންޏާއި ސަރުކާރާ ދެމެދު އޮންނަ ގުޅުމެއް ވެސް ނޭނގެ އެވެ. އެ ބުނާ ކުންފުންޏަކުން ހަރަދު ކުރީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް ވެސް ނޭނގެ އެވެ.
ރައީސް ކުރައްވާ ރަސްމީ ދަތުރުތަކަށް ދައުލަތުން ހަރަދު ކުރަންޖެހެ އެވެ.
ކޮރަޕްޝަން ހުއްޓުވުމާއި މަނާ ކުރުމާ ބެހޭ ގާނޫނުގެ 16 ވަނަ ހ. ގައި ބުނެފައި ވަނީ "ދައުލަތުން ކަމަކަށް އެދިގެން އުޅޭ މީހެއްގެ ކިބައިން، ނުވަތަ ދައުލަތާ ގުޅިގެން ނުވަތަ ބައިވެރިވެގެން ކަމެއް ކުރާ ނުވަތަ ކުރަންއުޅޭ މީހެއްގެ ކިބައިން، އެކަމާބެހޭ ދައުލަތުގެ މުވައްޒަފަކު، ނުވަތަ މުވައްޒަފެއްގެ އަންބަކު، ނުވަތަ ފިރިއަކު، އެއްވެސްބާވަތެއްގެ އަމިއްލަކަމެއް ކޮށްދިނުމަށް އެދުމަކީ، ނުވަތަ އެފަދަ މީހަކު ލައްވާ އަމިއްލަކަމެއް ކުރުވުމަކީ، ކުށެއް" ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ