ހައްވާ ޔުމްނު ރަޝީދު ވެއްޓުމުގެ ހާދިސާގެ ކުރިން އެ ރޭ އޭނާ ފުރަތަމަ ދިޔަ މއ. މާންދޫގެ ދެކުނުގެ ސީސީޓީވީ ފުޓޭޖު ފުލުހުންނަށް ލިބިފައި ނުވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ. އެއީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އާއި އޭނާގެ އެއްބަނޑު އެއްބަފާ މީހުންގެ ގެ އެވެ.
ވީ ކިހިނެއް؟ - މި ހާދިސާގެ ތަހުގީގަށް ގާތްގަނޑަކަށް ހަފްތާއެއްހާ ދުވަސް ފަހުން މިދިޔަ ބުރާސްފަތި ދުވަހު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް 'ދައުރު'ން ވަނީ އަމީންގެ ގޭގެ ސީސީޓީވީ ވީޑިއޯތައް ފުލުހުންނަށް ލިބިފައިވޭތޯ ސުވާލުކޮށްފަ އެވެ.
އެ ނޫސްވެރިންގެ ބައްދަލުވުމުގައި އޭރުގެ ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވީ:
ހާދިސާއާ ގުޅުން ހުރި ގެތަކުގެ ފޫޓޭޖުތައް ފުލުހުން އެއްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް
އެ ސުވާލުގެ ޖަވާބު ލިބޭނީ އެ މަސައްކަތް ނިމުމުން ކަމަށް ޝުޖާއު ވިދާޅުވި
ތަފްސީލް - އެ ގޭގެ ކެމެރާގެ ވީޑިއޯތައް ފުލުހުންނަށް ލިބިފައިވޭތޯ މިއަދު 'ދައުރު'ން ސުވާލު ކުރުމުން ފުލުހުންގެ މީޑިއާ ޑިޕާޓްމަންޓުން އެ ސުވާލަށް ފޮނުވި މެސެޖުގައި ބުނީ:
މއ. މާންދޫގެ ދެކުނުގޭގެ ސީސީޓީވީ ކެމެރާގެ ވީޑިއޯތައް ފުލުހުންނަކަށް ނުލިބޭ
"ސީސީޓީވީ ކެމެރާ ހަލާކުވެފައިވާ ކަމަށް" ގޭގެ ވެރިފަރާތުން ފުލުހުންނަށް މައުލޫމާތު ދީފައިވޭ
ފުލުހުން ފޮނުވި މެސެޖުގައި އިތުރަށް ބުނީ، ވެރިފަރާތުން ބުނި ގޮތަށް ސީސީޓީވީ ކެމެރާ ހަލާކުވެފައިވޭތޯ ޔަގީން ކުރުމަށް "ކުރެވެން ހުރި މަސައްކަތެއް ކޮށް، ފުޓޭޖު ނެތްކަން ފުލުހުން ވަނީ ކަށަވަރުކޮށްފައި" ކަމަށެވެ.
އިތުބާރުހުރި ގިނަ މަސްދަރުތަކަކުން 'ދައުރު'އަށް ކަށަވަރުކޮށްދިން ގޮތުގައި، މާންދޫގެ ދެކުނުގޭގެ ސީސީޓީވީ ކެމެރާގެ ވީޑިއޯތައް ރެކޯޑްކުރާ ސިސްޓަމް، ޑީވީއާރު ވެސް ފުލުހުންނަށް ދައްކާފައެއް ނުވެ އެވެ. އެ ގޭގެ ފަރާތުން ހަމައެކަނި ބުނެފައިވަނީ ޑީވީއާރު ހަލާކުވެފައިވާ ކަމަށެވެ.
ފުލުހުން އެ ގޭގެ ސީސީޓީވީ ކެމެރާގެ ވީޑިއޯތައް ހޯދަން މަސައްކަތް ކުރީ މިދިޔަ ހޮނިހިރު ދުވަހުކަން ވެސް އެނގިފައިވެ އެވެ.
ފާހަގަކޮށްލެވޭ - އަމީން ދިރިއުޅުއްވަނީ ވެސް މާންދޫގެ ދެކުނުގޭގެ އެޕާޓްމަންޓެއްގައި ކަމަށްވާއިރު، އާންމުކޮށް މިނިސްޓަރުން ދިރިއުޅުއްވާ ގޭގޭގައި ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ކެމެރާ ހަރުކުރަން ސިފައިން މަޖުބޫރު ކުރެ އެވެ. އަދި އެކަން ބައެއް ފަހަރު ސިފައިން އަމިއްލައަށް ވެސް ކުރެ އެވެ.
މިނިސްޓަރުންގެ ސަލާމަތީ ކަންކަން ބަލަހައްޓަނީ ސިފައިންނެވެ.
މިނިސްޓަރު އަމީންގެ ގޭގެ ސީސީޓީވީ ވީޑިއޯ ފުލުހުންނަށް ނުލިބުނު؛ ބުނީ ހަލާކުވެފައިވާ ކަމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ