އަރުޝަދުގެ އާއިލާ މާފުށީގައި

ބޮލީވުޑް އެކްޓަރު އަރުޝަދު ވަރުސީގެ އާއިލާ ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އަތުވެއްޖެއެވެ. އަރުޝަދުގެ އާއިލާ ރާއްޖޭ އައިސްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. އިންޑިއާގެ ގިނަ ފިލްމީ ތަރިން ރާއްޖެ އައުމަށް ފަހު ރިސޯޓުތަކުގެ ހިތްގައިމުކަން ތަޖުރިބާކުރަން ބޭނުންވި ނަމަވެސް މި އާއިލާއިން ބޭނުންވީ ރަހުމަތްތެރިންނާ އެކު ރާއްޖޭގެ ހިތްގައިމު ރަށެއްގެ ރީތި ގޮނޑުދޮށްތަކާ އެކު 'އައިލެންޑް ލައިފް' ތަޖުރިބާކޮށްލުމަށެވެ. އެގޮތުން، އަރުޝަދުގެ އަންހެނުންނާއި ދެ ކުދިން އަދި އާއިލާގެ ބައެއް ރަހުމަތްތެރިންގެ ގްރޫޕަކުން މި ފަހަރު ޚިޔާރުކުރީ މާލެ ކައިރީގައި އޮންނަ ފަތުރުވެރިންގެ މެދުގައި މަޝްހޫރު މާފުށީގައި މަޑުކޮށްލުމަށެވެ. މާރިއާ މާފުށީގައި ނަގާފައިވާ ފޮޓޯއެއް--ފޮޓޯ/އިންސްޓަގްރާމް އަރުޝަދުގެ އަންހެނުން މާރިއާ ގޮރެޓީގެ ރަސްމީ އިންސްޓަގްރާމްގެ ސްޓޯރީގައި ހިއްސާކޮށްފައިވާ ވީޑިއޯތަކުން އެނގޭ ގޮތުގައި މި ދަތުރުގައި މާރިއާއާ އެކު ފިރިމީހާ/އެކްޓަރު ބައިވެރިވެފައެއް ނުވެއެވެ. އެ އާއިލާގެ މި ދަތުރަކީ ރާއްޖޭގެ ކަނޑު އަޑީގެ ހިތްގައިމުކަން ތަޖުރިބާކޮށްލުމަށް ކުރި ޚާއްސަ ދަތުރެއްކަމަށް ބުނެފައިވާއިރު ޑައިވިންއަށް ގޮސް ނަގާފައިވާ ބައެއް ވީޑިއޯތައް ވެސް ވަނީ އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ. މާރިއާގެ އާއިލާއިން ވަނީ 2019 ވަނަ އަހަރު ވެސް ސްކޫބާ ޑައިވިންގް ތަޖުރިބާކުރުމުގެ ގޮތުން ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މަޝްހޫރު ޗެނަލް އެމްޓީވީގެ ވީޖޭއެއްގެ ގޮތުގައި މީގެ ކުރިން މަސައްކަތްކޮށްފައިވާ މާރިއާއަކީ މިހާރު އިންޑިއާގެ އެންމެ މަޝްހޫރު ޝެފުންގެތެރޭ ހިމެނޭ މީހެކެވެ. މާރިއާއަކީ އަމިއްލަ ކައްކާ ޝޯތައް ވެސް ހޯސްޓު ކުރަމުން އަންނަ ފަރާތެކެވެ. އަރުޝަދާއި މާރިއާ ކައިވެނިކޮށްފައިވަނީ 1999ވަނަ އަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ