މަޑުލު ވަހީދުގެ މަސައްކަތްތަކުން ދިވެހީންނަށް އަބަދު އިބުރަތް ލިބޭނެ: މައުމޫން

ދިވެހި އަދަބިއްޔާތާއި ނޫސްވެރިކަމަށް ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ، ދިވެހިބަހާއި ސަގާފަތާ ތަރިކައާ ބެހޭ ވުޒާރާގެ މުޝީރު, މަޑުލު މުހައްމަދު ވަހީދުގެ އަގުބޮޑު މަސައްކަތްތަކުން ދިވެހީންނަށް އަބަދު އިބުރަތް ލިބޭނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް މިއަދު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވެފައިވަނީ މިއަދު މެންދުރު 01:30 ގައި ދިވެހި ބަހުގެ އެކަޑަމީއަށް ވަޑައިގެން މަޑުލު މުޙައްމަދު ވަހީދުގެ ތައުޒިޔާ ދަފުތަރުގައި ލިޔުއްވި ލިޔުމެެއްގައެވެ. އެ ލިޔުމުގައި މައުމޫން ލިޔުއްވާފައިވަނީ މަރުހޫމް މަޑުލު ވަހީދަކީ ދިވެހި ގައުމަށާއި ވަކިން ޚާއްސަކޮށް ދިވެހިބަހާއި އަދަބިއްޔާތާއި ސަގާފަތަށް އަގުނުކުރޭ ފަދަ ބޮޑެތި ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެއް ކަމަށެވެ. މަޑުލު މުޙައްމަދު ވަހީދުގެ ދަފުތަރުގައި މައުމޫން ލިޔުއްވި ލިޔުން --- ސަން ފޮޓޯ އެގޮތުން، މަޑުލު ވަހީދަކީ ކުޅަދާނަ އަދީބެއްގެ ގޮތުގައާއި މޮޅު ލިޔުންތެރިއެއްގެ އިތުރުން ލާމާސީލު އުސްތާޒެއްގެ ގޮތުގައި މައުމޫން ވަނީ ފާހަގަކުރައްވާފައެވެ. މައުމޫން އިތުރަށް ލިޔުއްވާފައިވާ ގޮތުން މަރުހޫމް މަޑުލު ވަހީދު ކުރައްވާފަައިވާ މަސައްކަތްތަކާއި އަގުހުރި ޚިދުމަތްތައް ދިވެހިންގެ ތެރޭގައި އަބަދަށްޓަކައި ރައްކާކުރެވިފައި ހުންނާނެ ކަމަށެވެ. https://x.com/dhivehiekedamee/status/1916797458673541451 "އެ އަގުބޮޑު ތަކެތިން އަޅުގަނޑުމެނަށް ލިބޭނެ އިބުރަތްތައް އަބަދުމެ ލިބިލިބި ހުންނާނެ. މާތް ﷲ މިފަދަ އަގުބޮޑު ޚިދުމަތްތެރިން އަބަދުވެސް ދިވެހިރާއްޖެއަށް މިންވަރު ކުރައްވާށި. އެފަދަ ޚިދުމަތްތެރިންގެ ފައިދާ ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖެއަށް ކުރައްވާށި" މައުމޫން ލިޔުއްވާފައިވެއެވެ. ދިވެހި ބަހުގެ އެކަޑަމީގެ ރައީސް ޑރ. އަޝްރަފް އަބްދުއްރަހީމް ކުރީގެ ރައީސް މައުމޫން އަބްދުޤައްޔޫމާ ސަލާން ކުރައްވަނީ --- ފޮޓޯ/ ދިވެހިބަހުގެ އެކަޑަމީ މީގެ އިތުރުން، މަޑުލު ވަހީދު އަވަހާރަވުމަކީ ގައުމަށް ލިބުނު ހިތަމާއެއް ކަމުގައި ފާހަގަކުރައްވައި މައުމޫން ވަނީ މަޑުލު ވަހީދުގެ އާއިލާއަށް ތައުޒިޔާ ދަންނަވާފައެވެ. މަޑުލު ވަހީދު އަވަހާރަވީ މި މަހުގެ 14ވަނަ ދުވަހެވެ. ވަހީދުގެ ހަނދާނުގައި ތައުޒިޔާގެ ދަފުތަރެއް ހުޅުވީ މި މަހުގެ 17 ވަނަ ދުވަހުގައެވެ. އުމުރުން 77 އަހަރުގައި ވަހީދު އަވަހާރަވީ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަމުން ގެންދަވާތާ ގިނަ ދުވަސްތަކަކަށް ފަހު, އައިޖީއެމްއެޗް ހޮސްޕިޓަލުގައެވެ. ވަހީދުގެ ތައުޒިޔާގެ ދަފުތަރުގައި ޝުއޫރު ފާޅުކުރެއްވުމަށް ހުޅުވާލާފައިވަނީ މި މަހުގެ 30ވާ ބުދަ ދުވަހުގެ ނިޔަލަށް ރަސްމީ ދުވަސްތަކުގެ ހެނދުނު 09:00އިން ފެށިގެން މެންދުރު ފަހު 1:30އަށް ދިވެހިބަހުގެ އެކެޑަމީގައެވެ. މަޑުލު ވަހީދަކީ ދިވެހިބަހާއި އަދަބިއްޔާތާއި ތާރީޚާއި ސަގާފަތުގެ ރޮނގުން ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. އޭނާ އަވަހާރަވީއިރު ދިވެހިބަހުގެ ލިޔުންތެރިކަމުގެ ދާއިރާގައި މެދުނުކެނޑި ޚިދުމަތް ކުރައްވަމުން ގެންދަވާތާ ބައިގަރުނެއްހައި ދުވަސް ވަނީ ވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ