އިތުރުގަޑީގެ ފައިސާ ނުދީ ސިއްހީ ޚިދުމަތްތެރިން ލައްވާ މަސައްކަތް ނުކުރުވުމަށް ގޮވާލައިފި
ސިއްހީ ޚިދުމަތްތެރިން އިތުރު ގަޑީގައި ކުރާ މަސައްކަތަށް ފައިސާ ދޭން ފެށުމަށް މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލް ޔޫނިއަން (އެމްއެޗްޕީޔޫ)އިން އިއްޔެ ގޮވާލައިފިއެވެ. އެ ޔޫނިއަންއިން ނެރެފައިވާ ބަޔާނެއްގައި ވަނީ، ހެލްތު މިނިސްޓްރީއާއި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގައި މަސައްކަތް ކުރާ ސިއްހީ ޚިދުމަތްތެރިންގެ ތެރެއިން، ސިއްހީ ދާއިރާގެ ޕޭ ފްރޭމް ވޯކަށް ހިޖުރަކޮށްފައިވާ ޚިދުމަތްތެރިން ލައްވާ އިތުރު ގަޑީގެ ފައިސާ ހަމައަށް ނުދީ މަސައްކަތް ކުރުވާ ކަމަށެވެ. އެކަމާ ކަންބޮޑުވުން ފާޅުކޮށް، އެ ޔޫނިއަންއިން ބުނީ ސިއްހީ ޚިދުމަތްތެރިންގެ އަދަދު މަދުވުމުން ރަސްމީ ގަޑީގެ އިތުރަށް ގިނަ ވަގުތުތަކެއް ހޭދަކުރަން ޖެހޭ ކަމަށެވެ. ޑޮކްޓަރެއް އޮަޕަރޭޝަނެއް ކުރަނީ -- ފޮޓޯ: އައިޖީއެމްއެޗް އެގޮތުން، ސަރުކާރުގެ އައު ޕޭ ފްރޭމްވޯކްގައި ކަނޑައަޅާފައިވާ 10 ޕަސެންޓަށް ވުރެ އިތުރަށް ސިއްހީ ޚިދުމަތްތެރިން މަސައްކަތް ކުރަން ޖެހޭ ކަމަށް އެމްއެޗްޕީޔޫ އިން ބުނެފައިވެއެވެ. ނަމަވެސް، އިތުރު ގަޑީގެ ފައިސާ ނުދޭ ކަމަށް އެ ޔޫނިއަން އިން ވަނީ ބުނެފައެވެ. ވަޒީފާއާ ބެހޭ ގާނޫނާ ޚިލާފަށް ހެދޭ ކޮންމެ ގަވައިދެއް، އުސޫލެެއް، އަދި ކޮންމެ މިންގަނޑެއް ވާނީ ބާތިލު އެއްޗެއް ކަމުގައި ވަޒީފާއާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައި ވީހިނދު، ވަޒީފާއާ ބެހޭ ގާނޫނުގައި ކަނޑައަޅާފައިވާ ގޮތުން މަތިން އިތުރު ގަޑީގެ ފައިސާ ލިބިނުދެވޭ ގޮތަށް ދައުލަތުގެ އައު ފްރޭމްވޯކްގެ އޯޓީއާ ގުޅޭ މިންގަނޑު ހެދުމަކީ ވަޒީފާއާ ބެހޭ ގާނޫނާ ޚިލާފު ކަމެއް ކަމުގައި މި ޔޫނިއަންއިން ދެކެމެވެ.މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލް ޔޫނިއަން (އެމްއެޗްޕީޔޫ) އެ ޔޫނިއަން އިން ގަބޫލުކުރާ ގޮތުގައި، އޯޓީ ނުދޭނަމަ، އައު ފްރޭމް ވޯކްގައި ކަނޑައަޅާފައިވާ ދިހަ ޕަސެންޓަށް ވުރެ އިތުރަށް ޚިދުމަތްތެރިން މަސައްކަތް ކުރާކަށް ނުޖެހޭނެއެވެ. އެނޫން ގޮތަކަށް މަސައްކަތް ކުރުން ވާނީ ގާނޫނުގައި ކަނޑައަޅާފައިވާ 'އޫޖުރަ ނުދީ މަޖުބޫރު މަސައްކަތް ކުރުވުން' ކަމަށް އެ ޔޫނިއަން އިން ވަނީ ބުނެފައެވެ. މި މައްސަލައާ ގުޅިގެން އެ ޔޫނިއަން އިން ވަނީ ވަޒީފާއާ ބެހޭ ގާނޫނާ އެއްގޮތަށް އިތުރު ގަޑީގެ ފައިސާ ވީ އެންމެ އަވަހަކަށް ސިއްހީ ޚިދުމަތްތެރިންނަށް ދޭން ފެށުމަށާއި މެެއި އެކެއް، 2023އިން ފެށިގެން 'މަޖުބޫރުން' ކުރުވާފައިވާ މަސައްކަތުގެ ފައިސާ ގަވައިދުން ދިނުމަށް ސަރުކާރަށް ގޮވާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ