ޗެމްޕިއަންސް ލީގު ފައިނަލްގެ ފަހު ޖާގަ ޕީއެސްޖީއިން ކަށަވަރު ކޮށްފި

ޔުއޭފާ ޗެމްޕިއަންސް ލީގުގެ ފައިނަލްގެ ފަހު ޖާގަ ޕެރިސް ސެއިންޓް ޖާމެއިން(ޕީއެސްޖީ) އިން ކަށަވަރު ކޮށްފިއެވެ. މި މުބާރާތުގެ ފައިނަލްގެ ޖާގައެއް ޕީއެސްޖީއިން ކަށަވަރު ކޮށްފައިވަނީ ސެމީ ފައިނަލްގައި އާސެނަލް އާ ބައްދަލުކޮށް ތިން ލަނޑު, އެއް ލަނޑުގެ އެގްރިގޭޓް ނަތީޖާ އަކުން ކުރި ހޯދައިގެންނެވެ. މި ދެ ޓީމުގެ މެދުގައި އާސެނަލްގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގު އެއް ލަނޑު ސުން ލަނޑުން ޕީއެސްޖީ ކާމިޔާބު ކުރިއިރު އަމިއްލަ ދަނޑުގައި ކުޅުނު ދެވަނަ ލެގު އެ ޓީމުން ކާމިޔާބު ކޮށްފައިވަނީ ދެ ލަނޑު އެއް ލަނޑުންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ ދެވަނަ ލެގުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައި ވަނީ އާސެނަލްއިންނެވެ. އަދި މި މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅު އާސެނަލްއަށް މެޗުގެ ލީޑު ނުނެގުނީ ޕީއެސްޖީގެ ކީޕާ ޖިއާންލުއިޖީ ޑޮނަރޫމާގެ ހުޝިޔާރު ކަމުންނެވެ. ޑޮނަރޫމާ ވަނީ މި ފަހަރުގެ ޗެމްޕިއަންސް ލީގުގައި އޭނާ ދައްކަމުންދާ މޮޅު ކުޅުން މިމެޗުގައި ވެސް ތަކުރާރު ކޮށްފައެވެ. މި ގޮތުން މެޗުގެ ކުރީކޮޅު ގެބްރިއެލް މާޓިނެއްލީ އާއި މާޓިން އޮޑެގާޑް ފޮނުވާލު ނުރައްކާތެރު ދެ ހަމަލާ ޑޮނަރޫމާވަނީ ދިފާއު ކޮށްފައެވެ. މި މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 27 ވަނަ މިނެޓުގައި ކާމިޔާބު ކޮށް މެޗުގެ ލީޑު ނަގައިފާވަނީ ޕީއެސްޖީއިންނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އެ ޓީމަށް ލިބިގެންދިޔަ ހިލޭ ޖެހުމެއް އާސެނަލްގެ ޑިފެންސްއިން ދިފާއުކުރި ބޯޅައެއް ގޯލް ތެރެއަށް ފޮނުވާލައިގެން ފަބިއަން ރުއިޒްއެވެ. މި މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ޕީއެސްޖީއަށް މެޗުގެ ލީޑު ފުޅާކުރާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ނަމަވެސް އާސެނަލްގެ މައިލްސް ލުއިސް ސްކެލީ އަތުގައި ބޯޅަ ޖެހުމުގެ ސަބަބުން ޕީއެސްޖީއަށް ލިބިގެންދިޔަ ޕެނަލްޓީ ވިޓީނިއާ ޖެހުމުން އާސެނަލްގެ ކީޕާ ޑޭވިޑް ރާޔާ ވަނީ ދިފާއު ކޮށްފައެވެ. ނަމަވެސް އާސެނަލްއަށް މި ގޮތުގައި މާގިނައިރަކު އޮވެވޭގޮތެއް ނުވިއެވެ. މި ގޮތުން މެޗުގެ 72 ވަނަ މިނެޓުގައި އުފެއްދި ކައުންޓާ އެޓޭކެއްގައި އަޝްރަފް ހަކީމީ ވަނީ ޕީއެސްޖީއިން މިމެޗުގައި ކާމިޔާބު ކުރި ދެ ވަނަ ލަނޑު ކާމިޔާބު ކޮށްދީ އެގްރިގޭޓް ނަތީޖާ ތިން ލަނޑު ސުން ލަނޑަށް ބަދަލުކޮށްފައެވެ. މި މެޗުގައި އާސެނަލްއިން ކާމިޔާބު ކުރި ހަމައެކަނި ލަނޑު މެޗުގެ 76 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދިނީ ބުކާޔޯ ސާކާއެވެ. މި ލަނޑާއެކު އާސެނަލްއިން އިތުރު ލަނޑެއް ޖެހޭތޯ މަސައްކަތް ކުރި ނަމަވެސް އެ ޓީމަށް އިތުރު ލަނޑެއް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ. ނަމަވެސް ސާކާއަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެން ގޮސްފައެވެ. މި ކާމިޔާބީ އާއެކު ޕިއެސްޖީއިން މި ވަނީ އެ ކްލަބްގެ ތާރީހްގައި ޗެމްޕިއަންސް ލީގުގެ ފައިނަލުން ދެވަނަ ފަހަރަށް ޖާގަ ހޯދާފައެވެ. މި މަހުގެ 31 ވަނަ ދުވަހު މިޔުނިކްގެ އަލިއާންޒް އެރިނާގައި ކުޅުމަށް ހަމަޖެހިފައިވާ ފައިނަލްގައި ޕީއެސްޖީ ބައްދަލުކުރާނީ އެފްސީ ބާސެލޯނާ ބަލިކޮށް ފައިނަލުން ޖާގަހޯދި އިންޓާ މިލާން އާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ