ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންގެ ޕާސްޕޯޓު ދޫކޮށްލަން ހައި ކޯޓުން އަމުރުކޮށްފައި ވަނިކޮށް، ކްރިމިނަލް ކޯޓުގެ އާ އަމުރެއްގެ ދަށުން އޭނާގެ ޕާސްޕޯޓު އަނެއްކާވެސް ހިފަހައްޓައިފި އެވެ.
ވީ ކިހިނެއް؟ - - ކުރީގެ ސަރުކާރުން ހިންގި 'ބިންވެރިޔާ' ސްކީމާއި 'ގެދޮރުވެރިޔާ' ސްކީމްގެ ތެރެއިން ކޮރަޕްޝަންގެ ކަންކަން ހިންގި ކަމަށް ބުނާ މައްސަލައިގައި އަކްރަމްގެ ޕާސްޕޯޓު އަލުން ހިފެހެއްޓީ، އޭނާ މިއަދު 'ދައުރު'އަށް ވިދާޅުވި ގޮތުގައި، މިދިޔަ މަހު 21ގަ އެވެ.
މިކަމާ ގުޅިގެން އޭނާ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އައްބާސް ޝަރީފަށް ފޮނުއްވި ސިޓީ އާއި އެ އޮފީހުން ދިން ޖަވާބު މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި އަކްރަމް ވަނީ ހާމަ ކުރައްވާފަ އެވެ.
ތަފްސީލު - އަކްރަމްގެ ޕާސްޕޯޓު ހިފެހެއްޓި އަމުރު ހައި ކޯޓުން ބާތިލު ކުރީ މިދިޔަ 29 އެޕްރީލްގަ އެވެ. ހައި ކޯޓުގެ ހުކުމްގައި ބުނެފައިވާ ގޮތުން އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރު ކްރިމިނަލް ކޯޓުން ނެރުނީ ޝަރުއީ އަދި ގާނޫނީ ހަމަތަކާ ހިލާފަށް ކަމަށެވެ.
އަކްރަމް ޕީޖީއަށް ފޮނުއްވި ސިޓީގައި ވިދާޅުވީ:
ޕާސްޕޯޓު މީގެ ކުރިން ހިފެހެއްޓީ ރަނގަޅަށް ނޫން ކަމަށް ހައި ކޯޓުން ކަނޑައެޅި އަމުރު ދައުލަތުގެ ފަރާތުން އިސްތިއުނާފްކޮށްފައެއް ނުވޭ؛ އެހެންކަމުން، ހައި ކޯޓުގެ ހުކުމަކީ މިހާރު ނިހާއީ ސިފައެއް ލިބިގެންވާ ހުކުމެއް
ނަމަވެސް އެ ހުކުމްގެ ފަހުން، އެ ހުކުމުގެ ބާރު ކެނޑިގެންދާނެ ގޮތަށް އަނެއްކާވެސް ހަމަ އެއް މައްސަލައެއްގައި އެއް ސަބަބެއްގެ މައްޗަށް 30 ދުވަހުގެ މުއްދަތަށް ކްރިމިނަލް ކޯޓުގެ އާ އަމުރެއްގެ ދަށުން ޕާސްޕޯޓު ވަނީ ހިފަހައްޓާފައި
ހައި ކޯޓުގެ ހުކުމް އިސްތިއުނާފް ނުކުރުމަށް އައްބާސް ނިންމަވާފައި ވަނިކޮށް، އެ ނިންމުމަށް ވެސް ގޮންޖަހާލައި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ޕާސްޕޯޓު ހިފެހެއްޓުމަށް އެދުމަކީ ޕީޖީގެ ބާރުތަކަށް ވެސް ކުޑައިމީސްކުރުން
އެހެންވެ، އޭނާ ޕީޖީގެ އަރިހުގައި އެދިވަޑައިގަތީ އަލުން ޕާސްޕޯޓު ހިފެހެއްޓުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލުކޮށްދިނުމަށް ކޯޓަށް ހުށަހަޅައިދެއްވުމަަށެވެ. ނުވަތަ އެކަން ކުރުމަށް އޭސީސީގެ މައްޗަށް އަމުރުކޮށްދެއްވުމަަށެވެ.
އަކްރަމްގެ ސިޓީއާ ގުޅިގެން ޕީޖީ އޮފީހުން މިއަދު ފޮނުވި ޖަވާބު ސިޓީގައި ބުނީ:
އަކްރަމް ފުރުން މަނާ ކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރަށް ބަދަލު ގެންނަން ޖެހޭ ފަދަ ސަބަބެއް އޭނާ ހުށަހަޅުއްވާފައެއް ނެތް
ހައި ކޯޓުން ބާތިލުކޮށްފައިވަނީ ކްރިމިނަލް ކޯޓުގެ ވަކި އަމުރެއް
ކްރިމިނަލް ކޯޓުން ނެރޭ އަމުރެއް ގާނޫނާއި ގަވައިދާ ހިލާފު ކަމަށް ފެންނަ ނަމަ، އަކްރަމްއަށް އެ އަމުރު މުރާޖައާކޮށްދިނުމަށް އެދިވަޑައިގެން ހުށަހެޅުއްވުމުގެ ފުރުސަތާއި އިސްތިއުނާފް ކުރުމުގެ ފުރުސަތު އޮންނާނެ
އޭގެ އިތުރުން، ވަކި ހާއްސަ ހާލަތްތަކާ ގުޅިގެން ފުރުމުގެ ހާއްސަ ހުއްދައަކަށް އެދިވަޑައިގަންނަވާ ނަމަ، ކަމާ ގުޅުންހުރި ލިޔުންތަކާ އެކު އެ ކަމެއް ހުށަހެޅުއްވުމުން އެއީ އެކަށީގެންވާ ސަބަބެއް ނަމަ އެކަމާ މެދު ޕީޖީ އޮފީހުން ގޮތެއް ނިންމާނެ
ޕީޖީ އޮފީހުން ދިން ޖަވާބާ ގުޅިގެން އަކްރަމްގެ ޕޯސްޓުގައި އޭނާ ވިދާޅުވީ އައްބާސްއަކީ "އެއްވެސް ކަހަލަ އިންސާފުވެރިކަމެއް ނެތް، އެއްވެސް މިނިވަންކަމެއް ނެތް ބޭފުޅެއް" ކަމަށެވެ.
"އެ މަނިކުފާނަކީ [ރައީސް މުއިއްޒު]ގެ ޓައިޕްރައިޓާއެއް، ޕަޕެޓެއްކަން އަޅުގަޑުގެ ޕާސްޕޯޓް ކްރިމިނަލް ކޯޓުން އަލުން ހިފެހެއްޓުމާ ގުޅިގެން އެ މަނިކުފާނަށް އަޅުގަނޑު ފޮނުވި ސިޓީއަށް ދެއްވި ޖަވާބުން ސާބިތުވެގެންދޭ،" އަކްރަމްގެ ޕޯސްޓުގައި އޭނާ ވިދާޅުވި އެވެ.
ފާހަގަކޮށްލެވޭ ކަމެއް - މިދިޔަ މަހު 21 އިން ފެށިގެން އަކްރަމްގެ ޕޯސްޓު ހިފަހައްޓާފައި ވާއިރު، އޭސީސީން މިއަދު ބުނި ގޮތުގައި އަކްރަމް ހިމެނޭހެން ހަތަރު މީހެއްގެ މައްޗަށް މި މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ވަނީ ފޮނުވާފަ އެވެ.
އާ އަމުރެއްގެ ދަށުން އަކްރަމްގެ ޕާސްޕޯޓު ހިފަހައްޓައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ