ޔުމްނުގެ ހާދިސާއާ ގުޅިގެން މީކާއިލް ވާހަކަދެއްކެވުމުން މަޖިލީހުގެ ރިޔާސަތުން ހުރަސްއަޅައިފި ޔުމްނުގެ ހާދިސާއާ ގުޅިގެން މީކާއިލް ވާހަކަދެއްކެވުމުން މަޖިލީހުގެ ރިޔާސަތުން ހުރަސްއަޅައިފި

މިމަހުގެ 18 ވަނަ ދުވަހު ހ. ފެންޓެނޯއީ ގޭގެ ނުވަ ވަނަ ފަންގިފިލާއިން ހައްވާ ޔުމްނު ރަޝީދު 21، ވެއްޓުނުތާ ތިން ގަޑިއިރު ވީއިރުވެސް މަރުވާން ދޫކޮށްލާފައި އޮތް މައްސަލައާ މެދު ކަންބޮޑުވުން ފާޅު ކުރައްވައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު، މީކާއިލް އަހުމަދު ނަސީމް ވާހަކަދައްކަވަން ފެށްޓެވުމުން ރިޔާސަތުން ހުރަސް އަޅައިފި އެވެ.
މާފަންނު މެދު ދާއިރާގެ މެންބަރު، އަސްމާ ރަޝީދު ހުށަހެޅުއްވި ބޯހިޔާވަހިކަމުގެ ބިލަށް ބަހުސް ކުރައްވަމުން މީކާއިލް ވިދާޅުވީ މުޖުތަމައުގައި ހުރި ގިނަ މައްސަލަތައް ގުޅިފައި އޮތީ ބޯހިޔާވަހިކަމާ ކަމަށެވެ. އެގޮތުން ބޯހިޔާވަހިކަމުގައި ގެންގުޅޭ ތަފާތުކުރުން އެހެން ކަންކަމުގައި ވެސް އިދާރާތަކުން ގެންގުޅޭ ކަމަށް މީކާއިލް ވިދާޅުވި އެވެ.
"ދާދި ފަހުން 21 އަހަރުގެ އަންހެން ޒުވާނަކު، އަޅުގަނޑުގެ ދާއިރާއަށް ނިސްބަތްވާ ޒުވާނެއް، ފުރާޅެއް މަތީ ވެއްޓިފައި ތިން ގަޑިއިރު ވަންދެން އިއްޒަތްތެރި ރައީސް މަރުވާން ދޫކޮށްފައި އޮތް އޮތުން، އަޅުގަނޑު ހަރުކަށި އިބާރާތުން ކުށްވެރި ކުރަން،" އޭނާ ވިދާޅުވި އެވެ.
އެކަމާ ކަންބޮޑުވުން ފާޅުކުރައްވައި މީކާއިލް ވާހަކަ ދައްކަވަން ފެއްޓެވުމުން މަޖިލީހުގެ ރިޔާސަތުގައި އިންނެވި ދިއްގަރު ދާއިރާގެ މެންބަރު، އަހުމަދު ނާޒިމް ވަނީ ބަހުސް ކުރަމުންދާ ބިލުގެ މައުލޫއަށް ވާހަކަދައްކަވަން މީކާއިލްއަށް އަންގަވައިފަ އެވެ.
ނަމަވެސް މީކާއިލް ވިދާޅުވަމުން ގެންދެވީ ބަހުސް ކުރައްވަމުން ގެންދަވަނީ ހުށަހެޅިފައިވާ ބިލާ ގުޅޭގޮތުން ކަމަށާއި ޔުމްނުގެ މައްސަލަ ވެސް ގޮސް ގުޅެނީ ބޯހިޔާވަހިކަމާ ކަމަށެވެ.
"އިއްޒަތްތެރި ރައީސް، އެ ކުއްޖާގެ ސާމްޕަލް ނެގުމުގައި ފުލުހުންގެ އިހުމާލު، އިންތިހާއަށް، އިންތިހާއަށް އިއްޒަތްތެރި ރައީސް އަޅުގަނޑުމެންނަށް ފާހަގަވޭ،" މީކާއިލް ވިދާޅުވި އެވެ.
އެއާއެކު ދެ ވަނަ ފަހަރަށް މަޖިލީހުގެ ރިޔާސަތުން ވަނީ އެ ވާހަކަދައްކަވަން ފުރުސަތު ނުދެއްވާނެ ކަމަށް ވިދާޅުވެ މީކާއިލްއަށް އިންޒާރު ދެއްވައިފަ އެވެ. އަދި އެ ގޮތަށް ވާހަކަދައްކަވާ ނަމަ ފުރުސަތު އަތުލާނެ ކަމަށް ވިދާޅުވެ މަޖިލީހުގެ ރިޔާސަތުން މީކާއިލްއަށް އިންޒާރު ދެއްވި އެވެ.
"މި ބިލުގައި އެހެން މައުލޫއަކަށް ވާހަކަދައްކާކަށް އަޅުގަނޑަށް ފުރުސަތެއް ނޭރުވޭނެ، އިއްޒަތްތެރި މެންބަރު ތިގޮތަށް ވާހަކަދައްކަވާ ނަމަ ފުރުސަތު އަތުލެވޭނެ ވާހަކަ ދަންނަވަން،" ނާޒިމް ވިދާޅުވި އެވެ.
ނާޒިމްގެ އެ ވާހަކައަށް ރައްދު ދެއްވައި މީކާއިލް ވިދާޅުވީ ފުރުސަތު އަތުލެއްވިޔަސް ޔުމްނު ވެއްޓުނު ހާދިސާގައި ކަންހިނގައި ދިޔަ ގޮތުގެ ވާހަކަ ދައްކަވަނާނެ ކަމަށެވެ.
"އިއްޒަތްތެެރި ރައީސް ފުރުސަތު އަތުލިޔަސް ނުލިޔަސް އަޅުގަނޑު މިއަދު ގޮވައިލަން މިނިސްޓަރު އަމީން އިސްތިއުފާ ދެއްވަންޖެހޭ، އެ ކުއްޖާގެ ހައްގުގައި މިހާރު މި ކުރަމުންދާ މުޒާހަރާތައް އިތުރަށް ކުރިއަށް ގެންދަން އަޅުގަނޑު ހިތްވަރު ދެން،" މީކާއިލް ވިދާޅުވި އެވެ.
މީކާއިލްގެ ވާހަކަ އެ ހިސާބަށް ދިޔުމާއެކު މަޖިލީހުގެ ރިޔާސަތުން ވަނީ ވާހަކަދެއްކުމުގެ ފުރުސަތު އަތުލައްވައި އެހެން މެންބަރަކަށް ވާހަކަދެއްކުމުގެ ފުރުސަތު ދެއްވައިފަ އެވެ.
ޔުމްނު ވެއްޓުނު ހާދިސާއާ ގުޅޭގޮތުން މީކާއިލް ދެއްކެވި ވާހަކައަށް މަޖިލީހުގެ ރިޔާސަތުން ހުރަސް އެޅުއްވިއިރު، އެ މައްސަލައިގެ ތަހުގީގަށް މިނިސްޓަރު، އަމީން ނުފޫޒު ފޯރުވާ ކަމަށް ބުނެ ކެންދޫ ދާއިރާގެ މެންބަރު، މައުރޫފް ޒާކިރު ހުށަހެޅުއްވި ކުއްލި މައްސަލަ ވެސް ރިޔާސަތުން ބަލައިނުގަތުމަށް ރިޔާސަތުން ވަނީ ނިންމައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ