ޣައްޒާގެ އާންމުން ބަނޑަށް ޖައްސާ މައްސަލައިގައި ބައިނަލްއަގްވާމީ ކޯޓަށް ކުއްލި މައްސަލައެއް

ދަ ހޭގް (28 އެޕްރީލް 2025) : ޣައްޒާގެ އާންމު ރައްޔިތުން ބަނޑަށް ޖެއްސުމަށްޓަކައި ޣައްޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ތަކެތި ވެއްދުން އިސްރާއީލުން ހުއްޓުވާފައިވާތީ އެކަން ކުއްލި މައްސަލައެއްގެ ގޮތުގައި ބައިނަލްއަގްވާމީ އިންސާފުގެ ކޯޓު (އައިސީޖޭ) އިން ބަލަން ފަށައިފިއެވެ. ދުނިޔޭގެ އެންމެ ނުރައްކާތެރި ޓެރަރިސްޓް އެންޓިޓީ ކަމަށްވާ ޔަހޫދީ އިސްރާއީލުން ބުނަނީ ހަނގުރާމަ ހުއްޓައި ނުލާނެ ކަމަށާއި އަދި ޣައްޒާގެ އާންމުން ކާބޯތަކެއްޗާއި ބޭހާއި އިންސާނީ އެހީން ވެސް މަހުރޫމް ކުރާނެކަމުގައެވެ. މި މައްސަލައިގައި އދ. ން އިސްރާއީލާ ދެކޮޅަށް އުފުލާފައިވާ ދައުވާގައި ގާތްގަނޑަކަށް 40 ގައުމަކުން އިސްރާއީލާ ދެކޮޅަށް ވަކާލާތު ކުރާނެއެވެ. މިދިޔަ މާޗް މަހުގެ ދެވަނަ ދުވަހުން ފެށިގެން އިސްރާއީލުގެ ސަރުކާރުން ވަނީ ޣައްޒާއަށް އެއްވެސް ބާވަތެއްގެ ކާބޯ އެއްޗެއް ވެއްދުން ހަތިޔާރުގެ ބޭނުންކޮށްގެން ހުއްޓުވާފައެވެ. ކާބޯތަކެތިން އިންސާނުން މަހުރޫމް ކުރުމަަކީ ބައިނަލްއަަގްވާމީ ގާނޫނުގައި ނަސްލު ނައްތާލުމުގެ ޖަރީމާއެކެވެ. މި މައްސަލަ ބަލަނީ ބައިނަލްއަގްވާމީ އިންސާފުގެ ކޯޓު 15 ފަނޑިޔާރުން ހިމެނޭ ޕެނަލް އަކުންނެވެ. ނަމަވެސް އެމެރިކާއަކީ ޣައްޒާގެ ރައްޔިތުންގެ ނަސްލު ނައްތާލުމަށް އިސްރާއީލުން ހިންގާ ޖަރީމާތަކުގަ އާއި ޣައްޒާގެ އާންމު ރައްޔިތުން ބަނޑަށް ޖެއްސުމަށްޓަކައި އިސްރާއީލު ހިންގާ ޖަރީމާތަކާ އަދި އިސްރާއީލުން ހިންގާ ޔަހޫދީ ޓެރަރިޒަމްވެސް ސްޕޮންސާކުރާ މައިގަނޑު ގައުމު ކަމަށްވާތީ މިމައްސަލާގައި އަވަސް ނިންމުންތަކެއް އިސްރާއީލާ ދެކޮޅަށް ނިންމަން ބައިނަލްއަގްވާމީ އިންސާފުގެ ކޯޓު ފަސްޖެހިދާނެކަމަށް ބައިނަލްއަގްވާމީ މައްސަލަތަކުގައި ވަކާލާތުކުރާ ފަރާތްތަކުން ބުނެއެވެ. ޣައްޒާގެ އާންމު ރައްޔިތުން ބަނޑަށް ޖައްސައި ހައިހޫނު ކަމުގައި މަރަނީ ޣައްޒާއަށް ބޮންއަޅައިގެން ހާސިލް ނުކުރެވޭ ހަނގުރާމައިގެ މަގުސަދުތައް ޣައްޒާގެ އާންމުން ބަނޑަށް ޖައްސައިގެން ހާސިލް ކުރުމުގެ ބޭނުމުގައި ކަމަށް ވަނީ ބެލެވިފައެވެ. ޣައްޒާއިން ކާބޯތަކެތި މުޅިން ހުސްވެފައިވާ ކަމަށް އދ. ން ބުނެއެވެ. މިއާއެކު ކާބޯތަކެތި ވައްދަން އިސްރާއީލަށް ފިއްތުންތައް ކުރިމަތި ކުރުމަށް އދ. ން ވަނީ ބައިނަލްއަގްވާމީ މުޖްތަމައަށް އެތައް ފަހަރަކު ގޮވާލާފައެވެ. އދ. ބުނާގޮތުން ފާއިތުވި ހަތަރު ހަފުތާގައި ހައިހޫނުކަމުގައި ޣައްޒާއިން ވަނީ 53 މީހަކު މަރުވެފައެވެ. އޭގެތެރޭގައި ގިނައީ ކުޑަ ކުދިންނާއި މުސްކުޅިންނެވެ. ޣައްޒާގެ ރައްޔިތުން މިހާރު ތަހައްމަލްކުރާ ހައިހޫނުކަން ފާއިތުވި 30 އަހަރު ތެރޭގައި ދުނިޔޭގެ އެއްވެސް ގައުމަކުން ތަހައްމަލްކޮށްފައި ނުވާކަމަށް އދ. ން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ